14 Jul 2022, 15:06
ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ލަންކާ މީހާ ކޯޓުން ޝަރުތު ކުރުމަށްފަހު، ދޫކޮށްލައިފިއެވެ.
އިއްޔެގެ މުޒާހަރާ ތެރެއިން އެމީހާ ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެނައި ލަންކާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރު ކުރުމުން ކޯޓުން ޝަރުތު ކުރުމަށްފަހު، އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.
ކޯޓުން ކުރި ޝަތުރުތަކާ ބެހޭގޮތުން އިތުރު ތަފުސީލެއް ފުހުން ނުދެއެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މާލޭގެ އަލިމަސް ކާނިވާ ސަރަހައްދަށް ޖަމާވެ، ސްރީލަންކާގެ ރައްޔިތުން މުޒާހަރާ ކުރަން ފެށީ އެގައުމުގެ ރައީސް ގޮޓާބާޔަ ރާޖަޕަކްސަ ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން އޭނާއަށް ހިމާޔަތް ދިނުމުންނެވެ. އެ މުޒާހަރާގައި 150އެއްހާ މީހުން ބައިވެރިވިއެވެ.
މުޒާހަރާގެ ބައިވެރީން ގޮވަމުން ދިޔައީ ރާއްޖޭގައި ހުންނެވުމަށް ގޮތަބަޔައަށް ފުރުސަތު ނުދިނުމަށެވެ. އެ މީހުން ގެންގުޅު ބައެއް ޕޯސްޓަރުތަކުގައި ގޮތަބަޔަ ވަނީ ލަންކާ ބަނގުރޫޓުކޮށްފައި ކަމަށް ލިޔެފައިވެއެވެ. އަދި ގޮތަބަޔައަށް ރާއްޖެއިން ހިމާޔަތް ނުދިނުމަށް އެމީހުން ގޮވާލިއެވެ.
ލަންކާގައި ކައްކާ ގޭހާއި ތެލާއި ބޭސް ފަދަ ޒަރޫރީ މުދަލުގެ ދަތިކަން ކުރިމަތިވުމުން އެގައުމުގެ ރައްޔިތުން ސިލްސިލާ މުޒާހަރާތައް ބާއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ބޭއްވި މުޒާހަރާތައް ހޫނުވުމުން، މިދިޔަ މެއި މަހު އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވިއެވެ.