19:00


މިނިވަންދުވަހާ ގުޅުވައިގެން ސްކޫލްތަކުގައި ތަފާތު ހަރާކާތްތައް ބާއްވައިފި އެވެ.


މާދަމާ ފާހަގަކުރާ ރާއްޖޭގެ 45 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ގިނަ ކުދިން ސްކޫލަށް ގޮސްފައިވަނީ ދިވެހި ވަންތަކަން ދައްކުވައިދޭ ހެދުން ލައިގެންނެވެ. އަދި ގިނަ ސްކޫލްތަކުގައި ވަނީ ދުވަހާ ގުޅޭ ގޮތުން ޚާއްސަ އެސެމްބްލީ ވެސް ބާއްވާފަ އެވެ. އެ އެ ސެމްބްލީގައި ވަނީ ޚާއްސަ ބޭފުޅުން ވަޑައިގެން މިނިވަންކަމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާ ވާހަކަފުޅު ދައްކަވާފަ އެވެ.


މީގެ އިތުރުން ވެސް މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބައެއް ސްކޫލްތަކުގައި ވަނީ ޕޯސްޓަރު ކުރެހުމާއި ދަރިވަރުންގެ ޝުޢޫރު ފާޅުކޮށް ހަދާފަ އެވެ. އަދި ކުދިންގެ މޫނުގައި ދިދަ ކުރެހުން ފަދަ ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.


މިނިވަން ދުވަސް ސްކޫލް ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ އެކުދިންގެ ހިތް ތަކުގައި ދީނާ ގައުމާ މެދު ލޯބި އުފައްދާ ދިވެހި ތާރީޚާއި ބެހޭ މަޢުލޫމާތު އިތުރުކުރުން ކަމަށް ސްކޫލް ތަކުން ބުނެ އެވެ.


މާދަމާ ފާހަގަކުރާ މިނިވަން ދުވަހާ ގުޅޭ ތަފާތު ހަރަކާތްތައް މާލޭގެ އިތުރުން އަތޮޅު ތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.


ދިވެހި ރާއްޖެ އަށް މިނިވަންކަން ލިބުނީ 1965 ވަނަ އަހަރެވެ.