19 Jul 2022, 09:03
ހއ. ހޯރަފުށީގެ ފެރީ ޓާމިނަލް ތަރައްޤީ ކުރަނީ ރަށުން ބޭރުން އަންނަ މެހެމާނުންނަށް ޚާއްސަކޮށްގެން ވަރަށް ދިވެހިވަންތަ ގޮތަކަށް ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ކައުންސިލާއި ޒުވާނުންނާއި ހެޔޮއެދޭ ފަރާތްތައް ގުޅިގެން އެ ރަށުގެ ފެރީ ޓާމިނަލް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތް އެކީ ނިމި، މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު "ސަން"އަށް ވިދާޅުވީ އަލަށް ތަރައްޤީކުރާ ޓާމިނަލް ފެންނާނީ ކުރިން ބޭނުން ކުރަމުން އައި ޓާމިނަލާ މުޅިން ތަފާތުކޮށް ވަރަށް ދިވެހިވަންތަ ގޮތަކަށް ކަމަށެވެ.

ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުން އަންނަ ފެރީ ޓާމިނަލް ---
އޭނާ ވިދާޅުވީ ފެރީ ޓާމިނަލް ހުޅުވާއިރު، އެތަނުގައި ލުއިކާނާ އާއި ފިނި ބުއިންތައް ލިބޭ ފިހާރައަކާއި ވެއިޓިން އޭރިޔާއެއްގެ އިތުރުން ދިވެހިވަންތަ ހަޓުތަކެއް ވެސް ހުންނާނެ ކަމަށެވެ.
"ކުރިން ޓާމިނަލް ފެނުނު ގޮތަކަށް ނޫން މިހާރު ފެންނާނީ. މުޅިތަން ބަދަލު ވެގެންދާނެ. މިހާރު ގެސްޓް ހައުސް ވިޔަފާރި ފެށިފައި އޮތީމަ ވަރަށް ގިނަ ފަތުރުވެރީން ވެސް އާދޭ. އަދި އެއާޕޯޓުގެ ދަތުރުތައް ފެށީމަ ވަރަށް ގިނަ ފަހަރު މަނަފަރު ގެސްޓުން ވެސް އެބަ އާދޭ ދަތުރު ތަކަށް. އެހެންވީމަ ޚާއްސަކޮށް ފަތުރުވެރީންނަށް ވެސް ހިތްފަސޭހަ ތަނަކަށް މިތަން ވެގެންދާނެ. އަޅުގަނޑުމެން ޓާމިނަލުން ބޭރުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ތިބެވޭ ގޮތަށް ދިވެހި ވަންތަ ހަޓްތަކެއް ވެސް ތަރައްޤީ ކުރާނަން. އެއީ ވެއިޓިން އޭރިޔާއެއް،" ވަހީދު ވިދާޅުވިއެވެ.

ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުން އަންނަ ފެރީ ޓާމިނަލް ---
ފެރީ ޓާމިނަލް ތަރައްޤީ ކުރުމުގެ މަސައްކަތުގައި ދާއިރާގެ މެންބަރު އަހްމަދު ސަލީމްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބެމުން އަންނަކަން ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވީ އޭގެ އިތުރުން ކަލާލޭންޑަކީ ވެސް މުދަލާއި ތަކެތީގެ ގޮތުން އެހީވެދޭ ފަރާތެއް ކަމަށެވެ.
ވަހީދު ވިދާޅުވީ ޓާމިނަލްގެ މަސައްކަތް ނިންމުމަށްފަހު ހުޅުވާ ގޮތަށް ހަމަޖައްސާފައި އޮތީ މިނިވަން ދުވަހަށް ކަމަށާއި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ފަސް ކުރަން ޖެހުނީ ކަމަށެވެ. އަދި ވިދާޅުވީ ޓާމިނަލް ހުޅުވުމަށްޓަކައި ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުން އަންނަ ފެރީ ޓާމިނަލްގެ މަސައްކަތް ކުރަނީ ---
އާބާދީގައި 3،500 މީހުން އުޅޭ ހޯރަފުށްޓަކީ ވިޔަފާރީގެ ބޭނުމުގައްޔާއި ސިއްޙީ ޚިދުމަތް ހޯދުމަށް ކައިރި ރަށްރަށުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް އަރާ ފައިބާ ރަށެކެވެ. އެ ރަށުގެ ރައްޔިތުން މަޝްހޫރު ވެފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަ ބައެއްގެ ގޮތުގައެވެ. އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދީ އަޚުވަންތަކަމާއި ގާތް ގުޅުމުގެ ނަމޫނާ ދައްކާ ބައެއްގެ ގޮތުގައެވެ.