20 Jul 2022, 21:04
މޯލްޑިވްސް ކަރެކްޝަން ސާވިސަސް (އެމްސީއެސް)އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް، ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ އެމްސީއެސްއަށް އަލަށް ވަންނަ މުވައްޒަފުންނަށް ކިޔަވައިދިނުމުގައި މަސައްކަތް ކުރާ އެތަނުގެ މުދައްރިބުންގެ ހުނަރު މަތިކޮށް އިތުރަށް ތައްޤީ ކުރުމުގެ ގޮތުން "އިންސްޓްރަކްޓާ ޓްރެއިނިން ޕްރޮގްރާމް" އިފްތިތާހު ކުރުމަށް މާފުށީ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒުން ރާވައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މުއްދަތަކީ 15 ދުވަހެވެ. މިއީ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗެވެ.
މި ޕްރޮގްރާމްގެ މަޤްސަދަކީ ޕްރިޒަން އޮފިސަރުން، އެމީހަކާއި ގުޅޭ ދާއިރާއަކުން ނުވަތަ އެނޫން ވެސް ދާއިރާއަކުން އެމީހަކު ދަސްކޮށްފައިވާ އިލްމާއި ފަންނީ ހުނަރެއް އެހެންބަޔަކަށް އުނގަންނައިދިނުމުގެ ހުނަރާއި ޤާބިލްކަން ލިބިދިނުމާއި މިރޮނގުން ހުނަރުވެރި މުދައްރިބަކު އުފެއްދުން ކަމަށް ކަރެކްޝަނުން ބުންޏެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، އެ މުވައްސަސާއާ އަލަށް ގުޅޭ ފަރާތްތައް ތަމްރީންކުރުމަށް ޓަކައި ތަމްރީންވާ ފަރާތްތަކަށް އެ ހަވާލު ކުރެވެނީ ވަރަށް މަތިވެރި އަމާނާތަކާއި މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ތަޖުރިބާއާއި ތަމްރީނު ލިބިފައި ގާބިލު ޓީމެއް ވަރަށް މުހިއްމު ކަމަށެވެ.
"ރަނގަޅު، ޕްރޮފެޝަނަލް ވޯކް ފޯހެއް ބިނާ ކުރުމަކީ ދިމާވާ ގިނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމެއް،" ސީޕީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކަން ރަނގަޅުކުރުމަށް ޓަކައި އައިކޯސްޓްގެ ވިސްނުމާއި އެހީތެރިކަމާއެކު އިންސްޓްރަކްޓަރުންގެ ކޯހެއް ފަރުމާކުރެވި، މިއަދު ފެށި ކޯހުގެ ބައިވެރިންނަކީ އައިކޯސްޓްއިން އޮފިސަރުންގެ ތެރެއިން ފާހަގަކޮށްލެވިގެން ހޮވާލެވުނު އޮފިސަރުން ކަމަށެވެ. އަދި ވިދާޅުވީ މި ތަމްރީން ޕްރޮގްރާމުން ދަސްވާ އެއްޗެހީގެ އަލީގައި ކުރިއަށް އޮތް ތަނުގައި ތަމްރީންކުރާ އޮފިސަރުންނަކީ ވީހާވެސް ޕްރޮފެޝަނަލް އަދި ޤާބިލް ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް މެނޭޖިން އޮފިސާސް ޕާފޯމަންސް، ލެސަން ޕްލޭން، ފިޒިކަލް ޓްރެއިނިން، ސްވިމިން، ރިސްކް މެނޭޖްމަންޓް، ކުލާސް ރޫމް މެނޭޖްމަންޓް، ފުޓް ޑްރިލް، އޮބްޖެކްޓިވް ރައިޓިން، ފަސްޓް އެއިޑް އަދި ޓީޗިން ޕްރެކްޓިސް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ.