18 Jul 2022, 16:47
ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް)ގެ ދަށުން މާލޭގައި މިނީ ބަހުގެ ޚިދުމަތް މި މަހުގެ ތެރޭގައި ދޭން ފެށުމަކީ އެމްޓީސީސީގެ އަމާޒުކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ޚިދުމަތް ފެށުމަށް އެމްޓީސީސީގެ ފަރާތުން ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެފައިވާކަމަށެވެ.
އޭގެތެރޭގައި މާލޭގެ މަގުތަކަށް ޚާއްސަކޮށް ބަސްތައް ފަރުމާކޮށް، ބަސްތައް ގެނައުމާއި ބަސްތައް ބަހައްޓާނެ ތަންތަން ހަމަޖެއްސުމާއި އެކަމަށް ބޭނުންވާ މުވައްޒަފުންވެސް ތަމްރީން ކުރުން ހިމެނެއެވެ.
"މިނީ ބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީ އޮތީ ތައްޔާރަށް. މިހާރު އެމްޓީސީސީ އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެފަ ވަނީ. އަމާޒަކީ މި މަހުގެ ތެރޭގައި މިނީ ބަހުގެ ޚިދުމަތް ފެށުން،" އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިހާރު މިނީ ބަހުގެ ޚިދުމަތް ނުފެށި ލަސްވަނީ މާލޭ ސިޓީ ކައުންސިލުން އެކަމަށް ދޭން ޖެހޭ އެއްބާރުލުން ނުދޭތީ ކަމަށެވެ. އެގޮތުން ބަހުގެ ޚިދުމަތް ފެށެން އޮތީ މާލޭގެ މަގުތަކަށް ބައެއް ބަދަލުތައް ގެނެސްގެން ކަމަށް އާޒިމް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ބަސް ދުއްވޭ ގޮތަށް މަގުތައް ފަހި ކުރުމާއި ބަސް ހުއްޓާނެ ސްޓޮޕްތައް ގާއިމުކުރުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަން ކޮށްދެވޭނީ މާލޭ ސިޓީ ކައުންސިލަށް ކަމަށާއި އެކަންކަން ހަމަޖައްސައިދިނުމަށް އެދުމުންވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 ބަސް މިހާރު ވަނީ މާލެ ގެނެސްފައެވެ. އޭގެތެރެއިން 12 ބަސް މާލޭގައި ބޭނުންކުރާއިރު ބާކީ 24 ބަހަކީ ރާއްޖެތެރޭގައި ބޭނުންކުރުމަށް ގެނައި ބަސް ތަކެކެވެ.
މިނީ ބަހުގެ ޚިދުމަތް ރާވާނީ ކޮންމެ 10 މިނެޓަކުން ސްޓޮޕްތަކަށް މަޑުކުރާގޮތަށެވެ.
މިނީ ބަހުގެ ޚިދުމަތުގެ އަގުތައް ވަރަށް އަވަހަށް އިޢުލާނު ކުރާނެ ކަމަށާއި އެކަމާ ގުޅޭ ޚާއްސަ އެޕްގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.