މި މަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖްކޮށް ދުވާލަކު 4431 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަދަދަކީ ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރުގެ ޖުލައި މަހު އެ ރޭޓު ހުރި ވަރަށް ވުރެ މަތީ އަދަދެކެވެ. އެ އަހަރުގެ ޖުލައިމަހު، ދުވާލަކު އެވްރެޖްކޮށް އައީ 4179 ފަތުރުވެރިންނެވެ.

މި މަހުގެ މިހާތަނަށް 79،749 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެހާސް ނަވާރަވަނަ އަހަރުގެ ޖުލައި މަހުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތް ކުރީ 75،213 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ އިންޑިއާއިންނެވެ. އެގައުމުގެ ފަތުރުވެރިން ޖުމްލަ އަދަދުގެ 14.7 އިންސައްތަ ހިއްސާ ކުރެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އިނގެރޭސިވިލާތުން ހިއްސާކުރަނީ މާކެޓުގެ 11.7 އިންސައްތައެވެ.

ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އައި ހީނަރުކަމަށް ފަހު ރަޝިޔާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އަލުން އިތުރުވާން ފަށާފައެވެ. އެ މާކެޓުގެ ހިއްސާ ނުވަ އިންސައްތައަށް ވެއްޓުމަށް ފަހު، މިހާރު ވަނީ 10.4 އިންސައްތައަށް މަތިވެފައެވެ.

ރާއްޖޭގައި އެވްރެޖްކޮށް ފަތުރުވެރިން މަޑުކުރާ މުއްދަތު މިހާރު ހުރީ 8.1 ދުވަހުގައެވެ. މި އަހަރު ފެށުނު އިރު އެ ނިސްބަތް ނުވަ ދުވަހުގައި ހުރުމަތް ފަހު، މިދިޔަ މޭ މަހު 7.2 ދުވަހަށް ވެއްޓުނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 892,960 އެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 4.8 އިންސައްތަ ދަށް އަދަދެކެވެ.