27 Mar 2012, 09:39
މަޖިލީހުގެ ގަވާއިދުގައިވާ ގާނޫނީ ފުށުއައެރުންތަކުގެ ވާހަކަ ރަސްމީކޮށް މަޖިލީހުގެ ސަމާލު ކަމަށް ގެނައީ އެމްޑީޕީނެވެ. އެއީ މަޖިލިސް ހުޅުވުމަށް އެންމެ ފަހުން ބޭއްވި ޖަލްސާއަށް ފަހު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއެކު އެމްޑީޕީން ދެއްކި ވާހަކަތަކުގަ އެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މަޖިލީހަށް ވެއްދި ބިލްތަކަށް ދެން ވާނީ ކިހިނަކުންތޯ އާއި މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު ޕާޓީތަކަކީ ކޮބައިކަން ނޭގުމުން ރިޔާސީ ބަޔާނަށް ރައްދު ދެވޭކަން ނެތް ވާހަކަ އެވެ. އަދި ރައީސް ވަހީދުގެ ޕާޓީގެ މެންބަރެއް މަޖިލީހުގައި ނެތުމުން ސަރުކާރުގެ ބިލުތައް މަޖިލީހަށް ހުށަހެޅެން ނެތް ވާހަކަ އެވެ. އެ މައްސަލަތަކައް ހައްލު ހޯދަން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ޕާޓީތައް އެއް މޭޒެއްގެ ދޮށަށް ގެނައީ އެމްޑީޕީންގެ އިސްނެގުމަށެވެ.
ނަމަވެސް އިއްޔެ އެމްޑީޕީ ނިންމީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަކީ "ވަހީދަށް ހެޔޮވަރު ކޯޓެއް ފަހައިދިނުން" ކަމަށެވެ. "ބަޣާވާތު"ގެ ރައީސަކަށް އެފުރުސަތު ނުދިނުމަށެވެެ. އަދި މަޖިލީހުގެ ގަވާއިދު އިސްލާހު ކުރާނަމަ އެކަމާ ދެކޮޅަށް އެމްޑީޕީ ތެދުވާށެވެ.
"އަޅުގަނޑުމެން ބުނަމުން މިއަންނަނީ މިއީ ބަޣާވާތަކުން އައި ރައީސެކޭ. ކޮންމެ ގޮތަކަށް ރިޔާސީ ބަޔާން އިއްވިޔަސް އަޅުގަނޑުމެން ގަބޫލު ކުރާ ގަބޫލު ކުރުމަކަށް ބަދަލެއް ނާންނާނެ. އަނެއްކާވެސް ވަހީދުގެ ސަރުކާރު މަޖިލީހުގެ ތެރެއިން ހިންގާނެ ގޮތެއް ހަމަޖެއްސުމަކީ ވަހީދަށް ހެޔޮވަރުގެ ކޯޓެއް ފައިހައިދިނުން ނޫންތޯ؟ އެހެންވީމަ އެކަމެއް ނުކުރެވޭނެ،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް މަގާމެއްގައި ހުންނެވި މެންބަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެ ނިންމުމަކީ ކުރިން މަޝްވަރާގެ މޭޒު ދޮށުގައި ދެއްކި ވާހަކައާ މުޅިން ދިމާއިދިކޮޅު ނިންމުމެކެވެ. މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މަޖިލީހުގެ ހުރަކަށް އެމްޑީޕީ ނުވާނެ ކަމަށް ކުރިން އެމްޑީޕީން އައީ ބުނަމުންނެވެ.
"ސުލްހަވެރިކަމާއެކު މަޖިލިސް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ހުރި ކަމަށް އެބޭފުޅުން ވިދާޅުވި. އަޅުގަނޑު ތަކުރާރުކޮށް އެހިން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަސް މަޖިލިސް ކުރިއަށް ގެންދިއުމަށް ފުރުސަތު ދޭންނަތޯ. އިބޫ ވިދާޅުވި އެބޭފުޅުން އެފުރުސަތު ދެއްވާނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާގެ މަތިން ނިންމި ނިންމުންތަކާމެދު ޕާޓީތަކުގެ މަޝްވަރާއިން ގޮތެއް ނިންމާނީ މިއަދު އެވެ. އަދި ޖަލްސާތައް ފެށުމާ ނުފެށުން އޮތީ މިއަދު ނިންމާ ކަންތަތަކުގެ މައްޗަށެވެ.
