ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 30ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ.

މި ޤާނޫނަކީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަޤްވާމީ ވިޔަފާރީގެ ސަބަބުން، ނެތިދިޔުމުގެ ބިރުހީވެފައިވާ އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓްކުރެވޭ ދިރޭ ތަކެއްޗާއި، އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކަނޑައަޅާފައިވާ ގާނޫނެކެވެ.

އަދި މި ގާނޫނުގައި އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާބެހޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއިން 2013 ވަނަ އަހަރު ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" ޤައުމީ ފެންވަރުގައި ތަންފީޒުކުރުމެވެ.

މި ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފެށުމުން ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.