18 Jul 2022, 16:03
ކ. ދިއްފުށީގައި މީހަކު 'ހަވަރަށް' ދިން އިރު އެކަމުގައި ފުލުހަކު ބައިވެރިވި ކަމަށް ތުހުމަތުކުރުމުން އެކަން ބަލަން ފަށައިފިއެވެ.
ދިއްފުއްޓަށް ގޮސް އުޅުނު ގއ. ވިލިނގިލީ މުހައްމަދު ޝިހާމް, 35އ، އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ ރަށުގެ ރައްޔިތުން ވަނީ އޭނާ ބަރަހަނާކޮށް ބޮޑެތި އަނިޔާތަކެއް ދީފައެވެ.
އެ ހަމަނުޖެހުން ހުއްޓުވުމަށް އެ ރަށަށް ދިޔަ ހަތަރު ފުލުހުންގެ ތެރެއިން އެކަކު ޝިހާމްއާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހެދިކަމަށް އޭނާ ވަނީ ބުނެފައެވެ.
"އެތާ ހުރި ޕޮލިސް ސާޖެންޓެއް. ހަށިގަނޑުން ވަރަށް ބޮޑު. ތުލުސްދޫ މީހެއްހެން ހީވަނީ. އޭނަ ބުނީ ކަލޭ ހީ ނުކުރައްޗޭ ތިހެން ބޭނުންހާ ގޮތެއް ހެދޭނެއޭ. ތިމަންނަމެންގެ ހިސާބޭ މިއީ ތިމަންނަމެންގެ ސަރަހައްދޭ މީ. މި ރަށުން ކަލޭ ދާނީ ސްޓްރެޗާއެއްގަ އޭ. ދާނީ ވެސް ތިމަންނަމެންގެ އަތް ދަށަށޭ. ހޭ އަރުވާލާނަމޭ. މިއީ އަހަރެންނަށް ހިމާޔަތް ދޭން އައި މީހުންގެ ވާހަކަ ހުރި ގޮތް," ލިބިފައިވާ އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން އަންނަ ޝިހާމް ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އަނިޔާ ލިބެމުންދިޔަ މީހަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ފުލުހަކު, ފުލުހުންގެ ދައުރު އަދާކުރުމުގައި އިހްމާލުވެ އަހްލާގީ މިންގަނޑުން ބޭރުން އަމަލުތައް ބަހައްޓާފައިވާ ކަމަށް އަނިޔާ ލިބުނު މީހާ ތުހުމަތުކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނީ ބަލަމުން ކަމަށެވެ.
އެ ހާދިސާގެ ތެރެއިން ފުލުހުންނަށް ހަމަލާ ދިން ކަމުގެ ތުހުމަތުވާ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.