"އާއިލާއާއި ރުޅިވުމަކީ ލިބޭ އާމްދަނީގައި ބަރަކާތްކެނޑި އަބަދުވެސް އަތްމަތި ހުސްވެގެން އުޅެން ޖެހޭ ކަމެކެވެ."

***

"ސުފިޔާންގެ އެކުވެރި ޑިޓެކްޓިވްއަށް އެކްސިޑެންޓަކާއި ބެހޭ މައުލޫމާތު ހޯދިދާނެތަ؟" އަލްވާ ކުއްލިއަކަށް ސުވާލުކުރީ އުއްމީދުން ފުރިގެންވާ ނަޒަރަކުން ސުފިޔާންއަށް ބަލައިލަމުންނެވެ. ހާމިދުއާއި އަމީރާގެ އަންހެންދަރިފުޅުގެ މަރާއި ބެހޭގޮތުން ދެނެގަންނަން އޭނަ ބޭނުންވިއެވެ.

ސުފިޔާން އަލްވާއަށް ނަޒަރު ހުއްޓާލައިގެން އިނީ ވިސްނާ ފާޑަކަށެވެ." އަލްވާ އޯކޭވާނެތަ؟ ހިތާމަވެރި ހާދިސާއެއް އަލުން ނިއުޅުމަކީ އުދަގޫވާނެކަމެއް.." ސުފިޔާންގެ އަޑުގައި ވަނީ ޔަގީންކަމެއް ނެތްގޮތެކެވެ. އަލްވާ ވަގުތުން ބޯ ޖަހައިލިއެވެ.

"އަހަންނަށް އެކަން އެނގެން ބޭނުން. އެއީ......އަހަރެންގެ ބައްޕަމެންގެ ފުރަތަމަ ދަރިފުޅު. އެކުއްޖާ މަރުވިގޮތް އެނގެން ބޭނުން..."އަލްވާގެ ލޮލުގައި ގިނަވެގަތް ކަރުނަތަކުން ލޯ ފުސްވިއެވެ. ސުފިޔާންގެ ކުރިމަތީގައި އެގޮތަށް ފިނޑިވެ ރޯން އޭނަ ބޭނުމެއްނޫނެވެ.

"އަހަންނަށް ވާނެ އެހީއެއް އޮތް ތޯ ބަލާދޭނަން އޯކޭ؟" ސުފިޔާން ޔަގީންކަން ދޭފަދަ ގޮތަކަށް ވާހަކަދެއްކީ އަލްވާގެ ރޯން ތައްޔާރުވެފައިވާ މޫނަށް ބަލައިލަމުން ރުއްސަން އުޅޭފަދަގޮތަކަށެވެ.

***

ކޮޓެޖަށް ވަންނަން ހަދާފައި ހުރި ފަތްތަރުމަތީގައި ނަވޫދު އިށީދެލައިގެން އިނެވެ. އޭނަގެ ދެއަތްތިލަ ބާރަށް މަހާލައިގެން ކޮއްކޮގެ އިންތިޒާރުގައި މަގަށް ބަލަން އިންއިރު ކަންބޮޑުވުމުގެ ކުލަވަރު މޫނުން ފެނުނެވެ. އިއްޔެވީކަމެއްހެން ނަވޫދު ހަނދާން ހުރީ އޭނަގެ ކޮއްކޮ ގޭގައި ބޮދައިގެން ނިކުންނަން ދެކޮޅުހަދާ ނަވޫދު ބުނާ އެއްޗެއް އެހުމެއްނެތި އުޅުނުގޮތެވެ. ނަމަވެސް މިހާރު ނަވޫދުއަށް މިޖެހެނީ ކޮއްކޮގެ އިންތިޒާރުގައި އިނުމަށެވެ. ކޮއްކޮއެއް ހުރުމަކީ ކޮނޑުގައި އެޅޭ ބޮޑު މަސްއޫލިއްޔަތެކެވެ. ކޮއްކޮއާއިމެދު ވިސްނާ ނުލާ ނުހުރެވެނީއެވެ. އެވަގުތު ކާރެއް ގޭގެ ކުރިމަތީގައި މަޑުކޮށްލައިފިއެވެ. ސުފިޔާންގެ ކާރެއް ނޫނެވެ.

"ހެލޯ......." ލަވައެއްކިޔާފަދަ ގޮތަކަށް އުފާވެރި ރާގަކަށް ކިޔާލުމާއެކު ކާރުގެ ކުޑަދޮރުން ބޭރަށް ބޯދިއްކޮށްލީ ސަަދަފްއެވެ. އޭނަ އަތް ހޫރައިގަތެވެ. ނަވޫދުގެ ފަރާތުން އެއްވެސްކަހަލަ ރައްދެއް ނުލިބުމުން ސަދަފް ކާރުން ފައިބައިގެންއައީ އޭނަގެ ވިދާ ރަތްކުލައިގެ ހެދުމުގެ ސަބަބުން އޭނަ ބޭނުންވާފަދަ އިޝާރާތެއް ނަަވޫދުގެ ފަރާތުން ވުމަށް އެދިއެދިހުރެއެވެ. އެވަރުންވެސް ނަވޫދުގެ މޫނުމަތިން އެއްވެސް ޝުއޫރެއް ނުފެނުނެވެ.

"މިތާ ކީއްކުރަނީ؟" އަރާފައި ހުރި ފުންނާބު އުސް ފައިވާނުގެ އަޑުގޮއްވަމުން ސަދަފް އޭނައާއި ދިމާލަށް އައެވެ.

"އަހަރެން މިތަނުން ދާން އުޅުނީ. ދެން ދަނީ...." ނަވޫދު އެނބުރުނީ އެއްވެސް ޝައުގެއް ނެތްގޮތަކަށް އޭނަ ސަދަފްގެ އަނގަ ހުޅުވުނީ ލިބުނު ޝޮކަކުންނެވެ. އެއާއެކު އަނގަ ލައްޕާލައިފިއެވެ."ހޭއި މަޑުކޮށްބަލަ. ބަދަލު ފައިސާއާއި ބެހޭގޮތުން...."

ސަދަފްގެ މޫނުމައްޗަށް ނަވޫދުގެ ސްކްރޫޑްރައިވާ ވެއްޓި ކެނޑުުތަންކޮޅު މުޅިން ހިކި އެކަމުގެ ނިޝާނެއް ފެންނަނީ ކުޑަ ލަކުނެއްގެ ސިފައިގައެވެ. ސަދަފް ބޭނުންނަމަ އެ ލަކުނު ނައްތައިލެވިދާނެއެވެ. އެކަމަކު އޭނަ ބޭނުންވީ އެ ހުރުމަށެވެ.

"އޯ....އެ ފައިސާ ދޯ. އެޖެންސީއަށް އެ ފައިސާ ހަވާލުކޮށްފިން...." ނަވޫދްގެ ޖަވާބުން ސަދަފް ސިއްސުވާލިއެވެ. އެކުޑަ ކުޑަ އަނިޔާއަށް ބަދަލުދޭން އެދި އޭނަ ނަވޫދުކައިރީ އެހެން ބުނީ ސަމާސާއަކަށެވެ. އެއީ ނަވޫދުއާއި ވާހަކަދައްކަންވެގެން ކުރިމަތި ކުރުވި ބަހަނާއެކެވެ. އޭނަ އެއްގޮތަކަށްވެސް ފައިސާ ބޭނުންވެގެނެއް ނޫނެވެ. އެކަމަކު ނަވޫދު އެފައިސާ ދައްކައިފިއެވެ.

"މަޑުކޮށްބަލަ. އެފައިސާ ދެއްކީތަ؟" ސަދަފް ކޮށިނޭރީ ހަމަ ކިރިޔާއެވެ. އޭގެ މާނައަކީ އެދެމީހުން ގެ ގުޅުން ކުރިއަށް ގެންދަން ދައްކާނެ ބަހަނާ ހުސްވީއެވެ. ނަވޫދުއަށް ލިބޭ މަދު މުސާރަކޮޅުން އެހާ އަވަހަށް ފައިސާ ދެއްކިދާނެކަމަށްވެސް އޭނަ ހިޔެއްނުކުރެއެވެ. އެކަމަކު ހީވަނީ ނަވޫދު ބޭނުންވީ ވީހާވެސް އަވަހަށް އެ މައްސަލަގަނޑު ނިންމުމަށެވެ.

