19 Jul 2022, 17:12
ވޮޝިންޓަން (19 ޖުލައި 2022) : ރަޝިއާއާއި އީރާނާ ދެމެދު އަސްކަރީ ގުޅުންތައް ބަދަހިކޮށް ރަޝިއާއިން އީރާނުގެ އަސްކަރީ ޑްރޯން ގަތުމަށް ކުރާ މަސައްކަތްތަކާމެދު ކަންބޮޑުވާކަަން އެމެރިކާއިން ހާމަކޮށްފިއެވެ.
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން ތަކާބެހޭ ކޯޑިނޭޓަރު ޖޯން ކާބީ ވިދާޅުވީ ރަޝިއާއިން އީރާނުގެ އަސްކަރީ ޑްރޯންގެ ޝިޕްމެންޓެއް ގަންނަން މަސައްކަތް ކުރަނީ ޔުކްރެއިން ހަނގުރާމައިގާ ބޭނުންކުރަންކަމަށް ބެލެވޭތީ އެއީ އެމެރިކާ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. މީގެއިތުރުން ރަޝިއާއިން އީރާނާއެކު އަސްކަރީ ގުޅުންތައް ހިމެނޭގޮތަށް ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކީވެސް އެމެރިކާ ކަންބޮޑުވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޯން ކާބީ ވިދާޅުވިގޮތުގައި މިކަމުގެ ސަބަބުން ރަޝިއާގެ އަސްކަރީ ޙައްސާސް ޓެކްނޮލޮޖީ އީރާނަށް ލިބިދާނެކަމުގެ ބިރު އެމެރިކާ އިހްސާސްކުރެއެވެ. އަދި އީރާނުގެ ޑްރޯން ލިބިއްޖެނަމަ ޔުކްރޭން އާ ދެކޮޅަށް އިތުރު އުދުވާން ހިންގަން ރަޝިއާއަށް ހިތްވަރު ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަޝިއާގެ އިސް މަސްއޫލުވެރިއަކުވަނީ އަސްކަރީ ގުޅުންތަކާއި އިގްތިސާދީ ގުޅުންތައް ހިމެނޭގޮތަށް އީރާނާއެކު ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި ރަޝިއާއާއި އީރާން ދާދިއަވަހަށް ސޮއިކުރާނެކަމަށް ވިދާޅުވެފައެވެ.
އަނެއްކޮޅުން ޗައިނާ އާއި އީރާނުން 2020 ވަނަ އަހަރުވަނީ އެދެގައުމުގެ މެދުގައި އިގްތިސާދީ އަދި ވިޔަފާރީގެ ސްޓްރެޓީޖިކް ގުޅުންތައް ގާއިމް ކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 10 އަހަރު ތެރޭގައި ޗައިނާއިން އީރާނުގައި 37 ބިލިޔަން ޑޮލަރު އިންވެސްޓްކުރާނެއެވެ.

އީރާނުން އުފައްދާފައިވާ އަސްކަރީ ޑްރޯން އެއްގެ ކައިރީގައި އެގައުމުގެ ދެ މަސްއޫލުވެރިއަކު
މި އިންވެސްޓްމަންޓްތަކުގެ ތެރޭގައި އީރާނުގައި މަދަނީ އައު އިންފްރާސްޓްރަކްޗަރ ގާއިމް ކޮށްދިނުމާއި މިހާރު ހުރި އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ކުރުން ހިމެނެއެވެ. ދިގުމުއްދަތުގެ މިސްޓްރެޓީޖިކް އެއްބަސްވުމުގެ ދަށުން ޗައިނާގެ ކުންފުނިތަކުން އީރާނުގައި އާ ހައިވޭތަކާއި މަގުތަކާއި ބަދަރުތަކާއި ރޭލްވޭތަކާއި ބްރިޖުތައްފަދަ މަދަނީ އިންފްރާސްޓްރަކްޗާ ގާއިމް ކޮށްދިނުމުގެ އިތުރުން އީރާނުގައި މިހާރު ހުރި މިބާވަތުގެ އިންފްރާސްޓްރަކްޗާ ޒަމާނާ އެއްގޮތަށް އަޕްގްރޭޑް ކޮށްދޭނެއެވެ.
