27 Mar 2012, 01:19
ސޯމާލިޔާގެ ކަނޑުފޭރޭމީހުން ކަމަށް ބެލެވޭ ބަޔަކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިއަދު ފޭރިގަތް އީރާންގެ ބޯޓާއީ އޭގެ ފަޅުވެރިންގެ ބަދަލުގައި އެތައް މިލިޔަން ޑޮލަރު ދިނުމަށް އެމީހުން އެދިއްޖެ އެވެ.
ނޭޓޯގެ ކައުންޓަ ޕައިރޭސީ މިޝަންއާ ހަވާލާދީ ރޮއިޓާސް ބުނީ ބްރެޒިލުން ހަކުރު ބަރުކޮށްގެން އީރާނަށް ދަތުރުކުރަމުން ދަނިކޮށް މިއަދު ފޭރިގަތް ބޯޓްގެ ބަދަލުގައި އެތައް މިލިޔަން ޑޮލަރެއް ހޯދުމަށް އެމީހުން އެދެމުންދާ ކަމަށެވެ. ނަމަވެސް އެމީހުން އެދެނީ ކިހާ އަދަދެއްގެ ފައިސާއަކަށް ކަމެއް އެ އެޖެންސީން ނުބުނެ އެވެ.
ރޮއިޓާސް ބުނީ އީރާނު ސަރުކާރުގެ ޝިޕިން ލައިނުން އޮޕަރޭޓްކުރާ އެބޯޓް ބްރެޒިލްއިން ފުރީ 63،000 ޓަނުގެ ހަކުރު ބަރުކޮށްގެންނެވެ.
ނޭޓޯގެ ޝިޕިން ސެންޓަރުން ވާހަކަދެއްކި އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ކަނޑުފޭރުމުގެ ހާދިސާ މިއަދު ހިނގާފައި މިވަނީ ސޯމާލިޔާއާ ވަރަށް ދުރުން ކަމަށާއި މިއީ ވަރަށް މަދުން ހިނގާ ކަމެއް ކަމަށެވެ.
އެމެރިކާއިން އިން ބުނެފައި ވަނީ ފޭރިގަތް ބޯޓަކީ އެގައުމުން ބުލެކްލިސްޓްކޮށްފައިވާ އީރާނުގެ ޝިޕިންލައިންތަކުގައި ލިސްޓުގައި ހިމެނޭ ޝިޕިން ލައިނެއްގެ ބޯޓެއް ކަމަށެވެ.
ކަނޑުފޭރޭމީހުންގެ ނުރައްކަލުން ބޯޓްފަހަރު ސަލާމަތްކުރުމަށް ނޭޓޯއާއި އީރާނުގެ ކަނޑުގެ ސިފައިން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އިންޑިޔާ ކަނޑު ވެފައި ވަނީ އެމީހުންނަށް ބަލަހައްޓަން އުދަގޫ ކަނޑަކަށެވެ.
ރޮއިޓާސް ޝިޕިންގ ޑޭޓާ އިން އެނގޭ ގޮތުގައި ބްރެޒިލްއިން ހަކުރު ބަރުކޮށްގެން މިދިޔަ ފެބްރުއަރީ މަހު ފުރި އެބޯޓްގެ ނަމަކީ "ދަ އެގްލެންޓައިން" އެވެ.
ފޭރިގެންފައިވާ ބޯޓް ސަލާމަތްކުރަން އިންޑިޔާގެ ކަނޑުގެ ސިފައިންނާ ގުޅިގެން ދިވެހި ސިފައިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބޯޓް ފަހަރު ފޭރި އޭގެ ބަދަލުގައި ފައިސާ ހޯދައިގެން ދިރިއުޅޭ ސޯމާލިޔާގެ "ޕަންޓްލޭންޑް"ގެ ކަނޑުފޭރޭމީހުން އެކަމުން ކޮންމެ އަހަރަކު އެތައް ބިލިޔަން ޑޮލަރެއް ހޯދަ އެވެ. ފައިސާ ނުދީ އެމީހުންގެ އަތްދަށުން ބޯޓެއް ސަލާމަތްކުރެވިފައި ވަނީ މަދު ފަހަރެއްގަ އެވެ.