ސަދަފްއަކީ މަހުރަމެއްނޫނެވެ. ނަވޫދު ސަދަފްއާއި އެކުވެރިކަމުގެ ގުޅުން ބާއްވަން އެއްވެސް ޝައުގެއްނެތެވެ.

"އެއައީ ސުފިޔާންގެ ކާރު...."ސަދަފް އެނބުރި ބަލައލީ ކާރެއްގެ އަޑު އިވިގެންނެވެ. އެ ކާރު މަޑުކޮށްލީ ސަދަފްގެ ކާރާއި ޖެހިގެންނެވެ. ދެ އަންހެންކުދިން ވަގުތުން ފޭބިއެވެ. އެއްވެސް މީހަކު އެއްޗެކޭ ނުބުނަނީސް ނަވޫދު ވަގުތުން ކާރުގެ ޑިކީ ހުޅުވާލާފައި ފުރޮޅުލީ ގޮނޑި ނަގައިގެންގޮސް ނަމްރާ ކާރުން ބޭލުވިއެވެ. އެއީ ނަވޫދުގެ ކޮއްކޮކަން ސަދަފް ދެނެގަތެވެ. އެންމެ މަޖާވީ އަނެއް ދެކުދިންވެސް ސަދަފްއަށް އެނގުނީމައެވެ. އެއް ދުވަހެއްގައި އެކުދިންނާއި މަގުމަތިން ބައްދަލުވެފައިވިއެވެ. އަދި ކަޅުކުލައިގެ އިސްތަށިގަނޑުގެ ވެރިޔާ ދެނެފަރިތަ ގޮތެއް އެބަހުއްޓެވެ. އެގްރޫޕް ކައިރިއަށް ގޮސްފައި ސަދަފްއަށް އަޑެއް ލައްވައިލެވުނެވެ. ސުފިޔަންގެ ތަސްވީރެވެ. މިއީ ހަމަ އެ އަންހެންކުއްޖާއެވެ. ސުފިޔާން ކުރަހަމުން ދަނީ މިކުއްޖާގެ ތަސްވީރެވެ. އެކުއްޖާގެ ލޯ ފެނުމުން ވަގުތުން އަރަތުގެ އެތިކޮޅުތައް އަތުރައިލެވިއްޖެއެވެ. ސުފިޔާން ވަރަށް ފަރުވާތެރިކަމާއި އެކު ރީތިކޮށް ކުރަހާފައިވަނީ ހަމަ މިލޮލެވެ. އޭނަގެ ބޭބެއާއި މިކުއްޖާގެ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ ލޮލުގައި ތަފާތު ކުލަ ހުރި މިކުއްޖާ އަދި އެހާ ޅައެވެ.

"ހެލޯ ނަމަކީ ކޮބައިތަ؟" ސަދަފް ފުޅާކޮށް ހީލައިފިއެވެ. އަދި އަލްވާއާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. އަލްވާ އެއަތުގައި ހިފައިލީ ސުވާލުގެ ނަޒަރަކުން ބަލައިލަމުންނެވެ."އަލްވާ....އަދި ތިއީ؟"

"މި ފިރިހެންކުއްޖާގެ ކޮއްކޮ...." ސަދަފް ސުފިޔާންއާއި އަތް ގުޅައިލިއެވެ. ސުފިޔާންވެސް ހުރީ ސަދަފް ފެނުމުން ހައިރާންވެ ނަވޫދުގެ ގޭގައި ސަދަފް ކުރަނީ ކޮންކަމެއްކަން ދެނެގަންނަން ބޭނުންވެފައެވެ.

"ތިވާނީ ސުފިޔާންގެ ޚާއްސަ އެކުވެރިޔާއަށް...."ސަދަފް އެއްލޯ ކުނަކޮށްލިއެވެ. ނަވޫދުގެ ނަޒަރު އުތުރު ސިކުންތުކޮޅަކަށް އަލްވާގެ މޫނުގައި ހަރުލިކަން ސަދަފް ފާހަގަކުރިއެވެ. އެހާ އަވަހަށް ނަވޫދު ދުރުވެސް ބަލާލައިފިއެވެ.

"ސަދަފް. މިތާ ހުރީ ކީއްވެ؟ ގެއަށް ދަމާ..." ސުފިޔާން މަޑުމަޑުން ބުނެލީ ބުމަ ކައިރިކޮށްލަމުންނެވެ.

"ލުކް.. އަހަރެން ނަވޫދުއާއި ނިންމަން ޖެހޭ ބިޒިނަސްއެއް އެބައޮތް..." ސަދަފް އިޝާރާތްކޮށްލީ ފުރޮޅުލީގޮނޑީގައި ހިފަހައްޓައިގެން ހުރި ނަވޫދުއަށެވެ. "ބޭބެ ދެން ގެއަށް ދޭ. އަހަރެން އިރުކޮޅަކުން އަންނާނަން.."

"ކޮން ވިޔަފާރިއެއް؟" ސުފިޔާން ސުވާލުކުރަން ފެށުމުން ސަދަފް ގާތްގަނޑަކަށް ސުފިޔާން ކާރުގެ ތެރެއަށް ކޮށްޕާލާފައި ދޮރު ލައްޕައިލިއެވެ. އިތުރު ސުވާލުތަކެއްކުރާވަރަށްވެސް ވަގުތެއްނެތް އަވަދިނެތި އުޅޭ ޒުވާނަކަށްވާތީ އޭނަ ބަލި ގަބޫލުކޮށް އަލްވާއަށް ބަލައިލަމުން އަތް ކުޑަކޮށް ހޫރައިލަމުން ކާރު ދުއްވައިލީއެވެ. ސުފިޔާންގެ ކާރު ލޯމަތިން ގެއްލުމާއެކު ސަދަފްގެ ތުންފަތަށް ނުލަފާ ހިންޏެއްވެރިވިއެވެ.

"އަލްވާ ހޫމް...އަހަރެންގެ ބޭބެ ވަރަށް ޝައުގުވެރިވެއްޖެހެން ހީވޭ...."އެތާތިބި އެންމެނަށް އިވޭހާ ބާރަށް ސަދަފް ކިޔައިލިއެވެ. އޭނަ ކޮނޑުގައިއޮތް ދަބަސް ހާވާލާފައި ނެގީ ކާޑެއްފަދައިން އޮތް އެއްޗެކެވެ."މިއޮތީނު. ސުފިޔާންގެ އަގުހުރި ތަސްވީރު.."ސަދަފްގެ ރާގުގައި މަލާމާތުގެ ފާޑެއްވެސް ހުއްޓެވެ. އަލްވާއާއި އަދި ބޭގަރާރުވެފައި ހުރި މެހެކްވެސް ސަދަފް ވަށައިލީ ސަދަފްގެ އަތުގައި އޮތް އެއްޗެއް ބަލައިލާހިތުންނެވެ. އެއީ ތަސްވީރެއްގެ ކެމެރާ ޕްރިންޓެކެވެ. ނުލާއި މުށިކުލަ އެކުލެވޭ ލޮލަކާއި ރަންކުލައިގެ ހަމެކެވެ.

"މިއީ އަލްވާ. ނޫންތަ؟" ސަދަފް އަލްވާގެ ލޮލާއި ހަތަރުކަޅި ހަމަކޮށްލިއެވެ." އަހަރެން އެ ތަސްވީރުގެ ޕިކްއެއްނެގީ ބޭބެގެ ޝައުގު ހުރި ކުއްޖެއް ދެނެގަންނަން ބޭނުންވާތީ. އަހަރެން މިހިރީ އެކުއްޖާގެ ކުރިމަތީގައިކަން ގަބޫލެއްވެސް ނުކުރެވޭ..ކޮންފަދަ އިއްތިފާގެއް..."

އަލްވާ ރަކިވީވަރުދެކެފައި ސަދަފްއަށް އުފާވެރިކަމެއްލިބުނެވެ. ފިޔާތޮށިކުލައަރާ ކޯތާފަތާއި ވިދާދެލޮލާއި ދެއްކުންތެރިކަމެއްނެތް ހިނިތުންވުމެކެވެ. މި ކުޑަކުއްޖާ އޭނަގެ ބޭބެދެކެ ލޯބިވީއެވެ. ތަޖުރިބާ ހުރުމުން ސަދަފް ވަގުތުން އެކަން ދެނެގެންފިއެވެ.

ސަދަފް ސިއްރުން ނަވޫދުއަށް ބަލައިލީ ނަވޫދުއަށް އަލްވާގެ މޫނުން ފެނުނު އުފާވެރިކަމުގެ ޝުއޫރުތައް ފެނުނުކަން ޔަގީންކުރަންވެގެންނެވެ. ސަފަދްއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. މިހާރު ނަވޫދުގެ ހިތުގައި އަލްވާއަށްޓަކާ އެއްވެސް ކަހަލަ އިހުސާސެއްވާނަމަ ފަހަތުން އުޅުން ހުއްޓަން ދަސްވެފައި ހުންނާނެއެވެ. އެއީ ސަދަފްގެ ރޭވުމެވެ. އޭރުން ނަވޫދުގެ ހުރިހާ ސަމާލުކަމެއް ލިބޭނީ އޭނައަށެވެ. ހަމައެކަނި އޭނައަށެވެ.

"ވެލް..މިއޮތީ. ހަދިޔާއެއްގެ ގޮތުގައި ދީފާނަން. ދެން ގިނަގިނައިން ފެންނާނެކަމަށް އުއްމީދުކުރަނީ ފަހަރި...." ސަދަފް ހުނުމަކާއެކު އަލްވާގެ ކަންފަތްބުޑުގައި އެންމެ ފަހުގެ ލަފުޒު ކިޔާފައި ދާން ހިގައިގަތެވެ.

ނަމްރާ އެ ތަސްވީރު ބަލައިލަން ބޭނުންވުމުން އަލްވާދިނެވެ. ނަމްރާ އިރުގަނޑެއްވާންދެން ބަލަން އިނދެފައި އަނބުރާ ދިނެވެ.

"އޭނަ އަލްވާގެ ލޯ ފިޔަވާ އެހެން ތަނެއް ނުކުރަހާ.."ނަވޫދުއަށް ފާހަގަވިއެވެ.

"ތަސްވީރު ކުރަހާ މީހުންވާނީ އަލިފާނުގައި ކަމަށް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވި. އެހެންވެ ކަން ނޭގޭ މުޅި މޫނު ނުކުރަހާ ހުރީ. ގިނަ އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާގޮތުން ސާފުކޮށް ސިފަތައް އެނގޭގޮތަށް ނެތިއްޔާ ތަސްވީރަކަށްނުވާނެ..." ނާކިއާގެ ފަރާތުން ދަސްވި ފިލާވަޅެއް އަލްވާ ހަނދާންކުރިއެވެ.

"އޭނަ އަލްވާދެކެ ލައިކްވަނީތަ؟"ނަމްރާ ބުމަ އަރުވައިލިއެވެ."ނޫނީ ހަމައެކަނި ލޯދެކެ؟ އެބުނި އެއްޗަކުން އަލްވާ ލަދުގަންނަގޮތްވިއެވެ.

"އެއްޗެއް ދައްކާނަން. " ނަމްރާ ކުއްލިއަކަށް މަޑުމަޑުން ބުނެލިއެވެ."އެތެރެއަށް ވަދެބަލަ....."

ކޮޓެޖްގެ ތެރެއަށް ވަދެފައި ނަމްރާ އޭނަގެ މުށިކުލައިގެ ލެންސް ނެގިއެވެ. އޭނަގެވެސް ހުރީ އަލްވާ ފަދައިން ދެކުލައިގެ ލޮލެކެވެ. "އޯ މައި ގޯޝް. ދެކުދިންގެވެސް ތިހިރީ ހަމަ އެއްކަހަލަ ލޯ....."

އަލްވާވެސް ނަމްރާއަށް ބަލަން އިނީ ހައިރާންވެ ލޯބޮޑުކޮށްލައިގެންނެވެ." ލެންސް ލައްވައިގެން ފޮރުވައިގެން އުޅެނީ ކީއްވެތަ؟"

"މިއީވެސް އޮޅުވައިލަންވެގެން. އޭރުން އަހަރެން ކިޑްނެޕްކުރަން އުޅޭ މީހުންނަށް އަހަންނަކީ ކާކުކަން ނޭގޭނެއްނު.."ނަމްރާ ބުނެދިނެވެ. ނަމްރާއާއި ހަތަރުކަޅި ހަމަވުމުން މެހެކް ހީކަރުވައިގަތެވެ. އެހެން ދުނިޔެއެއްގެ ކަމެއްފަދައެވެ. ނޫކުލައިގެ ހުޅުކޮޅެއްގެ ވަށައިގެންވާ މުށިކުލައިގެ ކަޅީގެ "ޓްވިން" އެވެ.

ނަވޫދުވެސް ވިސްނަމުން ދިޔައީ ދިމާވެފައިވާ މި ހާލަތާއިމެދުގައެވެ. މިއީ ޔަގީނުންވެސް އިއްތިފާގެކެވެ. އެގޮތަށް ލޮލުގައި ދެކުލަ ހުރުމަކީ ނާދިރުކަމެކެވެ. އަދި އެއްތަނެއްގައި އެފަދަ ދެ އަންހެންކުދިން ތިބުންވެސް މެއެވެ. އާޝޯޚުވާފަދަ ކަމެކެވެ. އެކަމަކުވެސް ނަވޫދުއަށް އިހުސާސްވަނީ މިކަމުގައި ކޮންމެވެސް ކަހަލަ އާދަޔާޚިލާފުކަމެއް އެބަހުރިކަމަށެވެ. އެކަމަކު އެކަން ވިސްނައިގަންނާކަށް ނޭގުނެވެ. ނަވޫދު ފިކުރުގެ ކަނޑަކަށް ގެނބެމުން ދިޔައިރު އަންހެންކުދިން ހެމުން މަޖާކުރަމުން އަދި ނަމްރާގެ ލޮލަށް މޮޔަވަމުން ދިޔައެވެ. އަދި އެކުދިންނަކީ"ސޯލްމޭޓްސް" ކަމުގައި ކިޔެވެ. ޔަތީމުޚާނާއިން އަންހެންކުދިން ގެނައި ނޯޓްސްތައްވެސް ނަވޫދުބެލިއެވެ. އެތަނުން ގެއްލިފައިވާ ކުދިންގެ ލިސްޓްވެސް އޭނަ ބެލި އެއެވެ. ހުރިހާ ކުދިންގެ އުމުރުވެސް އުޅުނީ ދިހަ އަހަރުން ދަށުގައެވެ. އަދި އެންމެ ކުޑަކުއްޖާގެ އުމުރަކީ ފަސްއަހަރެވެ. ކޮންމެވެސް ދިމާލަކުން ސިކުނޑި އަންގަން ފެށުމުން އޭނަ އެކުދިންގެ މޫނުގެ ސިފަތައްވެސް އަޅާކިއެވެ. ޚާއްސަކޮށް ލޮލެވެ. ޔަތީމުޚާނާއިން ގެއްލުނު ހުރިހާ ކުދިންގެ ކަޅީގައި ކަޅުކުލަ ހުރިކަން އޭނަ ފާހަގަކުރިއެވެ. ބަދިގޭގެ މޭޒުގައި ކަރުދާސްތައް ހާވަން ގުދުވެލައިގެން އޮތްއިރު އަންހެންކުދިން ކައުޗްގައި ތިބެ ދައްކާވަހަކަވެސް އިވުނެވެ.

"އަހަންނަށް ހީވަނީ ސުފިޔާން ޕްރޮޕޯސްކުރީހެން..."އަލްވާގެ ޖުމްލައާއެކު މެހެކް ފޯރިއާއެކު ހަޅޭއްލަވައިގަތެވެ.

"ޝްޝްޝް..." އަލްވާ އަވަހަށް މެހެކްއަށް އެންގީ މައިތިރިވުމަށެވެ. ދެން ވާހަކަދެއްކީ ނިކަން މަޑުންނެވެ. ނަވޫދުއަށް ނީއްވަންވެގެން ކަން ނޭގެއެވެ. އިތުރަށް ދެއްކި ވާހަކަތަކެއް އޭނަގެ ކަންފަތާއި ހަމަޔަކަށް ނުފޯރިއެވެ.

ކައިވެންޏަށް އެހީހެއްޔެވެ؟ ސުފިޔާންއަކީ ރޯޒްކްލިފްގެ ވެރިޔާއެވެ. މުއްސަދިކަމާއި މަޝްހޫރުކަން ލިބި ބައިނަލްއަގުވާމީއެތައް މަޝްހޫރު ބްރޭންޑަކާއި ގުޅުން ހުރި މީހަކު ސްކޫލްގައި އުޅޭ ފުރާވަރުގެ ކުއްޖަކާއި އިންނަން ވީހެއްޔެވެ؟ އަދި އާއްމުގޮތެއްގައި ރީއްޗޭ ނުބުނާކަހަލަ ލޮލެއްވެސް ހުރި ކުއްޖެކެވެ. އެކުއްޖާގެ ގައިން ސުފިޔާންއަށް ފެނުނީ ކޮންކަމެއްހެއްޔެވެ؟ ނަވޫދު ކޮންމެހެން ހަސަދަވެރިވީއެއް ނޫނެވެ. އެއްގޮަތަކަށްވެސް އެހެނެއް ނޫނެވެ.

***

ސުފިޔާންގެ އެއްވެސް ޚަބަރެއްނުވެ އެެތައް ދުވަހެއް ފާއިތުވެގެން ދިޔުމުން އަލްވާ ވަރަށް ބޮޑަށް ހަނދާންވިއެވެ. އޭނަވެސް ސްކޫލް ނިންމިއެވެ. މެހެކްފަދައިން ފާހަގަކުރެވޭފަދަ ރަންވަނައެއް ލިބި ކްލާހުން އެއްވަނަށް ނުދިޔަސް އޭނަވެސް ފާސްވިއެވެ. އޭނަ ފޮތްފިހާރައިގެ ވަޒީފާ ނިންމައިލަން ޖެހުނީ ސުފިޔާންއާއި ދިމާނުވެހުރެއެވެ.

