19 Jul 2022, 19:09
ޑައިވިނަށް ގޮސް އުޅުނު ސައުތު ކޮރެއާގެ 49 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެއެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ ފަރުކޮޅުފުށީގެ ހުޅަނގުއުތުރު ފަރާތަށް މޫދަށް އެރި، ފްރީޑައިވްކުރަން ދިޔަ އެ ފަތުރުވެރިޔާ ގެއްލިގެން ހޯދަމުން ދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނަށް އެމީހާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 11:05 ހާއިރުކަމަށެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަހަރައްދަށް ގޮސް ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކޮށްފައި ވާކަމަށާއި، ގެއްލުނު މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވަނީ ކ.ގާގަނޑު ދެކުނުގައި އޮތް ފަރު ކައިރިން، ކަނޑުގެ 30 މީޓަރު އަޑިން، މިއަދު 11:50 ހާއިރުއެވެ.
އަދި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެމީހާގެ ހަށިގަނޑު މޫދުން ނެގުމަށް ފަހު، މިއަދު 12:21 ހާއިރު ހަށިގަނޑު މާލެއަށް ގެނެސް، އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.