ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުން، ކޮލޮމްބޯގައި ހުންނަ ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެފިއެވެ.

ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން އެގައުމުގައި މުޒާހަރާތައް ހޫނުވުމުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ކުއްލި ހާލަތު އިއުލާން ކުރައްވާފައެވެ. އެއާއެކު ބޮޑުވަޒީރުގެ އޮފީސް ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ މީހުން ފުލުހުންގެ ސަފުތައް ފޫޅޫއަޅުވާލައި، އޮފީސް ތެރެއަށް ވަދެގަނެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެފައިވާ މީހުން ދަނީ ފުރާޅު މައްޗަށް އަރައި ގައުމީ ދިދަ ވިހުރުވަމުންނެވެ. އަދި އެ އޮފީހުގައި ރަސްމީ ބައްދަލުވުންތައް ބާއްވާ ކޮޓަރީގައި ބައެއް މީހުން އެއްވެ، ފޮޓޯ ނަގަމުންދެއެވެ.

އެ މީހުން އޮފީސް ތެރެއަށް ވަދެގަތް އިރު ރަނިލް އެތަނުގައި ނޫޅުއްވާ ކަމަށް ބީބީސީއިން ވަނީ ރިޕޯޓުކޮށްފައެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، މިދިޔަ ހޮނިހިރު ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ ރަނިލްގެ އަމިއްލަ ގެކޮޅުގައި ވެސް ރޯކޮށްލައިފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރު ވެސް ހިސާރުކޮށްފައެވެ.

މިދިޔަ ހަފުތާ ބަންދުން ފެށިގެން ލަންކާގައި ފިއްލަވައިގެން އުޅުއްވި ގޮތަބަޔަ ވަނީ އެމެރިކާއަށާއި ދުބާއިއަށް ފިއްލަވަން މަސައްކަތް ކުރައްވާފައެވެ. އެ މަސައްކަތް ނާކާމިޔާބުވުމުން ގޮތަބަޔަ ވަނީ ރޭ ދަންވަރު ކުއްލި ގޮތަކަށް ރާއްޖެވަޑައިގެންފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ގޮތަބަަޔަ ވަނީ މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރާއްޖޭގައި ހުންނަވައިގެން އެ މަނިކުފާނު ވަނީ ވެރިކަމުގެ ބާރުތައް ރަނިލްއާ ހަވާލުކުރައްވާފައެވެ.

އޭގެ ސަބަބުން ގޮތަބަޔަ އިސްތިއުފާ ދެއްވާނެ ކަމާ މެދު ސުވާލު އުފެދުމުން، އެގައުމުގެ ޕާލިމެންޓުގެ ރައީސް ވަނީ ގޮތަބަޔަ މިއަދު އިސްތިއުފާ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އަންނަ ބުދަ ދުވަހު އާ ރައީސަކު ހޮވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލަންކާގައި ކައްކާ ގޭހާއި ތެލާއި ބޭސް ފަދަ ޒަރޫރީ މުދަލުގެ ދަތިކަން ކުރިމަތިވުމުން އެގައުމުގެ ރައްޔިތުން ސިލްސިލާ މުޒާހަރާ ބާއްވާތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ބޭއްވި މުޒާހަރާތައް ހޫނުވުމުން، މިދިޔަ މެއި މަހު އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވިއެވެ.