27 Mar 2012, 10:11
ކާބުލް (މާޗް 27): އަފްޣާނިސްތާނުގެ ސިފައިންގެ މީހަކު ބަޑިން ޙަމަލާދީ އިނގިރޭސިސިފައިންގެ ދެމީހަކު މަރާލައިފި އެވެ.
އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ކޮމާންޑުން ބުނިގޮތުގައި އިއްޔެ ހަވީރުގެ ވަގުތެއްގައި މަރާލެވުނު އިނގިރޭސި ސިފައިންގެ މިދެމީހުންނަކީވެސް ނޭޓޯގެ ސިފައިންގެ ތެރޭގައި ހިމެނޭ ދެމީހުންނެވެ. މިޙާދިސާ ހިންގާފައިވަނީ އަފްޣާނިސްތާނުގެ ދެކުނުގެ ހިލްމަންދު ސްޓޭޓްގެ ލަސްކަރުގާހު ސިޓީގަ އެވެ. އިނގިރޭސި ދިފާޢީ ވުޒާރާއިންނާއި އަފްޣާން ސަލާމަތީ ބާރުތަކުންވެސްވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އިތުރުތަފްސީލެއް ނުދެ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ސިފައިންގެ ދެމީހުން މަރާލި އަފްޣާން ސިފައިންގެ މީހާއަކީ އަފްޣާން ސިފައިންގެ ޚިދްމަތަށް ޙާޒިރުނުވާ ނުކިޔަމަންތެރިމީހެކެވެ. މިމީހާ މިކަންކޮށްފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާއާއި ނޭޓޯގެ ސިފައިންގެ ބައެއް މީހުން، އަފްޣާން އާންމުންގެ ގެދޮރަށްވަދެ މީހުން ނިދާފައިތިއްބާ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީގޯނާކޮށް ބަޑިން ޙަމަލާދީ ޤަތްލުއާންމު ހިންގުންފަދަ ލާއިންސާނީ ޢަމަލުތައް ހިންގަމުން ގެންދާތީ އެކަމަށް ބަދަލުހިފުމުގެ ގޮތުން ކަމަށް އަފްޣާން ބައެއްދާއިރާތަކާ ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނެ އެވެ.
މިމަހުގެ 11 ވަނަ ދުވަހު އެމެރިކާ ސިފައިންގެ މީހަކުވަނީ ކަންދަހާރުގެ ޕަންޖުވާއި ވިލެޖްގައި ދިރިއުޅޭ އަފްޣާން އާންމުންގެ ގެދޮރަށްވަދެ ޢާއިލާތައް ނިދާފައިތިއްބާ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީގޯނާކޮށް ބަޑިން ޙަމަލާދީ 17 މީހަކު މަރާލައި ބިރުވެރި ޤަތްލު އާންމެއް ހިންގާފައެވެ. އޭގެކުރިން ނޭޓޯ ސިފައިންވަނީ ކީރިތި ޤުރްއާނުގެ ކޮޕީތަކެއް އަންދައި ޤުރްއާނަށް އިހާނާތްކުރުމުގެ ނާތަހުޒީބު ޢަމަލުތަކެއްވެސް ހިންގާފަ އެވެ.
އަފްޣާން ސިފައިންގެ ޙަމަލާތަކުގައި މަރާލެވޭ ނޭޓޯގެ ސިފައިންގެ ޢަދަދުވެސް މިފަހަކަށް އައިސްދަނީ ގިނަވަމުންނެވެ. މިގޮތުން މދިޔަ ފެބްރިއަރީމަހުވެސް އަފްޣާން ސިފައިންގެ ޙަމަލާތަކުގައި ނޭޓޯގެ 13 މީހަކު މަރާލާފައިވެއެވެ. އަދި މިއަހަރުގެ ޖަނަވަރީން ފެށިގެން މިހާތަނަށް އަފްޣާނިސްތާނުގެ އެތެރޭންދިން އެކި ޙަމަލާތަކުގައި ނޭޓޯގެ 90 މީހަކު މަރާލާފައި ވެއެވެ. (އަލްޖަޒީރާ)