16 Jul 2022, 16:56
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 މިނީ ބަސް މިހާރު މާލެ ގެނެސްފައިވާކަމަށް, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
މިއަދު އެމްޓީސީސީ އިން ކުރި ޓުވީޓެއްގައި ބުނީ މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި 36 މިނީ ބަސް މިހާރު މާލެ ގެނެސްފައިވާކަމަށް ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ޕޯޓު ކްލިއާ ކުރުމުގެ މަސައްކަތް ކަމަށާއި އެކަމުގެ މައުލޫމާތުތައް ކުރިއަށްދާ ވަރަކުން ހިއްސާ ކުރަމުން ދާނެ ކަމަށެވެ.
މިނީ ބަހުގެ ހިދުމަތް ދިނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
މިހާ ދުވަސްވާއިރު އެ ޚިދުމަތް ނުފެށި ލަސް ވަނީ އެކަމަށް ބޭނުންވާ ބަޖެޓު ނުލިބޭތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައެެވެ.
މި އަހަރުގެ ބަޖެޓުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް 16.9 މިލިއަން ރުފިޔާ ހަމަޖައްސައިފައިވީނަމަވެސް އެ އަދަދަކީ އެ ހިދުމަތް ފެށޭ ވަރަށް ވުރެ މާ ކުޑަ އަދަދެއް ކަމަށް ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދު ދަތުރު ކުރުމަށް މި ފަހުން އެމްޓީސީސީއިން ވަނީ ބޮޑެތި ބަސްތަކެއް ވެސް ގެނެސްފައެވެ.