17 Jul 2022, 13:06
ކުޑަގިރި ޕިކްނިކް އައިލެންޑް ހަގީގަތަކަށް ހެދުމަށްޓަކައި މި ކުންފުނީގެ ޕްލޭނިންގ ޑިޕާޓްމަންޓުން ރަށުގެ މާސްޓަރ ޕްލޭން ވަނީ އެކުލަވާލާފައެވެ.
މި ޕްލޭންގެ ދަށުން މިރަށަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިގޮތުން ހަޓުތަކާއި ފާޚަނާބަރި ފަދަ ތަންތަން ވަނީ މި ޕްލޭންގެ ދަށުން އެކުލަވާލައިފައެވެ. އަދި މީގެއިތުރުން މިރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމަށްވެސް ޕްލޭންކުރެވިފައިވެއެވެ.
މީގެއިތުރުން، މާސްޓާ ޕްލޭންގެ ދަށުން ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ ޕްލޭން އެކުލަވާލައި އެސްއޯއީ ތަކާއި ގުޅިގެން މި މަސައްކަތް އެޗްޑީސީއިން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ކަރަންޓުގެ އިތުރުން އިންޖީނުގޭ އާރޯ ޕްލާންޓްގެ މަސައްކަތް ކުރުމުގެ އިތުރުން ރަށުގައި ކުނި މެނޭޖްކުރުމުގެ ގޮތުންވެސް ޕްލޭނެއް ވަނީ ރާވާފައެވެ. އެގޮތުން ވޭސްޓް މެނޭޖްމަންޓް ޕްލޭނެއް ހަދާ ކުނި މެނޭޖްކުރާނެ ގޮތާއި، ކުނި ނަގާނެ ތަންތަނާއި ކުނި ބަހައްޓާނެ ގޮތާއި ކުނި ރަށުން ބޭރުކުރާނެގޮތާއި މިފަދަ ޕްލޭންތަކަކަށްވެސް އެސްއޯއީތަކާއި ސަރުކާރުގެ އޮތޯރިޓީތަކާ ގުޅިގެން ދަނީ ކުރެވެމުންނެވެ. އަދި ލައިފް ގާޑް ހަޓްތަކުގައި ސާޗް ލައިޓް ލުންފަދަ ކަންތައްތައް ވަނީ ކުރެވިފައެވެ.
މީގެ އިތުރުން އެމް.އެން.ޑީ.އެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭންއާއި ޑިޒާސްޓާރ މެނޭޖްމަންޓް ޕްލޭންވެސް ވަނީ ޑިޒައިން ކޮށްފައެވެ. އަދި މި ކުންފުނީގެ ސްމާޓް އިންފްރާސްޓްރަކްޗަރ ޓީމުން ޓެލެ ކޮމިއުނިކޭޝަން ކޮމްޕޯނެންޓްތައް ޤާއިމްކުރުމަށާއި ނެޓްވޯކް އަދި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ޑިވައިސްތައް ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.
ކުޑަގިރީގެ މަސައްކަތް ނިމިގެންދާއިރު، އާއިލާއާއެކު ދަތުރުގޮސްލާ، ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލަކަށް މިތަން ވެގެންދާނެއެވެ.