19 Jul 2022, 23:09
ދިވެހި ޒުވާނުންނަކީ އަބަދުވެސް ގައުމާ މެދު ވިސްނާ ބަޔަކަށް ވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖާގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހޮޅިލާ ނަގާ ކިތަންމެ ރާޅެއް ދަރިވަރުންގެ މިސްރާބު ބަދަލު ކުރުމަށް މަޖުބޫރު ކުރުވާނެ ކަމަށާއި ނަމަވެސް އެ ދަރިވަރުންނަކީ ދިވެހި ފަސްގަނޑަށް އުފަން، ދިވެހި ދަރިންކަން ހަނދާނުގައި އަބަދު ވެސް ބަހައްޓަން ވާނެ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ބިމެއްގައި ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް އިސްލާމް ދީނުގެ ސައްހަ އަޤީދާއަށްވުރެ، ބޮޑަށް ދަރިވަރުންގެ ހިތުގެ މިސްރާބު ސީދާ ކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތުން އެއަށްވުރެ، ރަނގަޅު ގޮތަކަށް ބަދަލު ކޮށްލެވޭނެ ގޮތަކާއިމެދު އަބަދުވެސް ޒުވާނުން ފިކުރު ހިންގަން ޖެހޭ ކަމަށެވެ.
"އެބަދަލު ގައުމަށް ގެނެވޭނީ ތިޔަ ދަރިވަރުންގެ ސިކުނޑީގެ ތެރޭގައި އެ ބަދަލު އުފަން ކުރުވައިގެން. ތިޔަ ކުދިން މަތީ ތައުލީމުގެ މަރުހަލާއާ ތިޔަ ކުރިމަތި ލަނީ ދުނިޔެއާއި ރާއްޖޭގެ ތާރީޚުގައި ވެސް ވަރަށް ނާޒުކު ދަނޑިވަޅެއްގައި. މި ހުރިހާ ދުވަހު މައިންބަފައިނާއި ބެލެނިވެރިންގެ ހިޔާވަހިކަމުގެ ތެރޭގައި އުޅެމުން އައިއިރު ރާއްޖެެއާއި މުޅި ދުނިޔެ، ތަހައްމަލު ކުރަމުން މި ދާ ކަންތައްތައް ތިޔަ ކުދިންނަށް ވެސް އިހުސާސް ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތައުމުގެ ހަތަރު އުދަރެހުން ތިލަވަމުން އެ ދަނީ އިގްތިސާދީ މައްސަލަތަކާއި ސިއްހީ ކާރިސާތަކާ އަދި ތިމާވެށީގެ ނުރަނގަޅު އަސަރުތައް ކަމަށާއި އެކަންކަމުގެ ލޮޅުންތައް އަޅުގަނޑުމެންގެ މުޖުތަމައުއަށް ފޯރާ މިންވަރު ދަރިވަރުންނަށް ވެސް މިހާރު ވަޒަން ކުރެވޭނެ ކަމަށެވެ.
"އެކަންކަމަށް ވިސްނާ ފިކުރު ހިންގާ ކުދިން ވެސް މިތަނުގައި ތިބޭނެކަން އަޅުގަނޑަށް ހަމަ ޔަގީން. މިއަދު އަޅުގަނޑުމެން މި ވާހަކަ ދެއްކިޔަސް މާދަމާ މިއަށްވުރެ، މާ އަސަރާއެކު، ތިޔަ ކުދިން މި ވާހަކަތައް ދައްކާނެ،" ރައީސް ވިދާޅުވިއެވެ.
ކުރިމަގުގެ ނުރައްކާތަކުން ގައުމު ސަލާމަތް ކުރާނެ ގޮތްތަކާއިމެދު ވިސްނަން ތިބޭނީ ހަމަ އެ ދަރިވަރުން ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އޭގެ އިތުރުން މުސްތަޤުބަލުގައި ޤައުމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ، ޤައުމު ބިނާ ކުރަން ތިބޭނީ ވެސް މިއަދުގެ ދަރިވަރުން ކަމަށެވެ.
ދަރިވަރުންނާއި މުޚާތަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދަރިވަރުން ޒަމާނީ ތައުލީމުގެ އޮޅިގަނޑުތައް ގިރާ ކުރަމުންދާއިރު، މި ދިވެހި އުއްމަތް، އެ ކުދިންނަށް ބަލަން އޮތީ ވަރަށް އުއްމީދީ ނަޒަރަކުން ކަމަށެވެ. އަދި ވިދާޅުވީ އެ ދަރިވަރުން އެ ނިކުންނަނީ ހުޅުވިފައިވާ ދުނިޔެއަކަށް ކަން ވިސްނަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ތަފާތު ސަގާފަތްތަކާއި ތަފާތު އާދަކާދަތަކުގެ މުސްހުނި ވެއްޓެއްގެ ތެރެއަށް ނިކުންނައިރު، އެ ވެށީގެ ތެރެއިން ޒަމާނީ އޮއިވަރާއި އުދަބާތިތައް އެ ދަރިވަރުން ވަށާލައި، ހިތްއެދޭ އެތައް ކަމެއް އެ ދަރިވަރުންގެ ވިސްނުމާ ކުޅެމުންދާނެ ކަމަށެވެ.
"ހޮޅިލާ ނަގައި ކިތަންމެ ރާޅެއް ތިޔަ ކުދިންގެ މިސްރާބު ބަދަލު ކުރުމަށް މަޖުބޫރު ކުރުވާނެ. ނަމަވެސް ތިޔައީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން ހަނދާނުގައި އަބަދު ވެސް ބަހައްޓާތި. ކޮންމެ ބިމެއްގައި ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް އިސްލާމް ދީނުގެ ސައްހަ އަގީދާއަށްވުރެ ބޮޑަށް ތިޔަ ކުދިންގެ ހިތުގެ މިސްރާބު ސީދާ ކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވަނީ ތައުލީމު ހޯދުމަށް ޓަކައި އެ ދަރިވަރުން ހޭދަކުރި ދުވަސްތަކަށްވުރެ، މާ ފާގަތި ކުރިއެރުމެއް މާތްﷲ ސުބުހާނަހޫ ވަތަޢާލާ އެ ދަރިވަރުންނަށް މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ.