20 Jul 2022, 08:57
"ނުފެނޭތަ؟ އެހެރެ އުޅެނީ ބައިވަރު...." މިޝްޔާ ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ އުދުހެމުން ދިޔަ ކޮކާތައް ހިފުމަށެވެ.
މިޝްޔާ އުޅެން ފެށިގޮތުން މާކިން ހާސްވިއެވެ. އޭނާއަށް ވެސް މިޝްޔާ ކޮންޓްރޯލްކުރުން ވީ އުނދަގޫކަމަކަށެވެ. މާކިން އެގޮތުގައި އުޅެނިކޮށް ރިފްއަތު ބޭރުން އައިސް ގޭތެރެެއަށް ވަނެވެ. އޭނާގެ ލޮލުގައި މިޝްޔާ އުޅެމުން ދިޔަ ގޮތް އަޅައިގަތުމާއެކު، އޭނާއަށް ރުޅިވެރިކަމާއެކު ވާހަކަ ދެކެވުނެވެ.
"މިޝްޔާ... ކިހިނެއް ވެގެން ތިއުޅެނީ؟' ރިފްއަތުގެ ބާރު އަޑު ބޮޑު ކޮޓަރީގެ ތެރޭގައި ގުގުމާލުމާއެކު މާކިންއަށް ވެސް އެދިމާލަށް ބަލައިލެވުނެވެ.
"ބައްޕާ... " މާކިން އަށް ރިފްއަތަށް ގޮވައިލެވުނެވެ.
"މާކިންވެސް އޭނާއަށް މާ ރަނގަޅުވީމައޭ އެހެން އެވަނީ... މިހުރިހާ ދުވަހުވެސް މާކިން އަމިއްލަ ކަންތައްތައް ނުކޮށް ވަގުތު ހުސްކުރީ މިޝްޔާއަށް. އެކަމުން ކޮން ފައިދާއެއް ލިބުނީ. މާކިންއަށް އެއްވެސް އެއްޗެއް ލިބުނުތަ؟ މިޝްޔާ ރަނގަޅުވާން މަސައްކަތްކުރިތަ؟ މިޝްޔާ ނުވާނެ ދުވަހަކުވެސް ރަނގަޅެއް. އަހަރެން ބޭނުމެއް ނޫން މިޝްޔާއަށްޓަކައޭ ކިޔާފައި އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އޭނާގެ އުމުރު ބޭކާރުކޮށްލާކަށް. މިފެށޭ ހަފްތާއިން ފެށިގެން އޮފީހަށް ނުކުނަން ތައްޔާރުވޭ." ރިފްއަތު އެހެން ބުނުމާއެކު މާކިންއަށް އާދޭސް އެކުލެވިގެންވާ ބެލުމަކުން ރިފްއަތަށް ބަލައިލެވުނެވެ.
"އެކަމަކު ބައްޕާ. އަދި ދުވަސްކޮޅެއް." މިޝްޔާގެ ގައިގައި ހިފައްޓަން މަސައްކަތް ކުރަމުން މާކިން ބުނެލިއެވެ.
"މާކިިންއަށް ކިހިނެއްވެފަ ތިހުރީ؟ މިޝްޔާ އުޅޭގޮތް ނުފެންނަނީތަ؟ ނޫނީ ނުފެންނަކަމަށް ހަދަނީތަ؟ އޭނަ ނުވާނަޔޭ ރަނގަޅެއް އަހަރެން ބުނެފީމެއްނު. އެއްވެސް އިތުރު ބަހަނާއެއް ނޯންނާނެ. މާކިން ދެން ޖެހޭނީ އޮފީހަށް ނުކުންނަން. މިޝްޔާގެ ކުރިމަތީގައި އަހަރެމެން ބުނާ ބަހުގެ އަގެއް އޮންނަ ނަމަ އޭނަ އެހެން ނޫޅޭނެ." ރިފްއަތުގެ ރުޅިގަނޑު މައިތިރިވާގޮތެއް ނުވިއެވެ. އެހެންކަމުން އިތުރު އެއްޗެއް ބުނެގެން މަސްލަހަތު އިތުރަށް ގޯސްވެދާނެތީ މާކިން ޚިޔާރުކުރީ ހިމޭންކަމެވެ. އެއްޗެއް ނުބުނި ނަމަވެސް މާކިންގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. އޭނަ މިޝްޔާއަށް އަޅާ ނުލާނަމަ ދެން މިޝްޔާއަށް އަޅާލާނީވެސް ވަކި ކާކުހެއްޔެވެ؟ މިޝްޔާގެ އެ އުޅުމުގެ ފަހަތުގައި އަދިވެސް މައުސޫމްކަން ވެއެވެ. އެ ދެލޮލުގައި ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއް ވެއެވެ.
