18 Jul 2022, 17:31
ހައި ޕްރޮފައިލް ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.
އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވަނީ މިއަދުއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ އިތުރުކުރީ ފަސް ދުވަހެވެ.
އަލަމް ގީރުއާ އެކު ހައި ޕްރޮފައިލް ދެ ބޭފުޅަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ތުހުމަތު ކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)އެވެ.
އެ މީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.
އަލަމް ގީރު މައާފަށް އެދި ތައުބާވާ ވީޑިއޯއެއް މީގެކުރިން ވަނީ "ސަން"އަށް ލިބިފައެވެ. އެ ވީޑިއޯގައި އޭނާ ބުނަނީ އޭނާ އަކީ ވަރަށް ފަގީރު މީހެއްކަމަށާއި ހެވާއި ނުބައި ނޭނގޭކަމަށެވެ. އަދި އޭނާ ތައުބާ ވެފައިވާކަމަށާއި ދިވެހި ރައްޔިތުން އޭނާ އަށް މާފުކޮށްދިނުމަށް އަލަމްގިރި ވަނީ އެދިފައެވެ.
"އަހަރެން ތައުބާ ވެއްޖެއިން. މި ރާއްޖޭ ހުރިހާ މީހުން އަހަރެން މާފުކުރާދީބަލަ،" އޭނާ ބުންޏެވެ.