ލަންޑަން (17 ޖުލައި 2022): ހުޅަނގުން ދުނިޔެއަށް ފޯރުވަމުން ގެންދާ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ކުޑަވަމުންދާކަމަށާއި އިގްތިސާދީ ބާރާއި ޓެކްނޮލޮޖީގެ ތިލަފަތް މިހާރު ބުރަވަމުންދަނީ ޗައިނާއާއި ރަޝިއާ ކޮޅަށް ކަމަށް އިގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ވިދާޅުވެއްޖެއެވެ.

އިރާގުގެ ހަނގުރާމައިގެ މުޖްރިމެއްކަމަށް ބެލެވޭ ޓޯނީ ބްލެއާ ވިދާޅުވިގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން ގަބޫލު ނުކުރެއްވިނަމަވެސް ހުޅަނގުގެ އިގްތިސާދީ ބާރާއި ނުފޫޒު ދުނިޔޭގައި ދަނީ ކުޑަވަމުންނެވެ. މިކަން ޔޫކްރެއިން ހަނގުރާމައިންނާ އަދި ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް ދުނިޔޭގެ އެހެން ގައުމުތަކުން ދެކޮޅު ހެދުމާއި އީރާނާއި ރަޝިއާ އިނދަޖައްސާލުމުގައި އެމެރިކާ ނާކާމިޔާބުވުމުން އެނިގެންދާކަމަށް ބްލެއާ ވިދާޅުވިއެވެ.

ލަންޑަންގެ ހުޅަނގުގައިވާ ޑިޗްލޭ ޕާކް މަރުކަޒުގައި ބޭއްވި ތިންކްޓޭންކުން (މުފައްކިރުން) ގެ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޓޯނީ ބްލެއާ ވިދާޅުވީ ދުނިޔެ މިހާރު އޮތީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ކުރިމަތިވިފަދަ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައެވެ.

ދެވަނަ ބޮޑުހަނގުރާމައަށްފަހު އައި ހަތަރު އަނގޮޅިއަކީ އިނގިރޭސިވިލާތުގެ ބާރާއި ނުފޫޒު ނިމުމަކަށް އައިސް އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ބާރާއި ނުފޫޒު ފެށުމުގެ މަރުހަލާއެވެ.

ބްލެއާ ވިދާޅުވިގޮތުގައި ހުޅަނގުގެ ލީޑަރުންނަށް ގަބޫލުކުރަން އުނދަގޫވިޔަސް މިހާރު ދުނިޔެއޮތީ ހުޅަނގުގެ ޑޮމިނެންސް (ބާރާއި ނުފޫޒު) ނިމުމަކަށް އައިސް ޗައިނާއާއި ރަޝިއާފަދަ އައު ބާރުތަކުގެ ބާރާއި ނުފޫޒު ފެށުމުގެ މަރުހަލާގައެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އެއް ވަނަ އަހަރު ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާއެކު މުޅި ދުނިޔެއަށް ފެތުރިގެންދިޔަ އެމެރިކާގެ ބާރާއި ނުފޫޒު މިހާރު ކުޑަވަމުންދާކަމަށާ އެމެރިކާ ޖެހޭނީ އެކަން ގަބޫލުކުރަންކަން ޓޯނީ ބްލެއާ ފާހަގަ ކުރެއްވިއެވެ.

ބްލެއާ ވިދާޅުވިތުގައި ހުރިހާ ބާވަތެއްގެ އިލްމާއި ޓެކްނޮލޮޖީއާއި ތަރައްގީގެ ވަސީލަތްތަކާއި އިގްތިސާދީ ކުރިއެރުމުގައި އެމެރިކާއާއި ޔޫރަޕަށް ގޮންޖަހައި އެމެރިކާއާއި ޔޫރަޕަށްވުރެވެސް ބޮޑަށް ކުރިޔަށްދާން ފަށާފައިވާ ގައުމުތަކާއި ކުރިޔަށް ދިޔުމުގެ ޕޮޓެންޝިއަލް ހުރި ގައުމުތައް މިހާރު ދުނިޔޭގައި ވާކަމީ ހަގީގަތެކެވެ.

މިހާލަތުގައި އެއްބާރަކަށް ދުނިޔެ ކޮންޓްރޯލް ނުކުރެވޭނެކަމާއި މިހާރު ފެށިފައި މިވަނީ ގިނަ ބާރުތަކެއް ހިމެނޭ ޖިއޮޕޮލިޓިކަލް ބަދަލުތަކެއްކަމަށް ބްލެއާ ވިދާޅުވިއެވެ. މިހާރު ފެށިފައިވާ ޖިއިޕޮލިޓިކަލް މިހާލަތުގައި ބާރާއި ނުފޫޒުގެ ތިލަފަތް ބުރަވަނީ ޗައިނާއާއި ރަޝިއާ ކޮޅަށްކަމަށްވެސް ބްލެއާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ސައެންސާއި ޓެކްނޮލޮޖީއާ އިގްތިސާދީ ކުރިއެރުމުގައި ހުޅަނގަށް ޗައިނާއާއި ރަޝިއާގެ ކުރިމަތީގައި ހިފަހައްޓާ ނުލެވުނު ނަމަވެސް އަސްކަރީ ބާރުވެރިކަމުގައި ޗައިނާއާއި ރަޝިއާގެ ކުރިމަތީގައި އަދިވެސް ހުޅަނގަށް (އެމެރިކާއާއި ޔޫރަޕަށް) އަދި ހިފަހައްޓާލެވިދާނެ ކަމަށް ބްލެއާ ވިދާޅުވިއެވެ. ބްލެއާ ވިދާޅުވިގޮތުގައި ދުނިޔޭގެ ހަގީގީ ބޮޑުބާރުގެ ގޮތުގައި ފާޅުވެ އަރަމުން ދަނީ ޗައިނާއެވެ. ރަޝިއާއަކީ ޗައިނާގެ ބައިވެރިއެކެވެ.

ބްލެއާ ވަނީ އެމެރިކާއަށްވުރެ އަސްކަރީ ގޮތުން ކުރިއެރުމުގެ ފުރުސަތު ޗައިނާއަށް ނުދިނުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ.