ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގެ މައުލޫމާތު ފޯރުކޮށްދީ ރާއްޖޭގެ ޓޫރިޒަމުގެ ރައްކާތެރިކަމާ ގުޅޭގޮތުން ސަރުކާރުން ޗައިނާގެ ގިނަ މީޑިއާ ތަކަކާއި ބައްދަލުކޮށް މައުލޫމާތުދީފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ސިންގަޕޯ އެއާލައިން ގުޅިގެން ރާއްޖެ އަށް މިހާރު ޒިޔާރަތްކުރަމުން އަންނަ ޗައިނާގެ މީޑިއާ ވަފުދާ ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބާއި އިންޑަސްޓްރީގެ ބޭފުޅުން ވަނީ އިއްޔެ ބައްދަލުކޮށް މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށްފަ އެވެ.

ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރާއި އަދި އިންޑަސްޓްރީގެ ބޭފުޅުން ވަނީ ރާއްޖެ އުފެދިފައިވާ ގޮތުން ސިޔާސީ ހަމަނުޖެހުންތަކުގެ އަސަރު ޓޫރިސްޓުންނަށް ނުކުރާނެ ކަމަށާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުވުމަށް ޕްލޭން ކޮށްފައިވާ މަސައްކަތްތަކާ ބެހޭމައުލޫމާތު ޗައިނާގެ މީޑިއާއަށް ދެއްވާފަ އެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ޓޫރިޒަމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް މިނިސްޓަރު އަލިއަޅުވާލެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ދަތުރުގެ ސަބަބުން ރާއްޖެއަކީ ޓޫރިސްޓުންނަށް ހިތްގައިމު އަމާން މަންޒިލެއްކަން ޗައިނާގެ ޓޫރިސްޓުންނަށް އެގިގެންދާނެ ކަމަށެވެ.

ޗައިނާއިން ރާއްޖެއައި ވަފުދުގައި ޗައިނާގެ 8 ސިޓީއަކުން ޓްރެވެލް މީޑިއާތަކުގެ 12 ފަރާތެއް ބައިވެރިވެއެވެ. އެމްއެމްޕީއާރުސީން ބުނީ ޗައިނާގެ މީޑިއާތަކުން ރާއްޖޭގައި ތިން ދުވަހު މަޑުކުރާނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމާ ހުރެ ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން އެންމެ ބޮޑަށް އަސަރުކުރީ ޗައިނާއިން ފަތުރުވެރިން އަންނަ އަދަދަށެވެ. މިދުވަސްވަރު ރާއްޖެއާ ބެހޭ ނެގެޓިވް ކެމްޕޭންތައްވެސް އަންނަނީ އިތުރުވަމުންނެވެ.