މާފުށީ ޖަލަށް ވަގަށް ވަންނަން އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ހަތަރު މަހަށް ޖަލަށްލައި ދެވަނަ މީހާ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ދަންވަރެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ ރ. މަޑުއްވަރީ, ފެހިއަލި, އިސްމާއީލް ހައްމާދުއާއި ނ. މަނަދޫ, ކެރީބިއަން, އިބްރާހިމް ޖަޒްލާންގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް އެނގިހުރެ ހުއްދަނޫން ތަނަކަށް ވަންނަން އުޅުނު ކަމުގެ ދައުވާ އުފުލާފައިވަނީ, މާފުށީ ޖަލު ހިމެނޭ ސަރަހައްދަށް ޑިންގީއެއްގައި ގޮސް މޫދަށް ފުންމާލައިގެން އެތަނަށް ސާމާނުތަކެއް އެތެރެކުރަން އުޅުމުން ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

މޫދަށް ފުންމާލައިގެން އެ ދެ މީހުން މާފުއްޓަށް އަރައި ޖަލުގެ ފާރުމަތިން އަރަން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހުންނަށް ފެނުމުން ދެ މީހުން ވެސް މޫދަށް ފުންމާލައިގެން ފިލަން މަސައްކަތް ކުރި ކަމަށް ދައުވާގައި ވަނީ ބުނެފައެވެ. އަދި އެއްލާލާފައި ދިޔަ ދަބަހުގެ ތެރެއިން ޖަލަށް ވެއްދުން މަނާ ސާމާނުތަކެއް ފެނިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ދައުވާއަށް ދެ މީހުން ވެސް ވަނީ އިންކާރުކޮށްފައެވެ. އަދި މައްސަލަ ކުރިއަށް ގޮސްފައިވަނީ ވަކީލެއް ވެސް ނެތިއެވެ.

ދައުވާއަށް ދެ މީހުން އިންކާރު ކުރުމުން ދައުލަތުން ވަނީ އެ ދެ މީހުން އެ ކުށް ކުރިކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި އެކަމުގެ މައުލޫމާތު ކުރިން ލިބިގެން އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނާއި ޕްރިޒަންސް އޮފިސަރުން ހިމެނެއެވެ.

ދެ މީހުންގެ މައްޗަށް އުފުލި ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ނިންމިއިރު އިބްރާހިމް ޖަޒްލާން އެދުނީ އޭނާގެ މައްޗަށް ޖަލު އަދަބެއް އިއްވުމުގެ ބަދަލުގައި ޖޫރިމަނާ ކުރުމަށެވެ. އަދި ޖޫރިމަނާ ފައިސާ ދެއްކޭ ވަރުގެ ގާބިލުކަން ހުރި ކަމުގެ ލިޔުން އޭނާ ހުށަހެޅިއެވެ.

އެގޮތުން ކޫލްޓެންޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި ލޮޖިސްޓިކް މެނޭޖަރެއްގެ ވަޒީފާ އަދާ ކުރަމުންދާ ކަމަށާއި މުސާރައިގެ ގޮތުގައި 12،000 ރުފިޔާ އޭނާއަށް ލިބޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެން ކަމުން މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ހުކުމް ކުރައްވާފައިވަނީ ޖަޒްލާންގެ މައްޗަށް އަންނާނެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމުގެ ބަދަލުގައި 53,600ރ. އިން ޖޫރިމަނާ ކުރުމަށެވެ. އެ ފައިސާ އޭނާ އެއް އަހަރު ތެރޭގައި މީރާއަށް ދައްކަން ޖެހޭނެއެވެ.

އެ މައްސަލައިގައި ދެން ދައުވާ އުފުލި ހައްމާދު ވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމުށް ހުކުމް ކޮށްފައެވެ.