14 Jul 2022, 01:35
ހައި ޕްރޮފައިލް ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރުގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރީ އިއްޔެއެވެ.
އަލަމްގީރު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު މެންދުރުފަހު 15:00 ހާއިރު އޭނާ ދިރިއުޅޭ ގެސްޓް ހައުސްގައި ހުއްޓައެވެ. އެއީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެކެވެ.
މިކަމާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ.
އަލަމް ގިރިއާ އެކު ހައި ޕްރޮފައިލް ދެ ބޭފުޅަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)އެވެ.
އެ އެންމެންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.
އަލަމް ގިރި މައާފަށް އެދި ތައުބާވާ ވީޑިއޯއެއް މީގެކުރިން ވަނީ "ސަން"އަށް ލިބިފައެވެ. އެ ވީޑިއޯގައި އޭނާ ބުނަނީ އޭނާ އަކީ ވަރަށް ފަގީރު މީހެއްކަމަށާއި ހެވާއި ނުބައި ނޭނގޭކަމަށެވެ. އަދި އޭނާ ތައުބާ ވެފައިވާކަމަށާއި ދިވެހި ރައްޔިތުން އޭނާ އަށް މާފުކޮށްދިނުމަށް އަލަމްގިރި ވަނީ އެދިފައެވެ.
"އަހަރެން ތައުބާ ވެއްޖެއިން. މި ރާއްޖޭ ހުރިހާ މީހުން އަހަރެން މާފުކުރާދީބަލަ،" އޭނާ ބުންޏެވެ.