ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިޤާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ، 2016/3 މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު، 13 ޑިސެމްބަރު 2021 ގައި އުވާލެއްވުމާއި ގުޅިގެން މަސްވެރިިކަމުގެ ޤާނޫނުގެ 56 ވަނަ މާއްދާގެ އިބާރާތަށް ގެނެސްފައިވާ ބަދަލެކެވެ.

މިގޮތުން އެ މާއްދާގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ނަން އޮތްތަން އުނިކޮށް، "މިޤާނޫނުގެ ދަށުން ކުރާ މަސްވެރިކަން މޮނިޓާކޮށް ކޮންޓްރޯލްކުރުމަށްޓަކައި، މޮނިޓަރިން، ކޮންޓްރޯލް އަދި ސާވޭލަންސްއާބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއާއި، އެނޫން ވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ހަދައި ތަންފީޛުކުރަން ވާނެއެވެ." މިގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މިޤާނޫނު ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވި ޢަމަލުކުރަން ފަށާފައެވެ.