މާކިން ރިފްއަތަށް ބަލައިލުމަށްފަހު މިޝްޔާ ގޮވައިގެން ސިޑިއާ ދިމާލަށް ދިޔައިރުވެސް، މިޝްޔާ މަަސއްކަތްކުރީ އޭނާގެ ވަށައިގެން އެނބުރެމުންދިޔަ ކޮކާތައް ހިފުމަށެވެ. ވަރަށް މަސައްކަތުން މިޝްޔާ ސިޑިން މައްްޗަށް އެރުވުމަށްފަހު މާކިން އޭނަ ގެންގޮސް ކޮޓަރިއަށް ވެއްދުމަށްފަހު، އެނދުމަތީގައި ބޭއްދިއެވެ. އެއަށްފަހު އެނދުގެ ސައިޑް ކަބަޑުމަތީގައި ހުރި ފެން ޖަގުން ތައްޓަކަށް ފެން އަޅައިގެން އައިސް އެ މިޝްޔާއަށް ދިނުމަށް އޭނާ މަސައްކަތް ކުރިއެެވެ. އެކަން ނުކުރެވުމުން އޭނާ އެ ފެންތަށި ބެހެއްޓުމަށްފަހު، މިޝްޔާ ކައިރީގައި އިށީނދެލިއެވެ. އޭރުވެސް މިޝްޔާ އިނީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ. އެތައް އިރަކު މާކިން މިޝްޔާ ކައިރީގައި އިނެވެ. މިޝްޔާއަށް ނިދިޖެހެން ފެށުމުން މާކިން މިޝްޔާ ގެންގޮސް އެނދުގައި ބާއްވައިލިއެވެ. އެއަށްފަހު ބްލޭންކެޓް އަޅައިލަދިނެވެ. މިޝްޔާ ނިދުމުން އެ މޫނަށް ފުން ނަޒަރަކުން މާކިން ބަލައިލިއެވެ. އެއަށްފަހު އޭނާ ގޮސް އެއްފަރާތުގައި ހުރި ސޯފާގައި އިށީނދެލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އިސް ޖަހައިލުމާއެކު އޭނާއަށް މޫނުގައި ފިރުމައިލެވުނެވެ. އެ ޙާލަތުގައި މިޝްޔާ ހުއްޓާ އޮފީހަށް ނުކުނަންނާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ރިފްއަތު އެވަނީ ފަހު ބަސް އިއްވާފައެވެ. މާކިންއަށް ނުތަނަވަސްކަމާއެކު ސޯފާގައި ލެނގިލެވުނެވެ. އެއަށްފަހު އެނދުގައި އޮތް އޭނާގެ ލޯބިވާ ކޮއްކޮއަށް ބަލައިލިއެވެ. މިޝްޔާ ކޮންމެ ގޮތަކަށް އުޅުނުނަމަވެސް، އެއީ އޭނާގެ ކޮއްކޮއެވެ. ކުރީގެ މައުސޫމުކަމުގެ އިތުރުން އެ ނާޒުކުކަން އަދިވެސް މިޝްޔާގެ އެބަ ހުއްޓެވެ. މިޝްޔާ ރަނގަޅުކުރެވިދާނެކަމަށް އޭނާއަށް ޤަބޫލުކުރެވޭ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.
މާކިން އެތައް އިރަކު އެތަނުގައި އިނެވެ. ވިސްނަމުންދިޔަ ވަރަކަށް އޭނާގެ ބޮލުގައި މަޑު ރިހުމެއް އުފެދެމުން ދިޔައެވެ. ފެންވަރާ ތާޒާ ވެލުމުގެ ބޭނުމުގައި ދާން ތެދުވުމަށްފަހު، މާކިން މިޝްޔާއަށް އަދިވެސް އެއްފަހަރު ބަލައިލިއެވެ. އޭނާ ނުކުމެގެން ގޮސް ކޮޓަރިއަށް ވަތްތަނާ ނައިރާ ގުޅައިފިއެވެ.
"ހަލޯ... މާކް ހަބަރެއް ނުވާތީ ކޮބައިތޯ ބަލައިލީ..." ނައިރާ ވާހަކަ ދެއްކިއެވެ.
"ޔެސް ކުޑަކޮށް ބިޒީކޮށް މިއަދު އުޅުނީ..." މާކިން އެހެން ބުނެލިއިރު އެ އަޑުގައި ހުރި އުދާސްކަން ނައިރާއަށް ފާހަގަވިއެެވެ.
"މާކް... ކަމަކާ ހާސްވެފަ ދޯ ތިހުރީ؟" ނައިރާ ސުވާލުކޮށްލިއެވެ.
"ނޫނޭ.. ދެން، އެކަހަލަ ގޮތެއް..." މާކިން ބުނެލިއެވެ.
"މާކް ބުނަން ބޭނުންވީމަ ބުނޭ. އަހަރެން މަޖުބޫރެއް ނުކުރާނަން. " ނައިރާ ބުނެލިއެވެ.
"ނައިރާ... އެއީ.. އަނެއް. މިޝޫގެ ކަންތައް." މާކިން ބުނެލިއެވެ.
"މާކް. އެކަމާ މާ ބޮޑަށް ނުވިސްނައްޗޭ. އަހަރެން ކައިރީ ބުނީމެއްނު ނާޒިލް ލައްވާ ފަރުވާ ފަށާ ވާހަކަ. އިންޝާ ﷲ ހުރިހާކަމެއް، ވެސް ވަރަށް އަވަހަށް ރަނގަޅުވާނެ..." ނައިރާގެ އެ ބަސްތަކުން މާކިންއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.
"ކީކުރަނީތަތީ؟" މާކިން ސުވާލުކޮށްލިއެވެ.
"ކަމެއް ނުކުރަން. ހަމަ އޮތީ. ދެން މާކް މިސްވީ." ނައިރާ ބުނެލިއެވެ.
"ހަމައަހަރެން މަތިން އެހާ މިސްވޭތަ؟" މާކިން ބޭނުންވީ ނައިރާ ލަދުގަންނުވައިލުމަށެވެ. އޭނާ އެހެން ބުނުމުން ނައިރާގެ ލުއި ހުނުމުގެ އަޑު އިވިލިއެވެ.
"މިހާރު އަހަރެން ބޭނުންވަނީ ތި މޫނުކޮޅު ބަލައިލަން. އަހަރެންވެސް ވަރަށް މިސްވޭ. ވަރަށް ލޯބިވެސް ވޭ..." މާކިން ބުނެލިއެވެ.
"އަހަރެންވެސް..."
"އޯކޭ ލޯބީ... އަހަރެން ފެންވަރާލަން ވަންނަން ވެގެން މިއުޅެނީ. ފަހުން ހަބަރެއް ވާނަން އިނގޭ. ލަވް ޔޫ..." އެހެން ބުނެލުމަށްފަހު މާކިން ފޯނު ބާއްވާފައި ވަނީ ފާޚާނާއަށެވެ.
*****
ފަތިހު މާކިން ނަމާދަށް ތެދުވިއިރު ވެސް ވާރޭ ވެހެއެވެ. އޭސީގެ ފިނި އެންމެ ދަށްކޮށްލަމުން މާކިން ފެންވަރަން ވަނެވެ. ނުކުމެ ނަމާދުކޮށްލައިގެން ނިދުމުގެ ޚިޔާލު ދޫކޮށްލާފައި މާކިން ތިރިއަށް ދިޔައީ ކޮފީއެއް ހެދުމުގެ ބޭނުމުގައެވެ. އޭރު ޖެސިކާމެން މީހަކުވެސް ފެންނާކަށް ނެތެވެ. އޭނާ ކޮފީއެއް ހަދާލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ބެލްކަނީ ދޮރުފަތް ހުޅުވައިލަމުން ކޮފީ ހިފައިގެން މާކިންނުކުތީ ބޭރަށެވެ. ހުސްގަޔާ ހަމައެކަނި ސޯޓެއްގައި ހުރި މާކިންގެ ގައިގައި ފުރަތަމަވެސް ބީހެން ފެށީ ތެތްފިނި ވައިރޯޅިތަކެކެވެ. އެ ވައިރޯޅިތަކާ އެކުވެގެން އަންނަ ވާރޭގެ ތިކިތަކުން ހަށިގަނޑަށް ފިނިވާން ފެށިނަމަވެސް، މާކިންގެ ފަރުވާލެއް ނެތެވެ. އަތުގައި ހުރި ކޮފީތަށީގެ މީރުވެސް އެ ތަނަށް ފެތުރިފައިވާއިރު އޭރުވެސް އޭގެން އާވި އަރަމުން ދިޔައެވެ. މާކިން ކޮފީ ޖޯޑުން އެތި ފޮދެއް ބޮއިލިއެވެ. އޭނާއަށް އަރާމުވިއެވެ. ރެއިލިން ކައިރީގައި އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު، މާކިން ގޮސް އިށީނދެލީ އެއްފަރާތުގައި ބަހައްޓާފައި ހުރި ލަކުނޑި ގޮޑީގައެވެ. ކުރިމަތީގައި ހުރި ވަށް މޭޒުމަތީގައި ކޮފީ ޖޯޑު ބަހައްޓައިލަމުން އޭނާ އެއްފައި މައްޗަށް އަނެއްފައި އަރުވައިލިއެވެ.
ވެހެމުން ދިޔަ ވާރޭގެ ހިތްގައިމު މަންޒަރަށް މާކިން ނަޒަރު ހުއްޓާލިގެން އިނެވެ. ވާރޭ ވެހެމުން ދިޔަލެއް ބޯކަމުން މީން އިރަކު ހުއްޓާނެކަމެއް ނޭނގެއެވެ. ކޮފީ ބޮއިގެން މާކިން ދިޔައީ މިޝްޔާ ކޮބައިތޯ ބަލައިލުމަށެވެ. މިޝްޔާ އޮތީ އަރާމުކޮށް ނިދާލާފައެވެ. އެ ގަޑީގައި މިޝްޔާ ނިދަން ބާއްވާފައި މާކިން މިޝްޔާއަށް ގޮވީ ދިހައެއް ޖަހާ ބޮޑުވިފަހުން ސައިބޯށެވެ. އޭނާ މިޝްޔާ ގޮވައިގެން ގެނެސް މޭޒު ދޮށުގައި ބެއިންދިއެވެ. އޭރުވެސް މިޝްޔާ އިނީ ނިދޭ ނުނިދޭ ޙާލުގައެވެ. ސައިބޮއިނިމިގެން މިޝްޔާ އަނެއްކާވެސް ކޮޓަރިއަށް ވަނީ ނިދާލުމަށެވެ. މާކިން ވެސް އޮފީހަށް ނުކުންނަން ޖެހޭތީ ރިފްއަތާ އެކު އެކި ކަންތައްތަކުގައި ދުވަހުގެ ބޮޑުބައި ހޭދަކުރިއެވެ.
މިޝްޔާއަށް ހޭލެވުނީ އިރު އޮއްސެން އުޅެނިކޮށެވެ. ހަމަޖެހިފައި ހުރުމުން އޭނާ ތެދުވިގޮތަށް ފުރަތަމަވެސް ހޯދައިލީ ލައިގެން ހުރި ޖީންސްގެ ޖީބުގައި އެއްޗެއް އޮތްތޯއެވެ. އޭގައި އޭނާއަށް ދިން ޕެކެޓްތަކެއް ވެސް ނެތެވެ. ފައިސާއެއް ވެސް ނެތެވެ. އަނެއްކާ އޭނާ އައި ގަޑީގައި މަގުމައްޗަށް އެއްޗެހި ވެއްޓުނީބާއޭ މިޝްޔާގެ ހިތަަށް އެރިއެވެ. ނޫނީ އެގޭގައި އެ އެއްޗެހި ބެހެއްޓުނީ ހެއްޔެވެ؟ ރަނގަޅަށް އެއްވެސް ހަނދާނެއް އޭނާގެ ނެތެވެ. އެހެންނަމަވެސް އޭނާ ހަަމަ ޔަޤީނުންވެސް އެ ލާރީގައި ހިފިއެވެ. އެވަރު ޔަޤީންވެއެވެ. އެ އެއްޗެއް ބޭނުން ކުރުމަށްފަހު ދެން ވީ ގޮތެއް އެއްގޮތަކަށް އޭނާއަކަށް ނޭނގުނެވެ. އޭނާއަށް ބޮލުގައި އަތް ޖައްސައިލެވުނެވެ. އޭނާ ކޮޓަރީގެ އެތަން މިތަންވެސް ބެލިއެވެ. އެހެންނަމަވެސް އެއިން އެއްވެސް އެއްޗެއް ނުފެނުނެވެ. އެއާއެކު އޭނާއަށް ހާސްކަން ލިބުނެވެ. އެހުރިހާ ފައިސާއެއްވެސް ގެއްްލުނީނެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އޭނާ ހުރީ އެ ފައިސާތައް އޭނާ ދަރަނިވެރިވެފައިވާ މީހުނަށް ރައްދުކޮށްދޭށެވެ. އިތުރަށް ފައިސާ ހޯދާނީވެސް ކިހިނެއްހެއްޔެވެ؟ ލާރި ލިބޭނޭ އިތުރު ރާސްތާއެއް ވެސް ނެތެވެ.
މިޝްޔާ އަވަސް އަވަސް އަރުވާލައިގެން ގެއިން ނުކުމެގެން ބޭރަށް ދިޔައެވެ. ވާރޭ ހުއްޓާލާފައި އޮތްނަމަވެސް، ވައި ބާރެވެ. މަގުމަތީގައި އާދަޔާ ޚިލާފަށް މީހުން މަދެވެ. މަގުގެދެކޮޅު ހޯދައިލުމަށްފަހު، މިޝްޔާ ރޭގައި ދިޔަ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ދެއަތް ދެއަތާ މޮޑެމުން މިޝްޔާ ކުރިޔަށް ދިޔައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ކުރިމަތިން ފެނުނު މީހެއްގެ ސަބަބުން އޭނާގެ ފިޔަވަޅުތައް ވަގުތުން މަޑުޖެހުނެވެ. އޭރު އެ ހިސާބުގަނޑުގައި މާ ގިނަ މީހުނެއްވެސް ނެތެވެ. ދެފަރާތުގައި ކާރުތައް ޕާކުކޮށްފައިވެއެވެ. އެމީހަކަށް މިޝްޔާ ފެނުމުގެ ކުރިން އޭނާ ފަހަތަށް އެނބުރުނެވެ. މީހާގެ މުޅިހަށިގަނޑަށްވެސް މަޑުމަޑު ތުރުތުރުއެޅުމެއް ވެރިވިއެވެ. ހިނގައިގަންނަން ވެސް އޭނާއަށް ދަތިވިއެވެ. ހީވަނީ ފައިގައި ބޮޑު ބަރެއް އެލުވާފައި ވާހެންނެވެ. މިޝްޔާ ފަހަތަށް ބަލައިލުމެއްވެސް ނެތި ކުރިއަށް ދިޔައެވެ. ހިނގެމުންދިޔަ މިސްރާބުވެސް އޭނާއަށް އޮޅެމުން ދިޔައެވެ.
*****
ހޮސްޕިޓަލުން ނުކުމެގެން ޕާކުކޮށްފައިވާ ކާރާ ދިމާލަށް ދިޔަ ނާޒިލްގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް ބަޔާން ކުރަން ދައްޗެވެ. އެ ދެލޮލުގައި އެހެންޏާ ނުހުންނަ ފަދަ އަސަރެއްވެއެވެ. މީހާ ހުރީ މަޑުމޮޅިވެފައެވެ. ނުތަނަވަސްވެފައިހުރިކަން ދެނެގަނެވެނީ އޭނާގެ ހަރަތާތްތަކުންނެވެ. އެއްބައިފަހަރު މޫނުގައި ފިރުމާލާނެއެވެ. ނިތުގައި އަތް ހިންގާލާނެއެވެ. ފުންނޭވާއެއް ދޫކޮށްލާނެއެވެ.
