ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅި ތަކަކާއި ބިޔަރު ދަޅުތަކެއް ނައްތާލައިފިއެވެ.

ފުލުހުން މިއަދު ނައްތާލާފައިވަނީ މާފަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 94 ފުޅި ބަނގުރަލާއި 41 ދަޅު ބިޔަރެވެ.

މި ތަކެއްޗަކީ މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހުން ފަށައިގެން މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރީންގެ އަތުން ފެނިގެން އެމްއެންޑީއެފުން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.