20 Jul 2022, 13:25
އިސްލާމްއާބާދު (20 ޖުލައި 2022): ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ ލޯކަލް ޕާލަމެންޓްގެ ބައިއިލެކްޝަންގެ އިންތިޚާބު ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ ބޮޑުތަފާތަކުން ކާމިޔާބުކޮށްފިއެވެ.
ޕަންޖާބުގެ ލޯކަލް ޕާލަމެންޓްގެ ބައިއިލެކްޝަން ބޭއްވި 20 ދާއިރާ އަށް ނިސްބަތްވާ 20 ގޮނޑީގެ ތެރެއިން 16 ދާއިރާ (16 ގޮނޑި) ކާމިޔާބު ކުރީ އިމްރާންޚާންގެ ޕާޓީކަމަށްވާ ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީޓީއައި) އެވެ.
އިމްރާންޚާން ގެ ވެރިކަން މިއަހަރުގެ އެޕްރީލްމަހު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން ވައްޓާލުމަށްފަހު ޕާކިސްތާނުގެ ވެރިކަަމަށް އައި 13 ޕާޓީ ހިމެނޭ ކޯލިޝަން އަށް މި އިންތިޚާބުގައި ކާމިޔާބު ކުރެވުނީ އެންމެ ތިން ދާއިރާގެ ތިން ގޮނޑިއެވެ. އަނެއް ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ.
އިމްރާންޚާން ގެ މި ކާމިޔާބީއާއެކު ޕާކިސްތާނުގައި މިހާރު ވެރިކަންކުރާ 13 ޕާޓީ ހިމެނޭ ކޯލިޝަނަށްވަނީ ސިހުން ލިބިފައެވެ. މީގެއިތުރުން އެކޯލިޝަންގައި ހިމެނޭ ބޮޑު ދެޕާޓީކަމަށްވާ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ މުސްލިމް ލީގު ނަވާޒް ޕާޓީއާއި ކުރީގެ ބޮޑުވަޒީރު މަރުހޫމާ ބޭނަޒީރު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ވެރިންވަނީ ވަރަށް ބޮޑަށް ލަދުވެސް ގެންފައެވެ.
ތޭރަ ޕާޓީ ހިމެނޭ ކޯލިޝަނުގެ ފަރާތުން ޕާކިސްތާނުގައި ވެރިކަންކުރާ އިސްޕާޓީއަކީ ނަވާޒް ޝަރީފުގެ މުސްލިމް ލީގު ނަވާޒް ޕާޓީއެވެ. ޕީޕީޕީ އާއި މުސްލިމް ލީގު ނަވާޒް ޕާޓީއަކީ އިމްރާންޚާންގެ ޕާޓީކަމަށްވާ ތަހްރީކޭ އިންސާފު (ޕީޓީއައި) އަށްވުރެ މާ ބޮޑު އަދި މާ ދުވަސްވީ ދެޕާޓީއެވެ.

އިމްރާންޚާން ގެ ސަޕޯޓަރުން
ޕަންޖާބަކީ ނަވާޒް ޝަރީފު ނިސްބަތްވެ ވަޑައުގަންނަވާ އަދި އޭނާގެ ތާއީދު އެންމެ ބޮޑު ޕްރޮވިންސެވެ. އެހެންކަމުން ނަވާޒް ޝަރީފުގެ މުސްލިމް ލީގު ނަވާޒް ޕާޓީގެ ތާއީދު އެންމެ ބޮޑީ އަބަދުވެސް އެޕްރޮވިންސްގައެވެ. ނަމަވެސް އިއްޔެ ނޫން ކުރީ ދުވަހު ބޭއްވި ބައިއިލެކްޝަންގައި ނަވާޒް ޝަރީފުގެ ޕާޓީގެ މައްޗަށް ބޮޑު ތަފާތަކުން އިމްރާންޚާންގެ ޕާޓީ ކުރިހޯދުމުން ޢިމްރާން ޚާންގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި އޮތް މިންވަރު މިވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ.
