27 Mar 2012, 11:19
ރާއްޖޭގައި ބިނާ ކުރާ މިސްކިތްތަކުގައި މި އަހަރުން ފެށިގެން ގްރުއާން ކްލާހެއް ހިމަނާ ގޮތަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިހާރު ވެސް ބައެއް މިސްކިތް ތަކުގައި ގުރުއާން ކުލާސްތައް ހިންގާ ކަމަށާއި ނަމަވެސް އެއްވެސް މިސްކިތްތަކުގައި އެކަމަށް ހާއްސަ ތަންތަން ނުހުންނަ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރުން ފެށިގެން ބިނާކުރާ ހުރިހާ މިސްކިތެއްގައި ވެސް ޒަމާނީ ވަސީލަތް ތަކާއިއެކު ގުރުއާން ކިޔަވައިދޭނެ ކުލާސްރޫމެއް ގާއިމުރާނެ ކަމަށެވެ.
"މިހާރު މިސްކިތް ތެރޭގައި ގުރުއާން ކުލާސް ހިނަގަމުންދޭ. ނަމަވެސް ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން މަސައްކްތަ ކުރާނީ، ޑިޒައިން ކުރާނީ މިސްކިތް ތަކުގައި ކުލާސްރޫމަކާއި ޒަމާނީ ވަސީލަތްތައް އެތަނުގައި ގާއިމްކުކޮށްގެން" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އަލަށް އިމާރާތްކުރާ މިސްކިތްތަކުގައި ގުރުއާން ކިޔެވުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމުގެ އިތުރުން އެ މިސްކިތުގެ އިމާމަކަށް ނުވަތަ ކަނޑައެޅިފައިވާ އުސްތާޒަކަށް މިސްކިތުގައި ގުރުއާން ކިޔަވައިދެއްވޭނެ ގޮތަށް މިސްކިތްތަކުގެ މާހައުލު ބައްޓަން ކުރައްވާނެ ކަމަށެވެ. އޭގެ ބޭނުމަކީ މިސްކިތުގެ ބޭނުން ހެޔޮގޮތުގައި ފޯރުކޮށްދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގުރުއާން ކުލާހާއެކު މިސްކިތުގައި ޒަމާނީ ވަސީލަތްތައް ގާއިމްކުރުމުގެ ބޭނުމަކީ އިޖުތިމާއީކަންތައް ތަކާއި ތައުލީމީ ކަންކަމަށް މިސްކިތް ބޭނުންކުރުން ކަމަށާއި އިސްލާމީ ދުނިޔޭގައި އެގޮތަށް މިސްކިތް ބޭނުން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިސްކިތްތައް ހަމައެކަނި ނަމާދުކުރެވޭ ތަންތަން ގޮތުގައި ބޭނުން ކުރެވުން އެއީ އަސްލު ފުރިހަމަ ދައުރެއް ނޫން އެއީ އެވެސް އޭގެ ވަރަށް ބޮޑު ހިއްސާއެއް. އެއާއި އެކުގައި އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެ ތައުލީމީ ގޮތުންނާއި އިޖުތިމާއި ގޮތުން މިސްކިތުގެ ދައުރު ފުޅާކުރުމަށް،" ޝަހީމް ވިދާޅުވި އެވެ.
ރާއްޖެ އިސްލާމް ދީނަށް ބަދަލު ވުމަށްފަހު މިސްކިތްތައް އެޅި އިރު ގުރުއާން ކިޔަވައި ދިނުމާއި އެހެންނިހެން ތައުލީމު އުނގައްނައި ދިނުން އޮތީ މިސްކިތްތަކުގެ ދާލަ އެވެ. ރާއްޖޭގެ ފުރަތަމަ މަދަރުސާއަކީ ވެސް މާލޭގެ ހުކުރު މިސްކިތުގެ ދާލަ އެވެ.