"އެމްޑީޕީން ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިސްލާހުތަކާމެދު ގޮތެއް ނިންމުން އޮންނާނީ މިއަދުގެ ވަގުތެއްގައި. އެއަށްފަހުގައި ޖަލްސާ ބޭއްވުމަށް ނިންމާނީ،" އިބޫ ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދާ ދެކޮޅު ހެދުމުގެ ގޮތުން މިއަދު މަޖިލީހުގެ ރައީސްއަށް އެމްޑީޕީން ސިޓީއެއް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފޮނުވާ އެ ސިޓީގައި ސަރުކާރު ހިންގަނީ އަދިވެސް އެމްޑީޕީ ކަމަށް ބުނެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ނިންމުން ހިމަނާނެ އެވެ. އަދި ސަރުކާރު ހިންގާ ޕާޓީއަށް ވުމުން ރިޔާސީ ބަޔާނަށް އެ ޕާޓީ ރައްދުދޭން ނުޖެހޭނެ ވާހަކަ ވެސް ސިޓީގައި ހިމަނުމަށް ނިންމާފައިވާ ކަމަށް މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަގުލަބިއްޔަތުން އިއްޔެ ނިންމި ނިންމުންތަކުގެ މައްޗަށް ބަރޯސާވެ މިއަދު މަޖިލީހުގެ ރައީސްއަށް އެމްޑީޕީއިން ސިޓީއެއް ފޮނުވާނެ އެވެ. އެ ސިޓީގައި މައިގަނޑު ގޮތެއްގައި ވާނީ ގަވާއިދަށް އިސްލާހު ގެންނަން ތާއީދު ނުކުރާ ވާހަކަ އެވެ. އަދި ރިޔާސީ ބަޔާނަށް ރައްދުދޭން ނުޖެހޭނެ ވާހަކަ އެވެ.
"އުސޫލެއްގެ ގޮތުން އަޅުގަނޑުމެން ގަބޫލު ނުކުރާކަމެއް ކުރުމަށް [މަޖިލިސް ގަވާއިދު އިސްލާހު ކުރުމަށް] ފުރުސަތެއް ނުދެވޭނެ. މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަހަކަށް ވުމަށްވުރެ ބޮޑަށް އަޅުގަނޑުމެން އެދޭނަން އެކަން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ވަކި ހާލަތެއް މެދުވެރިވެއްޖެ ހިނދެއް ނޫނީ އެކަން ކޮންމެހެން ކުރަންޖެހިއްޖެނަމަ ނޫނީ ނުކުރުމަށް،" އޭނާ ވިދާޅުވި އެވެ.
އަމިއްލަ އިސްނެގުމަކުން ފެށި މަޝްވަރާތަކުގެ މޭޒާ ދުރަށް ވާހަކަތައް އެމްޑީޕީން ދެއްކުމަކީ މަޖިލިސް ހުއްޓުވުމުގެ ބަހަނާއަކަށް ނުވޭބާ އެވެ. މަޖިލީހުގެ ނައިބު ރައީސް ދާދިފަހުން ވިދާޅުވެފައި ވަނީ މަޖިލިސް ހުއްޓުވުމަށް ޖާގަ ނުދެވޭނެ ކަމަށެވެ. އަދި މަޖިލިސް ހުއްޓުވުމަކީ ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ވާޖިބަށް ހުރަސް އެޅުން ކަމަށެވެ. އެހެންވެއްޖެ ނަމަ ޖިނާއީ ދާއުވާއަކަށް މަގު ފަހިވުމުގެ ފުރުސަތު ބޮޑެވެ.