ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށާއި ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ކުދިންނަށް ލިޔުން ހަވާލުކޮށްފިއެވެ.

އެ ދެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރީ ގިޔާސުއްދީން ސުކޫލުގައި އެކަމަށް ހާއްސަ ކޮށްގެން ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ހައި އެޗީވާސް ސްކޮލަޝިޕްގެ ލިޔުން މުޅި ޖުމްލަ 85 ދަރިވަރަކަށް ހަވާލުކުރިއިރު، އޭގެތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕްގެ ލިޔުން ހަ ދަރިވަރަކަށް ހަވާލުކުރިއެވެ. އެއީ އަންހެން ހަ ދަރިވަރުންނެވެ.

އެ ހަ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އެ ދަރިވަރުންނަކީ ފަސް މާއްދާއިން އޭ ސްޓާ ހޯދި ސީއެޗްއެސްއީގެ ފަސް އަންހެން ދަރިވަރުންނާއި ހދ. ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގެ އަންހެން ދަރިވަރެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފަސް މާއްދާއިން އޭ ހޯދައިގެން 79 ދަރިވަރަކަށް ހައި އެޗީވާސް ސްކޮލަޝިޕް ލިބިފައިވާކަމަށެވެ.

ހައި އެޗީވާސް ސްކޮލަޝިޕާއި ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުމުގެ ރަސްމިއްޔާތުުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ ދަރިވަރުން ޒަމާނީ ތައުލީމުގެ އޮޅިގަނޑުތައް ގިރާ ކުރަމުންދާއިރު، މި ދިވެހި އުންމަތް، އެ ކުދިންނަށް ބަލަން އޮތީ ވަރަށް އުއްމީދީ ނަޒަރަކުން ކަމަށެވެ. އަދި އެ ދަރިވަރުން އެ ނިކުންނަނީ ހުޅުވިފައިވާ ދުނިޔެއަކަށް ކަން ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަފާތު ސަގާފަތްތަކާއި ތަފާތު އާދަކާދަތަކުގެ މަސްހުނި ވެއްޓެއްގެ ތެރެއަށް ނިކުންނައިރު، އެ ވެށީގެ ތެރެއިން ޒަމާނީ އޮއިވަރާއި އުދަބާނިތައް އެ ދަރިވަރުން ވަށާލައި، ހިތްއެދޭ އެތައް ކަމެއް އެ ދަރިވަރުންގެ ވިސްނުމާ ކުޅެމުންދާނެ ކަމަށެވެ.

"ހޮޅިލާ ނަގައި ކިތަންމެ ރާޅެއް ތިޔަ ކުދިންގެ މިސްރާބު ބަދަލު ކުރުމަށް މަޖުބޫރު ކުރުވާނެ. ނަމަވެސް ތިޔައީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން ހަނދާނުގައި އަބަދު ވެސް ބަހައްޓާތި. ކޮންމެ ބިމެއްގައި ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް އިސްލާމް ދީނުގެ ސައްހަ އަގީދާއަށްވުރެ ބޮޑަށް ތިޔަ ކުދިންގެ ހިތުގެ މިސްރާބު ސީދާ ކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހޮޅިލާ ނަގާ ކިތަންމެ ރާޅެއް ދަރިވަރުންގެ މިސްރާބު ބަދަލު ކުރުމަށް މަޖުބޫރު ކުރުވާނެ ކަމަށާއި ނަމަވެސް އެ ދަރިވަރުންނަކީ ދިވެހި ފަސްގަނޑަށް އުފަން، ދިވެހި ދަރިންކަން ހަނދާނުގައި އަބަދު ވެސް ބަހައްޓަން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހައި އެޗީވާސް ސްކޮލަޝިޕާއި ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުމުގެ ރަސްމިއްޔާތުުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ކޮންމެ ބިމެއްގައި ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް އިސްލާމް ދީނުގެ ސައްހަ އަޤީދާއަށްވުރެ، ބޮޑަށް ދަރިވަރުންގެ ހިތުގެ މިސްރާބު ސީދާ ކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ ކަމަށެވެ.

ގައުމު މިހާރު އޮތް ހާލަތުން އެއަށްވުރެ، ރަނގަޅު ގޮތަކަށް ބަދަލު ކޮށްލެވޭނެ ގޮތަކާމެދު އަބަދުވެސް ޒުވާނުން ފިކުރު ހިންގަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެބަދަލު ގައުމަށް ގެނެވޭނީ ތިޔަ ދަރިވަރުންގެ ސިކުނޑީގެ ތެރޭގައި އެ ބަދަލު އުފަން ކުރުވައިގެން. ތިޔަ ކުދިން މަތީ ތައުލީމުގެ މަރުހަލާއާ ތިޔަ ކުރިމަތި ލަނީ ދުނިޔެއާއި ރާއްޖޭގެ ތާރީޚުގައި ވެސް ވަރަށް ނާޒުކު ދަނޑިވަޅެއްގައި. މި ހުރިހާ ދުވަހު މައިންބަފައިންނާއި ބެލެނިވެރިންގެ ހިޔާވަހިކަމުގެ ތެރޭގައި އުޅެމުން އައިއިރު ރާއްޖެެއާއި މުޅި ދުނިޔެ، ތަހައްމަލު ކުރަމުން މި ދާ ކަންތައްތައް ތިޔަ ކުދިންނަށް ވެސް އިހުސާސް ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތައުމުގެ ހަތަރު އުދަރެހުން އިގްތިސާދީ މައްސަލަތަކާއި ސިއްހީ ކާރިސާތަކާއި ތިމާވެށީގެ ނުރަނގަޅު އަސަރުތައް ތިލަވަމުންދާ ކަމަށާއި އެކަންކަމުގެ ލޮޅުންތައް އަޅުގަނޑުމެންގެ މުޖުތަމައުއަށް ފޯރާ މިންވަރު ދަރިވަރުންނަށް ވެސް މިހާރު ވަޒަން ކުރެވޭނެ ކަމަށެވެ.

"އެކަންކަމަށް ވިސްނާ ފިކުރު ހިންގާ ކުދިން ވެސް މިތަނުގައި ތިބޭނެކަން އަޅުގަނޑަށް ހަމަ ޔަގީން. މިއަދު އަޅުގަނޑުމެން މި ވާހަކަ ދެއްކިޔަސް މާދަމާ މިއަށްވުރެ، މާ އަސަރާއެކު، ތިޔަ ކުދިން މި ވާހަކަތައް ދައްކާނެ،" ރައީސް ވިދާޅުވިއެވެ.

ކުރިމަގުގެ ނުރައްކާތަކުން ގައުމު ސަލާމަތް ކުރާނެ ގޮތްތަކާމެދު ވިސްނަން ތިބޭނީ ހަމަ އެ ދަރިވަރުންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އޭގެ އިތުރުން މުސްތަޤުބަލުގައި ޤައުމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ، ޤައުމު ބިނާ ކުރަން ތިބޭނީ ވެސް މިއަދުގެ ދަރިވަރުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވަނީ ތައުލީމު ހޯދުމަށް ޓަކައި އެ ދަރިވަރުން ހޭދަކުރި ދުވަސްތަކަށްވުރެ، މާ ފާގަތި ކުރިއެރުމެއް މާތްﷲ ސުބުހާނަހޫ ވަތަޢާލާ އެ ދަރިވަރުންނަށް މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ.