19 Jul 2022, 23:34
ދިރަޔެސް ނޫހުގެ ނޫސްވެރިޔާ، އަޙްމަދު އަޒާން މަރުޒޫޤް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.
އަޒާން މަރުޒޫޤް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ، އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށެވެ.
އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 އަށެވެ.
ފުލުހުން މިރޭ ބުނީ އަޒާނަށް ތުހުމަތު ކުރެވޭ މައްސަލައަކީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. މިމައްސަލައިގެ ތަހުގީގުގައި އިތުރު ފަރާތްތަކާވެސް ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
"އަޙްމަދު އަޒާން މަރުޒޫޤް ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަން،" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އަޒާން ފުލުހަށް ހާޒިރު ކުރާތީ ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.