ކ. ދިއްފުށީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކަށް ރަށުގެ ރައްޔިތުން ނިކުމެ، އަނިޔާ ކުރުމަށްފަހު ފުލުހުންނާ ހަވާލުކޮށްފިއެވެ.

މި ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރީ ރަށުން ބޭރުން އަރައި ހުރި ފިރިހެނެކެވެ. އެ މީހާއަށް ދިއްފުށީ ރައްޔިތުން ނިކުމެ، ހަމަލާދީ އަނިޔާ ކުރަން ފެށީ، އެ ކުއްޖާއާ ބެހިފައިވާކަން ފަޅާ އެރުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ކ. އަތޮޅު ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު 18:30ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް ބަޔަކު ހަމަލާދީ އަނިޔާ ކުރާތީ އެކަން ހުއްޓުވުމުގައި ހަރަކާތްތެރިވި ބައެއް ފުލުހުންނަށް ވެސް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ. އަދި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް ވެސް ހަމަލާ ދިނުމުގެ ސަބަބުން އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ އިތުރުން ފުލުހުންނަށާއި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާއަށް ހަމަލާ ދީފައިވާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަ ކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި އަންނަނީ ކަންބޮޑުވާ ވަރަށް އިތުރުވަމުންނެވެ.