17 Jul 2022, 18:24
ކުރިއަށް އޮތް ހަފުތާގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.
މެޓުން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މުޅި ޔެލޯ އެލާޓް ނެރެފައެވެ. މިރޭގެ 20:45 އަކާ ހަމައަށް ނެރެފައިވާ އެ ލާޓްގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހި، 19 މެއިލާއި 24 މެއިލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.
އޭގެ އިތުރުން މެޓުން ވަނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓު ނެރެފައެވެ. އެގޮތުން މިރޭގެ މޫސުން ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓުން ބުންޏެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ކުރިއަށް އޮތް ހަފުތާގައި ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން ވައިގަދަވެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭއިރު، އުތުރާ މެދު ރާއްޖެތެރެއަށް ކަނޑު ގަދަވާނެކަމަށް ވެސް މެޓުން ބުންޏެވެ.
މިއަދުގެ މެންދުރުން ފެށިގެން މާލެއަށް މެދު ކެނޑުމެއް ނެތި ވަރަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ. އެގޮތުން ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ވަރަށް ބޮޑަށް ކުރަމުން ދާއިރު މިއީ ސްކޫލުތަކުގެ ބޮޑު ޗުއްޓީއެވެ. މޫސުން ގޯސް ދުވަސްވަރަކާ މިހާރުގެ ޗުއްޓީ ދިމާވާތީ ގިނަ ބެލެނިވެރިންތަކެއް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.