17 Jul 2022, 19:48
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު، އަލުން ހުޅުވާލަން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އެގޮތުން މިއަދު ރާއްޖޭގެ އިޤުތިސާދު އިއާދަވަމުން މިތިބި ހިސާބަށް އާދެވިފައި މިތިބީ އެ ނިންމުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ، ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން, މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ 2020 ވަނަ އަހަރުގެ މާޗް 27 ވަނަ ދުވަހުއެވެ. އެއަށްފަހު ރާއްޖެ ފަތުރުވެރިކަމަށް އަލުން އަލުން ހުޅުވާލީ އެ އަހަރުގެ ޖުލައި 15ގައެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ނިންމި ނިންމުމަކީ ވަރަށް ދަތި އުނދަގޫ ނިންމުމެއް ކަމަށެވެ. އަދި އޭގެ ފަހުން ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލިއިރު އެކަމާއި ވެސް ދެކޮޅު ވިސްނުމުގެ ބައެއް މީހުން ތިބި ކަމަށާއި ނަމަވެސް އެ ދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖެ މިއަދު ދަމަހައްޓަމުން އަންނަ މަޤާމުގައި މިއޮތީ، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވި ބޭފުޅުންގެ ވަރުގަދަ އަޒުމާއި ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ. އަދި އަމާޒެއް އޮވެ، ހުރަސްތައް ގިރާކުރައްވަމުން، އެބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއާ، މިއަދު މި އިންޑަސްޓްރީގައި ތިއްބެވި ބޭފުޅުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި، ބައިވެރިވެ ސަރުކާރުން ކުރިއަށް ދާނީ މި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަޑު އަހައިގެން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އެކަމަށް ޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނަމުންދާކަމަށް ވިދާޅުވިއެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތު ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީވަމުންދާ ހަލުވި ދުވެއްޔާ އަޅައި ބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ކެޕޭސިޓީ އިތުރު ކުރުންކަމަށް ވާތީ އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު ހަދަމުންދާ ޓާމިނަލުގެ ޚިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވި، އަދި އަތޮޅުތަކުގައި ތަރައްޤީކުރާ އިތުރު އެއާޕޯޓްތަކުގެ ސަބަބުން ވެސް، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ރައީސް ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ބާނީންނަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި ކުރީގެ ރައީސުންނަށް މަޓީގެ ފަރާތުން ދޭ އެވޯޑު ހަވާލުކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އުފައްދަވައި އެ ސިނާއަތު ކުރިއަރުވައި ހިންގެވުމުގައި މިހާރުވެސް ދެމިތިއްބެވި ބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފުރުމާއި ގުޅުވައިގެން މަޓީން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑް ހަފްލާ ބާއްވާފައި ވަނީ، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ޓޫރިސްޓް ރިޒޯޓު ކުރުނބާ މޯލްޑިވްސްގައެވެ.