20 Jul 2022, 17:07
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ވައްކަންކޮށްފައިވާ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެފްޕީއޭއިން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިމަހުގެ 18 ވަނަ ދުވަހުގައެވެ.
ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާތަކެތި ހޯދުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނުން ކުރި ހާއްސަ މަސައްކަތްތަކުގެ ތެރެއިން އެ ސަރަހައްދު ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ އަށް ލެޕްޓޮޕް، ދެ އައި ފޯނު އަދި އެހެނިހެން ތަކެތި ހޯދާފައިވާ ކަމަށެވެ.
މި ވައްކަމުގެ އިތުރުން ބުރުޒުމަގުގައި ހުރި ފިހާރައަކުން މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ފަތިހު، ވަގަށް ނަގާފައިވާ 18،000 އަށްވުރެ ގިނަ ރުފިޔާއާއި ޑޮލަރުތަކެއް ފުލުހުން ހޯދާފައިވެއެވެ.
ފުލުހުން ބުނީ އެ ފިހާރައިން ވައްކަން ކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ދިޔައިރު، ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރަން ފިހާރައަށް ވަދެ ހުރި މީހަކު ފެނިފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށް ނެގި 18،000 އަށްވުރެ ގިނަ ރުފިޔާއާއި ޑޮލަރުތަކެއް ފެނިފައިވެއެވެ.
ފިހާރައިން ވައްކަންކުރި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
އޭނާގެ ބަންދުގައި ބެހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ކޯޓުން ވަނީ ދީފައެވެ.