16 Jul 2022, 19:32
މާލެ ސަރަހައްދުގެ މީހުން ޕިކްނިކް ދިއުމަށް ޓަކައި ސަރުކާރުން ތަރައްގީކުރާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ކަރަންޓު ދިނުމަށްފަހު، އެރަށް ފުރަތަމަ ފަހަރަށް ދިއްލާލައިފިއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ ކުންފުނީގެ ދައުރަކީ ކުޑަގިރީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމާއި މަގުބައްތި ހަރުކުރުން ކަމަށެވެ. އެގޮތުން މަގުބައްތިއާއި ޑިސްޓްރިބިއުޝަންގެ މަސައްކަތް ނިމާލުމަށްފަހު ވަގުތީ ކަރަންޓުން މުޅި ރަށް ދިއްލާލީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް އެޅުމަށް، އަޅުގަނޑުމެން ވަޅުލީ 3000 މީޓަރުގެ ކޭބަލް. އަދި ޑިސްޓްރިބިއުޝަން ފޮށިތައް ހަރުކޮށް ނިންމުމަށްފަހު، ހުރިހާ ކަނެކްޝަނެއް ވެސް ނިންމާލެވިއްޖެ. މި ރަށް ހަދަމުން އަންނައިރު ރަށް އެކީގައި ޓެސްޓް ކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް މި ދިއްލާލީ. ދެން ޕަވާ ހައުސް އެޅުމާއި އެހެނިހެން މަސައްކަތް ކުރަނީ ފެނަކައިން،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރު ޒާހިރު އުސްމާން "ސަން"އަށް ވިދާޅުވީ އިތުރު މައްސަލައެއް ދިމާނުވާ ނަމަ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުޑަގިރީގައި އަޅާ އިންޖީނުގޭގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ބޭނުން ކުރަން ފެށޭނެ ކަމަށެވެ.
ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށް ޓަކައި ބިން ހިއްކާފައިވަނީ އެމްޓީސީސީގެ ފަރާތުންނެވެ. އަދި މިރަށް ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރަމުންގެންދަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ.
ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑުގެ މަސައްކަތް ނިންމާ މިމަހުގެ 26 ވަނަ ދުވަހު އެރަށް ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނައިރު، މި މަޝްރޫއަށް ޚަރަދުވަނީ 41 މިލިއަން ރުފިޔާއެވެ.
ކުޑަގިރީގައި ގާއިމުކުރަމުންގެންދާ ވަސީލަތްތަކުގެ ތެރޭގައި އެރައިވަލް ޖެޓީއާއި އެރަށަށް ދަތުރުދާ މީހުންނަށް މެހްމާންދާރީ އަދާކުރުމަށް ޓަކައި ތަރައްޤީކުރާ ރިސެޕްޝަނާއި، މިސްކިތް އިމާރާތާއި ޕަވާ ހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކެއް ހުންނާނެއެވެ.