މިދިޔަ މަހުގެ 21 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގެ މައްސަލާގައި ހައްޔަރުކުރި ޝައިހު އާދަމް ނިޝާން ބިން ޢަލީ އާދަމް އާއި ޝައިހު ފަޒްލޫން ބިން މުޙައްމަދުގެ ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ ޝައިހު ނިޝާންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު 16 ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ.

ދެ ޝައިހުންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އާދަމް އާސިފް ވިދާޅުވީ އެ ދެ ބޭފުޅުންނަށް ވެސް މިހާރު އިތުރު 16 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

ޝައިހު ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކުރިއިރު ޔޯގާ ޑޭގެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 21 މީހުންގެ ތެރެއިން ހަ މީހަކު ވަނީ އިއްޔެ ބަންދުން ދޫކޮށްލާފައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ "ސަން"އަށް ވިދާޅުވީ ތަހުގީގުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަ މީހުން އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލާފައިވާ މީހުންގެ ނަންތައް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ކެބިނެޓްގެ ސަބް ކޮމިޓީއެއް ވެސް ވަނީ އުފައްދާފައެވެ.