17 Jul 2022, 16:18
އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު މިއަދު "ސަން"އަށް ވިދާޅުވީ މިހާރު އަދުރޭއަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.
"މިހާރުވެސް އަންނަނީ ފަރުވާދެމުން. އޭޑީކޭގަ އޮތީ. ހެލްތު ކޮންޑިޝަންއާ މެދު އެއްޗެކޭ ބުނަން އެންމެ ރަނގަޅުވަނީ އަޅުގަނޑަށްވުރެ އާއިލާ،" އޭނާ ވިދާޅުވިއެވެ.
މިއަދު ޝުޖާއު ކުރެއްވި ޓޫވީޓެއްގައި ވެސް ވަނީ އަދުރޭ ބަލިވުމަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށްވެސް ލިބޭ ބޮޑު ހިތާމައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އަދުރޭއަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ޝުޖާއު ވަނީ އެ ޓުވީޓުގައި ދުއާކުރައްވާފައެވެ.
އަދުރޭއަށް މިހާރުވެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާއަށް ފަރުވާދެމުން އަންނަ ސަބަބެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.