18 Jul 2022, 13:40
ގަލޮޅު ދަނޑުގައި ބައިނަލްގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދެ ދީނީ އިލްމުވެރިޔަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ހަމަނުޖެހުންތަކާ ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމާއި އައްޝައިޚް ފަޒްލޫން ބިން މުޙައްމަދު ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
ދެ ޝެއިޚުން ބަންދުކޮށް މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އިސްތިއުނާފު ކުރުމަށް އިއްޔެ ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމައެވެ.
އެކަމާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނީ ދެ ޝެއިހުންގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވަނީ ދެ ބޭފުޅުންނާ ދެކޮޅަށް ވެސް ހެކި ހުރުމުން ކަމަށެވެ.
އެ ދުވަހުގެ އިހްތިޖާޖަށްފަހު ޝައިޚް ނިޝާން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ހަރަކާތާ ދެކޮޅަށް އަޑުއުފުލައި ހައްގު ބަސް ބުނުމަށް ދާން ނިންމީ އޭނާގެ އިރުޝާދުގެ ދަށުން ސުލްހަވެރިކޮށް އެ ހަރަކާތް ގެންދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. ނަމަވެސް އެ ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭ ކެކި އޭނާގެ އިރުޝާދަށް ތަބާނުވެ ގަލޮޅު ދަނޑު ތެރެއަށް ވަދެގަތީ ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ އެކަން ކޮންޓްރޯލު ނުކުރެވުމުން އެ ހަރަކާތް ނިންމާލީ ކަމަށް އިއުލާނު ކޮށް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާނެ ކަމަށެެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.
ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.
އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.