17 Jul 2022, 18:57
ކުރިއަށް އޮތް ހަފުތާގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ ވައި ގަދަވާނެކަމަށާއި ނަމަވެސް އެއްވެސް ރަށަކަށް އުދަ އަރާނެކަމަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ވައިބާރުވެ ކަނޑުގަދަވުމުގެ ސަބަބުން އުދައިގެ އަސަރު ކޮންމެވެސްވަރަކަށް ކުރިނަމަވެސް އުދަ އަރާނެކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
މިފަހުން ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ ރަށްތަކަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މެޓުން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މުޅި ޔެލޯ އެލާޓް ނެރެފައެވެ. މިރޭގެ 20:45 އަކާ ހަމައަށް ނެރެފައިވާ އެ ލާޓްގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހި، 19 މެއިލާއި 24 މެއިލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.
އޭގެ އިތުރުން މެޓުން ވަނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓު ނެރެފައެވެ. އެގޮތުން މިރޭގެ މޫސުން ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓުން ބުންޏެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ވަރަށް ބޮޑަށް ކުރަމުން ދާއިރު މިއީ ސްކޫލުތަކުގެ ބޮޑު ޗުއްޓީއެވެ. މޫސުން ގޯސް ދުވަސްވަރަކާ މިހާރުގެ ޗުއްޓީ ދިމާވާތީ ގިނަ ބެލެނިވެރިންތަކެއް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.