17 Jul 2022, 21:52
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެން ވަންނަން ފެށުމުން ސިފައިން ނިކުމެ، ފެން ހިއްކަން ފަށައިފިއެވެ.
މާލޭގައި މިއަދު ބޮޑުވި ފެންގަނޑުގެ ތެރެއިން ބަޔަކު ހިނގާފައި ދަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
ރާއްޖެއަށް މިދުވަސްވަރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރައިގައި މާލެއަށް މިއަދު މެންދުރުފަހު 3:30 އެހާކަންހާއިރުން ފަށައިގެން މި ވަގުތާއި ހަމައަށް ވެހުނު ވާރޭގައި ގިނަ މަގު ތަކުގައި ފެންބޮޑުވެ، އޮޅި ތިރިކޮށް ހުންނަ ބައެއް ގޭގެއަށް ވަނީ ފެން ވަދެފައެވެ. މީގެ އިތުރުން މީހުންނަށް ހިނގާ އުޅެން އުނދަގޫވާވަރަށް ވެސް ބައެއް ގޯޅިތަކުގައި ފެންބޮޑުވިއެވެ.
މާލޭގައި މިއަދު ބޮޑުވި ފެންގަނޑު ތެރެއިން ބަޔަކު ސައިކަލް ދުއްވަނީ -- ސަން ފޮޓޯ: މުޙައްމަދު ހައްޔާން
މާލޭގައި މިއަދު ފެންބޮޑުމާއި ގުޅުވައިގެން އެ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށީ މިއަދު 17:30ގައެވެ.
އެގޮތުން ސިފައިން ކުރަމުން އަންނަނީ ބޮޑުތަކުރުފާނުމަގު، ދުވާ ޓްރެކް ސަރަޙައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތާއި އައިޖީއެމްއެޗް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތެވެ.
ހުއްޓާ ނުލާ މާލެއަށް ގިނައިރު ވާރޭ ވެހުމުގެ ސަބަބުން މަގުތަކާއި ގޯޅިތަކުގައި ހެނދުނު ފެންގަނޑު އަދިވެސް ނުހިނދެއެވެ.