18 Jul 2022, 09:54
ބްރޯޑްކާސްޓިން ކޮމިޝަނުން މުޅިން އަލަށް ދޭންފަށާ "މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑް 2022"އަށް 170 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފިއެވެ.
މި އެވޯޑު ދޭން ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކުންނެވެ. އެއީ ޖާނަލިޒަމް، ޕްރޮޑަކްޝަން އަދި އިންޑަސްޓްރީ އެވޯޑެވެ.
އޭގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން 11 އެވޯޑެއް ދޭން ވަނީ ހަމަޖެހިފައެވެ. އެ އެވޯޑުތަކަށް 142 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އަދި ޕްރޮޑަކްޝަންއަށް ފަސް އެވޯޑެއް ދޭއިރު އެ އެވޯޑަށް 20 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އަދި އިންޑަސްޓްރީން ދެ އެވޯޑެއް ދޭން ހަމަޖެހިފައިވާއިރު އެ އެވޯޑަށް ހުށަހަޅާފައިވާ އެޕްލިކޭޝަންގެ އަދަދު އަދި ހާމައެއްނުކުރެއެވެ.
ޖާނަލިޒަމް ކެޓަގަރީގައި ހިމެނޭ ފަސް އެވޯޑަކީ، ޖާނަލިސްޓް އޮފް ދަ އިޔާ، ނިއުސް އެންކާ އޮފް ދަ އިޔާ، ބެސްޓް ޕްރޮގްރާމް ޕްރެޒެންޓަރު، ބެސްޓް ކެމެރާ ޕާސަން އަދި އެމާޖިން ޖާނަލިސްޓެވެ.
ޕްރޮޑަކްޝަން ކެޓަގަރީގައި ހިމެނޭ އެވޯޑުތަކަކީ، ބެސްޓް ރިލިޖަސް އެވެއާނަސް ޕްރޮގްރާމް، ޕްރޮގްރާމް އޮފް ދަ އިޔާ އޮން ސޯޝަލް އިޝޫޒް، ކެމްޕެއިން އޮފް ދަ އިޔާ، ބެސްޓް ޗިލްޑްރެންސް ޕްރޮގްރާމް، ބެސްޓް ސްޕޯޓްސް ޕްރޮގްރާމް، މޯސްޓް ކްރިއޭޓިވް ޕްރޮގްރާމް، ބެސްޓް ޑޭ ޓައިމް ޕްރޮގްރާމް، ބެސްޓް ރިލިޖަސް އެވެއާނަސް ޕްރޮގްރާމް، ބެސްޓް އެންވަޔަރަންމެންޓް ޕްރޮގްރާމް، ބެސްޓް ޑޮކިއުމެންޓްރީ ޕްރޮގްރާމް، ބެސްޓް އެންޓަޓެއިންމަންޓް ޕްރޮގްރާމް އަދި ބެސްޓް ކަރަންޓް އެފެއާޒް ޕްރޮގްރާމެވެ.
"ސަން"އާ ވާހަކަދައްކަވަމުން ބްރޯޑްކޮމްގެ މެންބަރަކު ވިދާޅުވީ މި އެވޯޑް ދިނުމުގެ މަގުސަދަކީ ރައްޖޭގައި ބްރޯޑްކާސްޓްކުރާ މުއައްސަސާތަކުގެ އަގުވަޒަންކުރުން ކަމަށެވެ.
"ބްރޯޑްކާސްޓް ކުރާ މުއައްސަސާތަކުގެ އަގު ވަޒަންކުރުމަށް މިހާތަނަށް މާ ބޮޑު މަސައްކަތެއް ކުރެވިފައެއް ނުވޭ. މި އެވޯޑުގެ މަގުސަދަކީ އެފެއްދުންތެރި މަސައްކަތްތަކެއް އުފައްދާ ވާދަވެރި މަސައްކަތުގެ މާހައުލެއް ބިނާކުރުން،" އޭނާ ވިދާޅުވިއެވެ.