އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އާ ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ސްރީލަންކާގެ ނޫހެއް ކަމަށްވާ ފަސްޓްޕޯސްޓް އިން ބުނީ ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި މިޝޭލް ޖޭ ސިސަން ހަމަޖައްސަވައި، އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ އެކަން އިއުލާން ކުރައްވާފައިވާ ކަމަށެވެ.

މިޝޭލް މިހާރު ހުންނެވީ އިރާގުގައި ހުންނަ އެމެރިކާގެ މިޝަން ފޯ ރޫލް އޮފް ލޯ އެސިސްޓެންސްގެ، އެސިސްޓެންޓް ޗީފްގެ ގޮތުގައި ކަމަށް އެމެރިކާ ސަރުކާރާ ހަވާލާދީ އެ ނޫހުން ބުންޏެވެ.

ސަފީރުކަމުގެ މަގާމަށް މިޝޭލް ހަމަޖެއްސެވުމަށް ފަހު ރައީސް އޮބާމާ ވަނީ އެކަމަނާއަށް ތައުރީފުކުރައްވާފަ އެވެ.

"އާ ދައުރުގައި [މަގާމުގައި] މިބޭފުޅުން ބޭނުންކުރައްވާ ތަޖުރިބާއާއި ހުނަރުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމަށް ރަނގަޅު ހިދުމަތްތަކެއް ލިބޭނެ، މިސަރުކާރާ އެކު މަސައްކަތް ކުރެއްވުމަށް މިބޭފުޅުން އެއްބަސްވެވަޑައި ގަތުމުން އަޅުގަނޑު ޝުކުރުވެރިވަން، ކުރިއަށް އޮތް މަސްތަކާއި އަހަރު ތަކުގައި މިބޭފުޅުންނާ އެކު މަސައްކަތް ކުރުމަށް އަޅުގަނޑު ގަސްދުކުރަން،" ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މިޝޭލްއާއި އިރާގަށް ކަނޑައެޅުއްވި ސަފީރު މެކްގާކްއަށް މަގާމު ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް އޮބާމާ ވިދާޅުވެފައި ވެއެވެ.

ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި މިޝޭލްއަށް މަސައްކަތް ފެއްޓެވޭނީ އެމެރިކާގެ ސެނެޓުން ރުހުން ދިނުމުންނެވެ.

ރާއްޖެއާ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރުގެ ގޮތުގައި މިހާތަނަށް ހުންނެވީ ޕެޓްރީޝިއާ އޭ ބޫޓެނިސް އެވެ.