ޕަންޖާބަކީ ޕާކިސްތާނުގައި އެންމެ އާބާދީ ބޮޑު ސްޓޭޓްވެސް މެއެވެ. ބައިއިލެކްޝަންގެ ނަތީޖާއާއެކު އިމްރާންޚާންގެ ޕާޓީއަށްވަނީ ޕަންޖާބު ގެ ލޯކަލް ޕާލަމެންޓް ގެ ބޮޑު އަޣުލަބިއްޔަތު ލިބި އެޕްރޮވިންސްގައި ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ލިބިފައެވެ.
ބައިއިލެކްޝަންގެ ނަތީޖާއަށް ބަލާއިރު ޕަންޖާބު ގެ ލޯކަލް ޕާލަމެންޓްގައި ހިމެނޭ 371 ގޮނޑީގެ ތެރެއިން އިމްރާންޚާންގެ ޕާޓީއަށްވަނީ 187 ގޮނޑި ލިބިފައެވެ. މިއީ ޕަންޖާބު ގެ ލޯކަލް ޕާލަމެންޓްގެ ސިންޕަލް މެޖޯރިޓީ އަށްވުރެ 10 ގޮނޑި އިތުރު އަޣްލަބިއްޔަތެކެވެ. ސިންޕަލް މެޖޯރިޓީއަކީ 186 ގޮނޑިއެވެ.
ޕާކިސްތާނުގައި ބާއްވާ ބައިއިލެކްޝަންތަކުގައި ވޯޓުލުމަށް އާންމުގޮތެއްގައި ނުކުންނަ މީހުންގެ ނިސްބަތަކީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 25 އިންސައްތައާއި 35 އިންސައްތައާ އާ ދެމެދުގެ ނިސްބަތެކެވެ. ނަމަވެސް ޕަންޖާބުގެ ލޯކަލް އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތަކީ ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ 40 އިންސައްތައެވެ.
މިހާ ގިނަބަޔަކު ވޯޓުލާން ނުކުމެ ވެރިކަންކުރާ ކޯލިޝަން ވޯޓުން ބަލިކޮށްލީ ޕާކިސްތާން ސަރުކާރާމެދު އާންމުން ހިތްހަމަނުޖެހިފައިތިބި މިންވަރުދައްކާލުމުގެ ގޮތުންނާއި ބޮޑު ދެޕާޓީގެ ލީޑަރުންނަށް މެސެޖެއް ދިނުމުގެ ގޮތުންކަމަށް ރިޕޯޓްތައް ބުނެއެވެ. މި ބައިއިލެކްޝަނުން ދެއްކި ހަގީގަތަކީ ޕާކިސްތާނުގައި ދެން ބާއްވާ އާންމު އިންތިޚާބެއް ކާމިޔާބު ކުރައްވައިގެން ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އިމްރާން ޚާން އަލުން ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑުވުން ކަމަށް ވަނީ ބެލެވިފައެވެ.
މިދިޔަ އެޕްރީލް މަހު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާންޚާން ދުރުކުރީ އިދިކޮޅުގައި ތިބި ޕާކިސްތާނުގެ އެންމެ ބޮޑު ދެޕާޓީ ކަމަށްވާ ނަވާޒް ޝަރީފުގެ މުސްލިމް ލީގު ނަވާޒް ޕާޓީއާއި މަރުހޫމާ ބޭނަޒީރު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިސްކޮށް ތިބެގެން ބައެއް ކުދިޕާޓީތަކާއެކު ކޯލިޝަނެއް ހަދައިގެން ޕާކިސްތާނުގެ ޕާލަމެންޓްގައި އިމްރާންޚާންގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައިގެންނެވެ. އިތުބާރުގެ ވޯޓުގެ ދެދުވަހެއް ކުރިން އިމްރާންޚާން ގެ ޕާޓީގެ ބައެއް މެންބަރުންވަނީ އެޕާޓީ ދޫކޮށް ކޯލިޝަނާ ގުޅިފައެވެ. މިކަންކުރުވީ ރިޝްވަތުގެ ބޭނުންކޮށްގެންކަމަށް އިމްރާންޚާން ތުހުމަތު ކުރައްވައެވެ.