ނާޒިލް ލާފައިހުރީ ކަނޑު ނޫކުލައިގެ ގަމީހަކާ ކަޅު ފަޓްލޫނެކެވެ. ގަމީހުގެ އަތުކުރި އޮޅަބުއްޓާ ހިސާބަށް އޮޅާލާފައިވާއިރު އެ ބާރުގަދަ މުލައްދަނޑިއޮތީ ހާމައަށެވެ. ފިރިހެންވަންތަ ހިނގުމެއްގައި އޭނާ ހިނގާލާފާއިދިޔައިރު ތަނުގައި ތިބި ގިނަ އަންހެން ކުދިންގެ ކަތި ނަޒަރުތައް ވަނީ އޭނާއަށް ހުއްޓިފައެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ނާޒިލް ސަމާލުކަމެއް ނުދެއެވެ. އޭނާގެ ސިކުނޑީގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އަރާ އިށީނުމަށްފަހު، އޭނާ ހުންގާނުގައި ޖައްސާފާއިވާ އޮތް އަތް މަތީގައި ބޯ ބާއްވައިލިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވެލިއެވެ. އެއަށްފަހު ކާރު ސްޓާރޓްކޮށްލިއެވެ. ވެރިވަމުން ދިޔަ ޚިޔާލުތަކުން ސަލާމަތް ވުމަށްޓަކާ އޭނާ ދެފަރާތަށް ބޫ ހޫރައިލިއެވެ. ހުންގާނުގައު ގޮށްމުށްކަވާފައި ޖަހައިލެވުނެވެ. ޚިޔާލުތަކުގައި އިނދެ ނާޒިލްއަށް ކާރު ދުއްވަމުން ނިކުމެވުނީ ބޮޑުތަކުރުފާނު މަގަށެވެ. ގޯނާކުރަމުންދިޔަ ޚިޔާލުތަކެއްގެ ސަބަބުން މަގަށް ދޭންވާ ސަމާލުލުކަމެއްވެސް ފުރިހަމައަށް ނާޒިލްއަށް ދެވޭ ގޮތެއް ނުވިއެވެ. މަގުމަތީގައި ދުއްވާއެއްޗެހި މަދުކަމުން އޭނާ ކާރު ދުއްވަމުން ދިޔައީ ވެސް ފުދޭވަރަކަށް ބާރަށެވެ. މައްޗަންގޯޅީ ދުވާ ޓްރެކާ ދިމާލުން އަމީނީމަގަށް ނިކުންނަން ވެގެން ނާޒިލް ކާރު އަނބުރައިލި ވަގުތަކީ އެހެން ދިޔަ އަންހެން ކުއްޖަކު މަގު ހުރަސްކުރަން އުޅުނު ވަގުތެވެ. ޚިޔާލަށް ގެއްލިފައި އިންވަރުން އޭނާގެ ލޮލުގައި އެ އަންހެން ކުއްޖާ އަޅައިގަތީވެސް ކިރިޔާއެވެ. އޭނާއަށް ކާރު މަޑުކޮށްލެވުނީ އެ އަންހެން ކުއްޖާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޝޮކެއް ލިބުނު ނާޒިލް އަވަސް އަވަހަށް އޭނާގެ ނަފްސު ހަމައަކަށް އަޅުވައިލަމުން ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުތެވެ. މަގުމަތިވެސް ފުދޭވަރަކަށް އަނދިރިކަމުންނާ އޭނާއަށް އެ އަންހެން ކުއްޖާ ފެނުނީ އެއް އަރިމަތިންކަމުންނާ އިސްތަށިތަކުން މޫނު ނިވާވެފައި ހުރުމުން ކާކުކަން ވަކިކުރާކަށް ނޭނގުނެވެ. އެ ކުއްޖާ ބަލައިލި ވަގުތަކީ ނާޒިލް ނުކުންނަން ދޮރު ހުޅުވައިލި ވަގުތުކަމުން އޭނާއަށް އެހާ ބޮޑު ސަމާލުކަމެއް ވެސް އެކަމަށް ނުދެވުނީއެވެ.
"މިޝްޔާ..." ނާޒިލްގެ ލޮލުގައި މިޝްޔާ އަޅައިގަތުމާއެކު އޭނާއަށް ހައިރާންކަމާއެކު މިޝްޔާއަށް ގޮވައިލެވުނެވެ.
(ނުނިމޭ)