ނާކިއާ ހޮޓަލަށް އަނބުރާ އައީ ދަރިފުޅު ގޮވައިގެންނެވެ. އެދަރިފުޅަށް ނާކިއާ ދިން ނަމަކީ ސަޔާރާއެވެ. ސަޔާރާގެ ނަމަކީ ރަގަޅުކަމެވެ. ސަބަބަކީ ނާކިއާގެ އެދުމަކީ އެ ދަރިފުޅުގެ ސަބަބުން ދުނިޔެއަށް ހަމައެކަނި ރަގަޅުކަންތައް ގެނެސްދިނުމެވެ. މެހެކްވެސް ސަޔާރާ ފެނުމުން އޭނަ އިސްކަންދޭ ކަންތައް ބަދަލުކޮށްލައިފިއެވެ. މެހެކް ހުންނަނީ އެދަރިފުޅާއިހެދި މޮޔަވެފައެވެ. އަދި އަބަދުވެސް ދައްކާނީ އެކުއްޖާގެ މަޑުކަމާއި މޮޑެލަން ބޭނުންވާ ވާހަކައެވ. މެހެކް އަބަދު ދެކެމުން އައި މިޝަން ކަމަށްވާ "ޕްރިންސް ހޯދުމުގެ ހުވަފެން" އެވަގުތަށް މަޑުޖެހިލައިފިއެވެ. އޭނަވެސް ބޭނުމީ އެގޮތަށް ގެންގުޅޭނެ ދަރިއެކެވެ. ދަރިފުޅުގެ ބައްޕަައަކީ ކޮންމެ މީހަކަށްވިޔަސް އޭނައަށް ކުއްޖަކު ލިބެންޏާ އެންމެ ރަގަޅެވެ. މެހެކްއަށް އައި ބަދަލު އަލްވާއަށް މަޖާކަމަކަށްވިއެވެ. އެންމެންވެސް ހީކުރީ ދަރިފުޅާއިހެދި އެންމެ ވަރުވާނީ އަލްވާކަމުގައެވެ. އެކަމަކު އޭގެ ދިމާ އިދިކޮޅެވެ. އަލްވާ ސަޔާރާއާއި ދުރުމިނެއް ގެންގުޅުނެވެ. ކޮންމެހެން ލޯބިނުވާތީއެއް ނޫނެވެ. އޭނަ އެދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަމަކު ކައިރިވާން ބިރުގަންނަނީއެވެ. ޖެހިލަންވެސް އަދި އުރައިލަންވެސް އޭނަ ބިރުގަނެއެވެ. ނާކިއާ ހުއްދަދިންކަމުގައިވިޔަސް އަލްވާއަކަށް އެކަންވާގޮތެއްނުވިއެވެ. އެއްފަހަރު އެ ކުޑަކުޑަ ފައިތިލަ އަލްވާގެ އަތްތިލައިގާ ޖެހުމާއެކު ސިހިފައި އަވަހަށް އަތް ދަމައިގަތީ އަލިފާނުގައި އަތްލެވުނުފަދައިންނެވެ.

މެންދުރު ދަޅައިގާ މެހެކް އެދަރިފުޅު އަތްދަނޑިމައްޗަށް ނަގައިގެން ނިންދަވަން ދެކޮޅަށް ހިނގަން ހުއްޓާ ނާކިއާ އަލްވާ ގޮވައިގެން ކޮޓަރިން ބޭރަށް ނިކުތެވެ.

"އަލްވާ. ކުޑަކުދިންދެކެ ބިރުގަންނަނީތަ؟" ހޮޓެލްގެ ފެންޑާގެ ފަތްތަރުމަތީ އިށީދެފައި ނާކިއާ އެހިއެވެ.

"ހާދަ ކުއްލިއަކަށް ތިހެން ބުނީ..."އަލްވާ ނުތަނަވަސްގޮތަކަށް ހީގަތެވެ. "ބިރެއްނުގަނޭ...."

ނާކިއާ ބަލައިލީ އެކަން ގަބޫލުނުކުރާފަދަ ގޮތަކަށެވެ.

"އޯކޭ....ކުޑަކޮށް.."އަލްވާ އިއުތިރާފްވިއެވެ. އަދި ވަރަށް މަޑުމަޑުން ބުނެލިއެވެ. "ބިރުގަންނަނީ އަހަރެންގެ އަތުން އަނިޔާއެއްވެދާނެތީ..."

"އެއީ ކީއްވެތަ؟"

"އަހަންނަކީ ޔަތީމުކުއްޖެއް..."އަލްވާ ތުންފަތުގައި ދަތްއަޅައިލިއެވެ. ނާކިއާއާއި މިވާހަކަ ހިއްސާކުރުން ރަގަޅުބާވައެވެ. "ކުޑައިރުގެ ހަނދާންތައް ފްލޭޝްބެކްގޮތަށް ފެނޭ. ކޮންމެ ފަހަރަކު އަހަންނަށް އަހަރެން ފެންނަނީ ވަރަށް ޅައިރު...ކޮންމެ ފަހަރަކު އަހަރެންގެ އަތުގައި ލޭ ހުރޭ......"

ނުނިމޭ