ރާއްޖޭގެ ކަނޑުގެ ސަރަހައްދު، އެކްސްކުލުސިވް އެކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރޭގައި ހައިޖެކް ކުރި ކާގޯ ބޯޓު ރާއްޖޭގެ ސަރަހައްދުން ބޭރަށް ނުކުމެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކާނަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ ކޯސްޓްގާޑްގެ ހުރަވީ، މިއަދު ހެނދުނު އެ ސަރަހައްދަށް ދިޔައިރު އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުކުމެފައިވާ ކަމަށާއި ހުރަވީން މިހާރު އަންނަނީ ހޯރަފުށީ ބޭރުން 188 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

"އޭތި [ބޯޓު] އަޅުގަނޑުމެންގެ އީއީޒެޑުން ބޭރުގައި ވަނީ. މިހާރު ކުރިއަށް ދަނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާއާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާއިން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އީރާނުގެ ޝިޕިންލައިނަކަށް ނިސްބަތްވާ ބޮލީވިއާގެ އެ ބޯޓު، ކަނޑުފޭރޭ މީހުން ފޭރިގަތީ އިއްޔެ ހެނދުނު ހޯރަފުށީ ހުޅަނގު އުތުރުން 190 މޭލު ބޭރުން ރާއްޖޭގެ ކަނޑުގެ ހަތް މޭލު އެތެރޭންނެވެ.

ދުނިޔޭގެ މީޑިއާތަކުން ބުނަނީ ފޭރިގަތް ބޯޓަކީ ހަކުރު ބަރުކޮށްގެން އީރާނަށް ދަތުރުކުރި ބޯޓެއް ކަމަށާއި އެބޯޓުގެ ބަދަލުގައި އެތައް މިލިއަން ޑޮލަރަކަށް ފޭރޭ މީހުން ޑިމާންޑް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދު މީގެ ކުރިންވެސް ސޯމާލިޔާގެ ފޭރޭ މީހުން ކަމަށް ބެލެވޭ ބަޔަކު ވަނީ އެކިފަހަރު މަތިން ފެނިފަ އެވެ. ނަމަވެސް މި ފަހުން ކަނޑުފޭރުމުގެ ހާދިސާއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގި މިއީ ފުރަތަމަ ފަހަރެވެ. އިންޑިއާ ކަނޑު ބެލެހެއްޓުމުގައި ނޭޓޯ އާއި އީރާން އަދި އިންޑިއާގެ ސިފައިން ވެސް ހަރަކާތްތެރިވެ އެވެ. ފަހަކަށް އައިސް އިންޑިއާ ކަނޑަށް ވަނީ ފޭރޭ މީހުންގެ ނުރައްކާތެރިކަން ބޮޑުވެފަ އެވެ.