27 Mar 2012, 11:48
ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށާއި ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އަފީފު މިއަދު ވިދާޅުވީ މިއަދު މެންދުރު ފަހު 2:00 ޖަހާ އިރަށް އެޗްއާރުސީއެމަށް ހާޒިރުވާން އެނާއަށް އަންގާފައިވަނީ އިއްޔެ ކަމަށާއި މިރޭ 9:00 ޖަހާއިރު ފުލުސް އޮފީހަށް ވެސް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވީ އޭނާ ވެސް އެޗްއާރުސީއެމަށް ހާޒިރުވާން އަންގާފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ސުވާލު ކުރަން ކަމަށް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވީ މާދަމާ [މިއަދު] އެޗްއާރްސީއެމަށް ހާޒިރުވެ ދެއްވާށޭ، ފަސޭހަ ވަގުތެއްގައި ދިއުމަށް އެދިވަޑައިގަތީ، އަޅުގަނޑު ދެންނެވި ކޮމިޝަނަށް ރަނގަޅު ކޮންމެ ގަޑިއެއް އަޅުގަނޑަށް ރަނގަޅޭ،" އަފީފު ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ ފުލުހުންގެ ޗިޓުގައިވާ ގޮތަށް މިރޭ ފުލުހަށް ހާޒިރުވެ ވަޑައިގަންނަވާނެ ކަމަށެވެ. ފުލުހުން ބުނީ އަފީފު ހާޒިރު ކުރައްވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ސުވާލު ކުރުމަށް ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޗްއާރްސީއެމަށް ހާޒިރުކޮށްފައިވާއިރު އެމަނިކުފާނު ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ޑިފެންސް މިނިސްޓްރީން ކަމަށެވެ. އޭގެ ފަހުން އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނު އެ ކޮމިޝަނަށް ހާޒިރުކުރުމުން ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ އެކަހެރިކުރީ ގައުމީ ސަލާމަތާއި ގުޅުން ހުރި ކަމެއްގައި ކަމަށްވާތީ އެ މައުލޫމާތު ކޮމިޝަނަށް ނުދެއްވާނެ ކަމަށެވެ.