18 Jul 2022, 12:08
ކ. ދިއްފުށީގައި 18 އަހަރު ދަށުގެ އަންހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުވާ މީހަކަށް އެ ރަށުގެ ރައްޔިތުން ނިކުމެ ތަޅާ 'ރޯނާ' ގަންނުވާލި ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރު ނުކޮށް ފުލުހުންނަށް ހަމަލަ ދިން ކަމުގެ ތުހުމަތުވާ މީހަކު ހައްޔަރު ކޮށްފިއެވެ.
އެ މައްސަލައިގައި ދިއްފުށީގައި އަނިޔާކޮށް ގަން ހިންގުވާފައިވަނީ މުހައްމަދު ޝިހާމް, 35, ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ބުނީ ދިއްފުށީގައި އަންހެން ކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި ބަޔަކު މީހަކަށް ހަމަލާދީ އަނިޔާ ކުރާތީ އެކަން ހުއްޓުވުމުގައި ހަރަކާތްތެރިވި ބައެއް ފުލުހުންނަށް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.
ފުލުސް އޮފީހުން މިއަދު ބުނީ އެ ހާދިސާއާ ގުޅިގެން ފުލުހުންނަށް ހަމަލަ ދިން ކަމުގެ ތުހުމަތުގައި 22 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ. ނަމަވެސް ޝިހާމަށް އަނިޔާކުރި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.