ސޯލް (މާޗް 27) : ދެކުނު ކޮރެޔާގެ ސޯލްގައި މިހާރު ކުރިޔަށްދާ ނިއުކްލިޔަރ ސަލާމަތާބެހޭ ސަމިޓްގެ އަރިމަތީގައި ޗައިނާގެ ރައީސް ހޫޖިންޓާއޮ އާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މައިގަނޑު ގޮތެއްގައި މޝްވަރާކުރެއްވީ އުތުރުކޮރެޔާގެ ނިއުކްލިޔާ ޕްރޮގްރާމާބެހޭގޮތުން ކަމަށާއި އުތުރުކޮރެޔާގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓާލުމަށް އެޤައުމަށް ބާރުއަޅައިދިނުމަށް އޮބާމާ، ހޫޖިންޓާއޮގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް ޚަބަރުލިބެ އެވެ. އެކަހެރިކަން އިޚްތިޔާރުކޮށްފައިވާ އުތުރުކޮރެޔާގެ އެންމެ ގާތް ބައިވެރިއަކީ ޗައިނާ އެވެ.

އޮބާމާ އިއްޔެވަނީ މިސަމިޓްގެ އަރިމަތީގައި ރަޝިޔާގެ ރައީސް ޑިމިޓްރީ މިޑްވެޑޭވް އާވެސް ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ދެޤައުމު ގުޅިގެން ސްޓްރެޓީޖިކް ހަތިޔާރު މަދުކުރަން މަސައްކަތްކުރަން އެމެރިކާ ބޭނުންވާ ކަމަށް އޮބާމާ ވިދާޅުވި އެވެ.

ދެކުނުކޮރެޔާގެ ސިއޯލްގެ ހެންކޮކް ޔުނިވަރސިޓީގައި ކުރިޔަށްދާ ނިއުކްލިޔަރ ސަލާމަތާބެހޭ ސަމިޓް ބައްދަލުވުމެއްގައި ދެއްކެވި ވާހަކާގައި އޮބާމާ ބޮޑަށް އަމާޒުކުރެއްވީ އުތުރުކޮރެޔާގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމާބެހޭގޮތުންނެވެ. އަދި ނިއުކްލިޔަރ ހަތިޔާރު ނެތް ޤައުމެއް ކަމަށްވާ އީރާނުން ނިއުކްލިޔަރ ބިރުކުރިމަތިވާ ކަމަށާއި އެމެރިކާއާ އިދިކޮޅު ހަތިޔާރުއެޅި އަލްޤާއިދާފަދަ ޖަމާއަތްތަކުގެ އަތްމައްޗަށް ނިއުކްލިޔަރ ހަތިޔާރު އަރާފާނެ ކަމަށް ބުނެ ޒަމާނުއްސުރެ އެމެރިކާ ދައްކަމުންގެންދާ ވާހަކަތައްވެސް ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ދެއްވި ޚިތާބުގައި އޮބާމާ ތަކުރާރުކުރެއްވި އެވެ.
ނިއުކްލިޔަރ ހަތިޔާރު ހުރި ނިސްބަތުން އެމެރިކާއަކީ ދުނިޔޭގެ ނިއުކްލިޔަރ ދެވަނަ ބާރެވެ. އެމެރިކާގައި 5113 ނިއުކްލިޔަރ ހަތިޔާރުހުރިއިރު ރަޝިޔާގައި 8 ހާހަށްވުރެގިނަ ނިއުކްލިޔަރ ހަތިޔާރު ހުރިކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދެޤައުމުގެ އިތުރުން ނިއުކްލިޔަރ ބާރުތަކަކީ ޗައިނާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިންޑިޔާ އަދި ޕާކިސްތާނެވެ. މި 5 ޤައުމުންކުރެ ކޮންމެ ޤައުމެއްގައިވެސް ނިއުކްލިޔަރ ހަތިޔާރުހުރީ 100 އާއި 300 އާ ދެމެދުގެ އަދަދަކަށް ކަމަށް ޚަބަރުލިބެ އެވެ. ނިއުކްލިޔަރ އެހެން ބާރުތަކުގެ ތެރޭގައި އިސްރާއީލު، އުތުރުކޮރެޔާ އަދި އީރާން ހިމެނޭ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)