ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ ރައީސް ކަމަށް، މިވަގުތު ރައީސް ކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ހޮވައިފިއެވެ.

ލަންކާގެ ރައީސް ހޮވުމަށް ގާނޫނު ހަދާ މަޖިލީހުގައި މިއަދު ނެގި ސިއްރު ވޯޓުގައި ވާދަ ކުރެއްވީ ރަނިލްގެ އިތުރުން ދެ ކެނޑިޑޭޓުންނެވެ. އެއީ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގައި އުފެދިފައިވާ ފެކްޝަނަކުން ކުރިމަތިލެއްވި ދުލާސް އައްލަހަޕެރޫމާއާއި، މާކްސިސްޓް ޕާޓީގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކަ އެވެ.

އެ ވޯޓުގައި ގާނޫނު ހަދާ މަޖިލީހުގެ 225 މެންބަރުންގެ ތެރެއިން 223 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން 134 މެންބަރުން ރަނިލްއަށް ވޯޓު ދެއްވި އިރު ދުލާސްއަށް ވޯޓު ދެއްވީ 82 މެންބަރުންނެވެ. އަދި އަނޫރާއަށް ތިން ވޯޓު ލިބިފައިވާ އިރު ހަތަރު މެންބަރުން ދެއްވީ ބާތިލު ވޯޓެވެ.

އެ ވޯޓުގައި، ޕާލިމެންޓުގެ އަގުލަބިއްޔަތު އޮތް އެސްއެލްޕީޕީން ތާއިދު ކުރީ ރަނިލްއަށެވެ. އަދި މައި އިދިކޮޅު ޕާޓީ ކަމަށްވާ އެސްޖޭޕީން ތާއިދު ކުރީ ދުލާސްއަށެވެ.

އެސްޖޭޕީގެ ލީޑަރު ސަޖިތު ޕްރެމަދާސަ އެ ވޯޓުގައި ވާދަ ކުރައްވާނެ ކަމަށް މީގެ ކުރިން އިއުލާން ކުރެއްވި ނަމަވެސް އޭނާގެ ނަން އަނބުރާ ގެންދެވީ ދުލާސްއަށް ތާއިދު އިތުރުކޮށް، ރަނިލްއަށް ވޯޓު ކާމިޔާބު ކުރުމުގެ ފުރުސަތު ކުޑަ ކުރުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

ދުލާސް ވަނީ އޭނާ ރައީސް ކަމަށް ހޮވިއްޖެ ނަމަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާނީ ސަޖިތު ކަމަށް ވިދާޅުވެފައެވެ.

ބާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އޭގެ ސަބަބުން ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ، މިމަހުގެ ނުވައެއްގައި ސްރީލަންކާގެ ރައްޔިތުން ރިޔާސީ ގަނޑުވަރަށާއި ރިޔާސީ އޮފީހަށް އަރައިގަތެވެ.

އޭގެ ފަހުން ރައީސް ގޮތަބަޔަ ރާޖަޕަކްސަ ލަންކާގައި ފިއްލަވައިގެން އުޅުއްވުމަށް ފަހު މިމަހުގެ 13 ވަނަ އަހަރު އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގެންނެވިއެވެ. އަދި ޖެހިގެން އައި ދުވަހު ސިންގަޕޫރަށް ވަޑައިގެން، އިސްތިއުފާގެ ސިޓީ ފޮނުއްވިއެވެ.

ސްރީލަންކާ އިގްތިސާދީގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓުމަށް މެދުވެރިވި ސަބަބަކީ ކޮވިޑުގެ ބަލިމަޑުކަމާއެކު، ސްރީލަންކާގެ ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ފަތުރުވެރިން އައުން ހުއްޓި، ބޭރު ފައިސާ ވަނުން މަދުވުމުންނެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭ އެ ގައުމަށް ބޭރުން ގަސްކާނާ އެތެރެ ކުރުން މަނާ ކުރުމާއެކު، ދަނޑުވެރިކަމުގެ ސިނާއަތް ހީނަރުވެ، އެކްސްޕޯޓް އާމްދަނީ ވަނީ އެތައް ގުނައެއް ދަށްވެފައެވެ. އެހެންކަމުން އެ ގައުމަށް ތެލާއި، އަސާސީ އެހެނިހެން ބާވަތްތައް އެތެރެކުރުމަށް ދަތިވެ، ތަކެތީގެ އަގު އުފުލެން ފެށިއެވެ.

މި އަހަރުގެ މާޗުމަހުގެ ތެރޭގައި އެ ގައުމުން ވަނީ ބޭރު ދަރަނި ދެއްކުން ހުއްޓާލާ، ގައުމު ބަނގުރޫޓުވިކަން އިއުލާނުކޮށްފައެވެ. އަދި އެ ހާލަތުގައި ގައުމު އޮންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިއަހަރުގެ ކުރީކޮޅު ބޭއްވި މުޒާހަރާތައް ހޫނުވުމުގެ ސަބަބުން އޭރު ބޮޑުވަޒީރުކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ އާއި، ރައީސް ގޮތަބަޔަގެ އިތުރުން، މުޅި ސަރުކާރު އެއްކޮށް އިސްތިއުފާ ދިނުމަށް ގޮވާލާ ރައްޔިތުން މުޒާހަރާ ކުރަން ފެށިއެވެ. އެއާއެކު އެ މަހުގެ ތެރޭ މަހިންދަ އިސްތިއުފާ ދެއްވިއެވެ.