ހައިކޯޓުގެ ގޮފިތައް އުވާލަން ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ޙަސަން ޒަރީރު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކުރީ ވޯޓުދިން 73 މެންބަރުންގެ ތެރެއިން 34 މެންބަރުންގެ ތާއީދާއެކު މިދިޔަ މަހުގެ 28ގައެވެ.

އެ އިސްލާހު މިއަދު ރައީސް ތަސްދީގު ކުރައްވާފައިވާއިރު އެ އިސްލުގައި ވަނީ، ހައިކޯޓުގެ ފަނޑިޔާރުން ގާއިމްވެ ތިބޭނީ މާލޭގައި ކަމަށާއި ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައި އެތަންތަނުން ކުރަމުން އައި މަސައްކަތްތައް މާލޭގެ ހައިކޯޓަށް ބަދަލުކުރުމަށެވެ.

މީގެ އިތުރުން ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެން ކޯޓުތަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައި ދިނުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ހަވާލުކުރަންވެސް އެ އިސްލާހުގައި ހިމެނެއެވެ.

އެ ބިލު ތަސްދީގުކުރެއްވުމާއެކު މިއަދު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، ޢަމަލުކުރަން ފަށާފައެވެ.

ހައިކޯޓުގެ ގޮފިތަކަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި އުފެއްދެވި ގޮފިތަކަކެވެ. އެގޮތުން ހައިކޯޓުގެ ދެކުނު ގޮފި ސ. މީދޫގައި ހުރިއިރު އުތުރު ގޮފި ހުރީ ހދ. ކުޅުދުއްފުށީގައެވެ.