ރަޝިއާއާއެކު އީރާނުން ސޮއިކުރަން މަސައްކަތްކުރާ އަސްކަރީ ސްޓްރެޓީޖިކް އެއްބަސްވުމުގެ ދަށުން ރަޝިއާގެ އަސްކަރީ ފައިޓާ ޖެޓާއި މަތީ ޓެކްނޮލޮޖީގެ ހަތިޔާރު އަންޑާ ލައިސަންސްގެ ދަށުން އީރާނުގައި އުފެއްދުން ހިމެނެއެވެ. އަދި މިކަމަށް ބޭނުންވާ އީރާނުގެ ފަންނީ މީހުންނާއި އިންޖިނޭރުން ތަމްރީން ކޮށްދިނުންވެސް ހިމެނެއެވެ.
އީރާނުގައި އުފައްދާ ޑްރޯންގެ ޝިޕްމަންޓެއް ގަތުމަށް ރަޝިއާ މަސައްކަތް ކުރާކަމަށް އެމެރިކާ ކުރާ ތުހުމަތުތަކަށް އެ ދެ ގައުމުން އިންކާރު ކުރެއެވެ. ނަމަވެސް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ރަޝިޔާގެ އަސްކަރީ ބައެއް ތަޖުރިބާކާރުން ވަނީ އީރާނަށް ޒިޔާރަތްކޮށް އީރާނުގައި އުފައްދާފައިވާ އަސްކަރީ ޑްރޯންތައް ބަލައި ޗެކްކޮށް އެތަކެތީގެ އަސްކަރީ ދެނެގަނެފައެވެ. ދެން އޮތީ އީރާނުގެ ޑްރޯންގެ ޝިޕްމަންޓެއް ގަތުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމެވެ.
ރަޝިއާ އީރާނުން ގަންނަ ޑްރޯން ތަކުގެ ތެރޭގައި މިސައިލާއި ރޮކެޓް އަދި ބޮން ފަދަ ހަތިޔާރުން ހަމަލާ ދިނުމުގެ ގާބިލުކަން ލިބިގެންވާ އަސްކަރީ ޑްރޯންތަކާ އަދި ޖާސޫސީ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ ޑްރޯންތައް ހިމެނޭކަމަަށް ރިޕޯޓްތައް ބުނެއެވެ.
އީރާނަކީ 15 ބާވަތެއްގެ ޑްރޯން އުފައްދާ ގައުމެކެވެ. މީގެތެރޭގައި އަމިއްލައަށް ވެއްޓިގަނެގެން ހަމަލާދޭ އަސްކަރީ ޑްރޯންތަކާއި މިސައިލާއި ރޮކެޓުން ހަމަލާދޭ ޑްރޯންތަކާ އަދި ޖާސޫސީ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ ޑްރޯންތައް ހިމެނެއެވެ.
ރަޝިއާ އީރާނުން ޑްރޯން ގަންނަނީ ރަޝިއާގައި ޑްރޯން ޓެކްނޮލޮޖީ ނެތިގެނެއް ނޫނެވެ. ޔުކްރެއިން ހަނގުރާމަ ދިގުލައިގެންދާއިރު އެ ހަނގުރާމައިގާ ގިނަ އަދަދެއްގެ ޑްރޯން ހަލާކުވެފައިވާތީ އަވަސް ގޮތަކަށް ގިނަ އަދަދަކަށް ޑްރޯން އުފައްދަން ދަތިވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަޝިއާ ޔުކްރެއިން އާ ދެކޮޅަށްކުރާ ހަނގުރާމަ ސީދާ ގޮތެއްގައި ކުށްވެރިކުރުމަށް އީރާން ވަނީ ފަސްޖެހިފައެވެ. އަދި އެމެރިކާއިން ރަޝިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާން ދަނީ ގޮންޖަހައި ރަޝިއާއާ ވިޔަފާރީގެ މުއާމަލާތްތައް ކުރަމުންނެވެ. ރަޝިއާވެސް ގެންދަނީ އެމެރިކާއިން އީރާނާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ފުޅާދާއިރާއެއްގައި ކުރަމުންނެވެ.
މިއީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކެނޑޭކަމަކަށްވާތީ މިއީ އެމެރިކާ ކަންބޮޑުވާ ކަމެކެވެ.