21 Jul 2022, 08:58
ދީނީ ކަމެއްގައި ހައްގަކާ ނުލައި އިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ އިލްމުވެރިންނަށް އަނިޔާކުރުން ފަދަ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަަގަކުރަމުންދަނިކޮށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކުގެ މައްސަލާގައި ދެ ދީނީ އިލްމުވެރިން ކަމަށްވާ އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް އާއި އައްޝައިޚް ފަޒްލޫން ބިން މުޙައްމަދު ވަނީ ހައްޔަރުކޮށްފައެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޑރ. އަލީ ޒާހިރު ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ޔޯގާއާ ދެކޮޅަށް އަޑުއުފުލި ދެ ދީނީ އިލްމުވެރިން ހަމަނުޖެހުމުގައި ބައިވެރިވެފައި ނުވަނީސް ރަޙުމުކުޑަ ގޮތަކަށް ހައްޔަރު ކޮށްގެން ވާނުވާގައި ބޭތިއްބުން ޤަބޫލު ނުކުރެވޭ ކަމަށެވެ.
"ދީނީ ކަމެއްގައި ހައްގަކާ ނުލައި އިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ އިލްމުވެރިންނަށް އަނިޔާކުރުން ފަދަ ކަމެއް،" އޭނާގެ ޓުވީޓުގައިވެއެވެ.
ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ ދީނީ އިލްމުވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށް އަދިވެސް ދޫކޮށްލާފައިނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އެކަމަށް ފާޑު ކިޔަމުންނެވެ.
އެ މައްސަލާގައި ދެ ދީނީ އިިލްމުވެރިން ހިމެނޭހެން ޖުމުލަ 21 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން ހަ މީހަކު ވަނީ މިހާރު ބަންދުން ދޫކޮށްލާފައެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.
ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.
އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ކެބިނެޓްގެ ސަބް ކޮމިޓީއެއް ވެސް ވަނީ އުފައްދާފައެވެ.