މިޝްޔާ ޑްރަގްގެ ވަބާގެ ތެރެއަށް ވަންނަން ދިމާވީ ކީއްވެހެއްޔެވެ؟ އާއިލީ މައްސަލަައެއްގެ ސަބަބުން ހެއްޔެވެ؟ ނޫނީ ދިމާވި އެކުވެރިންތަކެއްގެ ސަބަބުންހއްޔެވެ؟ ނޫނީ ޙަޔާތުގައި ދިމާވި ހިތްދަތިކަމެއްގެ ސަބަބުންހެއްޔެވެ؟ އެކަކަށްވެސް ނޭނގޭ ހަޤީގަތެއް އެކަމުގެ އަޑީގައި ވަނީ ހެއްޔެވެ؟ ފޮރުވިފައިވާ ސިއްރެއް ވަނީހެއްޔެވެ؟

ތަފާތު އެކިއެކި ޚިޔާލުތަކުން ނާޒިލްއަށް އުނދަގޫވަމުންދިޔައެވެ. މިޝްޔާއާ މެދު އޭނާގެ ހިތުގައި ވަނީ ބޮޑު ޝައުގުވެރިކަމެއް އުފެދިފައެވެ. އެއީ ކީއްވެ ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. މިޝްޔާގެ ދިރިއުޅުމާ ބެހޭގޮތުން ގިނަ ކަންތައްތަކެއް އެނގެން އޭނާ ބޭނުންވެއެވެ. މިޝްޔާ އެ ޙާލަތަށް ވެއްޓުމުގެ ސަބަބަަކީ ކޮބައިކަން އެނގޭހިތުން އޭނާ ވަނީ ކެތްމަދުވެފައެވެ.

ނައިޓްބްލޫ ގެއާ ކައިރިވުމުން ނާޒިލް މާކިންއަށް ގުޅައިލިއެވެ.

މާކިން ބުނީ ގެއަށް ވަނުމަށެވެ. ދޮރުވާނަކަށް ހުރި މީހާ ގޭޓު ހުޅުވައިލަދިނުމާއެކު އޭނާ ކާރު ވައްދައިލިއެވެ. ގޭގެ ދޮރުމަތީގައި ހުރި މާކިން އޭނާގެ ލޮލުގައި އަޅައިގަތުމާއެކު އެއްފަރާތުގައި ކާރު ބާއްވާލާފައި، އޭނާ އައިސް މާކިންއާ އަރާ ހަމަކުރިއެވެ.

"ހިނގާ އެތެރެއަށް..." މާކިން ބުނެލިއެވެ. ވަށައިގެން ނާޒިލް އެގޭ ތެރެއަށް ނަޒަރު ހިންގައިލިއެވެ. ބަލައިލި ކޮންމެ ދިމާލަކުން ވެސް ގޭގެ ބޮޑުކަމާއި ހައިބަވަންތަކަން ރަމްޒުކޮށްދެމުން ދިޔައެވެ.

"ކޮބާ މިޝްޔާ..." ނާޒިލް ސުވާލުކޮށްލިއެވެ.

"ސްޓަޑީގައި އެބައިން... ހިނގާ" މާކިން ގެ ފަހަތުން ނާޒިލް ހިނގައިގަތެވެ. އެ ހިސާބަށް އާދެވުމުން ނާޒިލް ގާތު އެތެރެއަށް ވަނުމަށް ބުނުމަށްފަހު މާކިން މަޑުކޮށްލީ ބޭރުގައެވެ. ނާޒިލް އެތެރެއަށް ވަދެލިއިރު، މިޝްޔާ އިނީ އެއްފަރާތުގައި ބަހައްޓާފައި ހުރި ސޯފާގައެވެ.އިސްޖަހާލައިގެން އެއް އަތުން ނިތުގައި އަތް ޖައްސާލައިގެން އިންގޮތުން އޭނާ އެއިނީ ވަރަށް ފުން ވިސްނުމެއްގައިކަން ދޭހަވެއެވެ. މިޝްޔާ ގެއްލިފައި އިން ވަރުން އޭނާއާ ކައިރިއަށް އައިސް ނާޒިލް މަޑުކޮށްލިއިރުވެސް، އޭނާއަށް ރޭކާ ނުލައެވެ.

"މިޝްޔާ..." ނާޒިލް ގޮވައިލީ އިރުކޮޅަކު މަޑުކޮށްލުމަށްފަހުވެސް އޭނާއަށް މިޝްޔާގެ އެއްވެސް ކަހަލަ ސަމާލުކަމެއް ނުލިބުމުންނެވެ. މިޝްޔާގެ މޫނުމަތީގައިވީ އަަސަރުތައް ދެނެގަންނަން ނާޒިލް މަސައްކަތް ކުރިއެވެ. އޭނާއަށް އެ މޫނުމަތިން ފެންނަނީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ. އެތަކެއް އިޙްސާސްތަކެކެވެ. ނާޒިލްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު މިޝްޔާއަށް ސިހުން ލިބިގެން ދިޔައެވެ. އޭނާ އިސް އުފުލައިލިއެވެ. އެގޮތަށް ނާޒިލް ފެނުމުން މިޝްޔާގެ މެއަށް ފިނިވެލިއެވެ. އެ އަޅިކުލައިގެ ދެލޯ އޭނާއަށް ސިފަވަނީ ފުންމިން ނޭނގޭ ކަނޑެއްގެ ސިފައިގައެވެ. އެ ކަޅުކަން ގަދަ ބުމައާއި އެ ފިރިހެންވަންތަ ސިފަތަކަށް އޭނާއަށް ހިތާ ހިތުން ތަޢުރީފް ކުރެވުނެވެ.

'އަހަރެން އިށީނަސް އޯކޭތަ؟" ޖެހިގެން ހުރި ސޯފާއަށް އިޝާރާތްކޮށްލަމުން ނާޒިލް ބުނެލިއެވެ. މަޑުމަޑުން މިޝްޔާ ބޯ ޖަހައިލިއެވެ. ލުއި ހިނިތުންވުމެއް މިޝްޔާއަށް ހަދިޔާކޮށްލުމަށްފަހު ނާޒިލް އިށީނދެލިއެވެ.

"މިޝްޔާ ކިހިނެއް؟" ނާޒިލް ސުވާލުކޮށްލިއެވެ، މިޝްޔާއަށް ބުމަ އަރުވައިލެވުނެވެ.

"އަހަރެން ބުނީ މިޝްޔާ ކިހިނެއްހެއްޔޭ؟" ނާޒިލް އަނެއްކާވެސް ސުވާލުކޮށްލިއެވެ. އޭނާ ބޭނުންވީ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން މިޝްޔާއާ ވާހަކަ ދައްކާށެވެ. މިޝްޔާ އޭނާގެ ވާހަކަތައް ކިޔައިދިނުމަށް އިތުބާރު ބޭނުންވާނެކަން ނާޒިލްއަށް އެނގެއެވެ. އަދި އޭނާއަށް އެ އިތުބާރު ހޯދޭނީ މިޝްޔާއާ ވީހާވެސް ގާތްކޮށް ވާހަކަ ދައްކައިގެންނެވެ.

"އަހަރެން ކިޔައިގެން ވާހަކަ ދެއްކިޔަސް މައްސަލައެއް ނެތް ދޯ މިޝްޔާ..." ނާޒިލް ބުނެލިއެވެ. ނާޒިލްގެ އެ ސުވާލަށްވެސް މިޝްޔާ ބޯ ޖަހައިލިއެވެ. ހަޤީގަތުގައި އޭނާ އިނީ ކުޑަކޮށް ޖެހިލުންވެފައެވެ. އެކަން ނާޒިލްއަށް އެނގޭވެސް މެއެވެ.

"މިޝްޔާއަށް އެނގޭ ދޯ އަހަރެން މިޝްޔާ ކައިރިއަށް މިއައީ ކީއްވެގެންކަން..." ނާޒިލް އަނެއްކާވެސް މިޝްޔާއާ ސުވާލެއްކޮށްލިއެވެ. މިފަހަރުވެސް މިޝްޔާ ބޯ ޖަހައިލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.

"އަހަރެމެން ދެމީހުން ދެމެދު ދެކެވޭ ވާހަކައިގެ ކޮންފިޑެންޝިއަލިޓީ މެއިންޓެއިން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަހަރެން މިޝްޔާއަށް ދެން. ފަރުވާ ފެށުމުގެ ކުރިން އަހަންނަށް އެނގެން ޖެހޭ ބައިވަރު މައުލޫމާތުތައް ހުންނާނެ. މި ބުނަނީ މިހާރުން މިހާރަށް ހުރިހާ އެއްޗެއް ކިޔައިދޭށެކޭ ނޫން. މިޝްޔާއަށް ވާ އުނދަގޫތައް ކިޔައިދިނީމަ އަހަންނަށް ބޭސް ފެށޭނީ... އޭރުން މިޝްޔާއަށް ލުއި ވާނެ. މަޑުމަޑުން ތިކަމުން އަރައިގަންނަން އޭރުން ފަސޭހަވާނެ..." ނާޒިލް މިޝްޔާއަށް ބަލައިލިއެވެ. އެ ވާހަކަތައް ކަނުލާ އަޑުއަހަން އިން މިޝްޔާ އިނީ އިސްޖަހާލައިގެންނެވެ.

"އަހަރެން..." މިޝްޔާ ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލިއެވެ.

"ކީކޭ؟ މިޝްޔާ އެއްޗެއް ބުނަން އުޅުނިންތަ؟" ނާޒިލް ސުވާލުކޮށްލުމާއެކު ނޫނެކޭ ބުނުމުގެ ގޮތުން މިޝްޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

އިތުރަށް މިޝްޔާއާ ސުވާލުކުރާކަށް ނާޒިލްވެސް މަސައްކަތެއް ނުކުރެއެވެ. އޭނާ ދެން ބޮޑަށް ވާހަކަ ދެއްކީ މިޝްޔާއަށް ވާ އުނދަގޫތަކާ ބެހޭގޮތުންނެވެ. ނާޒިލް ވާހަކަ ދެއްކި ނަމަވެސް ގިނަ ފަހަރު އެއަށް މިޝްޔާ ޖަވާބު ދެނީ އާނ ނުވަތަ ހޫމް އަކުންނެވެ. ނުވަތަ ބޮލުންނެވެ. މިޝްޔާ ލައްވާ ގަދަކަމުން ވާހަކަ ދައްކުވާކަށް ނާޒިލް މަސައްކަތެއް ނުކުރެއެވެ. މިޝްޔާއަށް ވަގުތު ބޭނުންވާނެކަން އޭނާއަށް އެނގެއެވެ. މިޝްޔާގެ އެ މަޑުމައިތިރިކަމުގެ މާނަ އެތައް ގޮތަކުން ނާޒިލްއަށް ނެގުނެވެ. ހަޤީގަތުގައި މިޝްޔާ އެކަމުން ސަލާމަތްވާން ބޭނުންވާކަން އޭނާއަށް ފަހުމްވިއެވެ. އެހެންނަމަވެސް، އެއީ ކުރަން ފަސޭހަ ކަމެއް ނޫންކަން ނާޒިލްއަށް ވެސް އެނގެއެވެ. މިޝްޔާއަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ނެތީކަން ނާޒިލްއަށް ދެނެގަނެވުނެވެ. މިޝްޔާގެ މޫނުމަތިން މާޔޫސްކަމުގެ ކުލަވަރު އޭނާއަށް ފެނުނެވެ. އެއީ ކަމެއް ސިއްރުކުރަން މަސައްކަތްކުރަމުންދާފަދަ ކުލަވަރުތަކެކެވެ. މާނަފުން ޖަޒުބާތުތަކަކާ އިޙްސާސްތަކެކެވެ.

ކުރިމަތީގައި ނާޒިލް އިނުމުން މިޝްޔާ ހިތްވަރުކުރަން މަސައްކަތް ކުރިއެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްކުރަން މަސައްކަތްކުރަމުންދިޔަ ނަމަވެސް އެ ވޭނުން މީހާ ހަލާކުވާން އުޅޭ ފަދައެވެ. ބަރުދާސްތުކުރަން ދަތި ހިތާމަތަކަކުން މީހާ ކަސްތޮޅު އެޅޭފަދަ އިޙްސާސްއެއް މިޝްޔާއަށް ކުރެވެމުން ދިޔައެވެ. ހީވަނީ ފުންމިން ނޭނގޭ ކަނޑަކަށް ޣަރަގުވަނީހެންނެވެ. އެހީތެރިކަމަކަށް އެދި އޭނާގެ ނަފްސު ހަޅޭއްލަވަމުން ދިޔަނަމަވެސް އެ އަޑު އެއްވެސް މީހަކަށް ނީވޭފަދައެވެ. ގިސްލާ ރޮމުން ދިޔަ ހިތުގައި އަތް އަޅައިލުމަށްފަހު އެ ހުރިހާ އިޙްސާސްއެއް ހިންދައިލަން މިޝްޔާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކުރަމުންދިޔަ މަސައްކަތް ފެނަށްވެ އޭނާގެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އަތުގެ ނުފުށުން ދެލޯ ފުހެލި މިޝްޔާ ފުންނޭވާއެއް ލީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. ތުންފަތުގައި ދަތް އަޅައިލަމުން އޭނާ އަތް މުށްކަވައިލިއެވެ.

މިޝްޔާ އޭނާގެ ދެލޯ އަތުގެ ނުފުށުން ފުހެލިތަން ނާޒިލްއަށް ފެނުނެވެ. ކެތްކުރެވޭނޭ އެންމެ މައްޗަކަށް މިޝްޔާ ކެތްކުރިކަން އޭނާއަށް އެނގުނެވެ. މިޝްޔާގެ ދެލޮލަށް ޖަމާވި ކަރުނަތައް އޭނާގެ އެސްފިޔަތަކާ ޖަދަލުކުރުމަށްފަހު ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ދިޔަތަން އޭނާއަށް ރީތިކޮށް ފެނުނެވެ. އެމޫނުމަތިން އޭނާއަށް ފެންނަނީ ހިތްހަލާކުވާފަދަ އަސަރުތަކެކެވެ. އެ ދެލޮލުގައި ވަނީ ބުނެދޭން ނޭނގޭ ފަދަ ހުސްކަމަކަކާއި ހިތްދަތިކަމެކެވެ. މިޝްޔާގެ ޙަޔާތުގައި ނޭނގޭ އެތަކެއް ކަންތައްތަކެއް ވަނީކަމުގައި ނާޒިލްއަށް ޔަޤީން ކުރެވުނެވެ. އެ ދެލޮލުން އައި ކަރުނަތައް ފެނުމާއެކު އޭނާއަށް ޙަމްދަރުދީ އެކުލެވިގެންވާ ބެލުމަކުން މިޝްޔާއަށް ބަލައިލެވުނެވެ. ނާޒިލްއަށް އަވަސް ނަޒަރެއް ދިނުމަށްފަހު، މިޝްޔާ ކަރުނަތައް ފުހެލިއެވެ.

މިޝްޔާ ކުއްލިއަކަށް ތެދުވުމުން ނާޒިލްއަށް ހައިރާންކަމެއް ލިބުނެވެ. އޭނާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ މިޝްޔާ ހިނގައިގަތީ ދޮރާ ދިމާލަށެވެ. ބާރުބާރަށް މިޝްްޔާ ނުކުމެގެން ދިޔަ މަންޒަރު ބަލަން ނާޒިލް އިނުމަށްފަހު، އޭނާ ތެދުވެލިއެވެ. މިޝްޔާ ހުއްޓުވާކަށް އޭނާ އިތުރު މަސައްކަތެއް ނުކުރެއެވެ.

މާކިން ފޯނެއްގައި ހުރެފައި ފަސް އެނބުރުނު ވަގުތު މިޝްޔާ ބާރުބާރަށް ސިޑިއާ ދިމާލަށް ދިޔަ މަންޒަރު އޭނާގެ ލޮލުގައި އަޅައިގަތެވެ.

"އޭ އަހަރެން އެބަ ގުޅަން..." އެހެން ބުނުމަށްފަހު މާކިން އަވަސް އަވަހަށް އޭނާގެ ފޯނު ބޭއްވިއެވެ. މިޝްޔާއަށް ގޮވައިލިނަމަވެސް، އެ އަޑު އެހުމެއްނެތި މިޝްޔާ މައްޗަށް އަރައިގެން ދިޔައީއެވެ. އެ ދިމާލަށް އަންނަމުން ދިޔަ ނާޒިލް މާކިންގެ ލޮލުގައި އަޅައިގަތުމާއެކު، އޭނާ ނާޒިލްއަށް ބަލައިލީ ސުވާލުން ފުރިގެންވީ ބެލުމަކުންނެވެ، ނާޒިލް އައިސް މާކިންގެ ކޮނޑުގައި އަތް ޖައްސައިލުމަށްފަހު ހާސްނުވުމަށް ބުންޏެވެ.

"ދެން ކީއްވެ މިޝޫ..."

"ޝީ ނީޑްސް ޓައިމް. ރަނގަޅުވާނެ... ޑޯންޓް ވޮރީ. އަހަންނަށް އިތުބާރުކޮށްބަލަ!" ނާޒިލް ބުނެލިއެވެ.

"އަހަރެން ދަންތަ؟" މާކިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ނޯ. މިގަޑިއަކު ނޫން. ފަހުން ވާހަކަ ދައްކާނީ..." ނާޒިލް ބުނެލިއެވެ.

"އޯކޭ. އަހަރެން އެބަ އޮތޭ ވާހަކައެއް ދައްކަންވެފަ." މާކިން ބުނެލިއެވެ.

"ކިޔާބަލަ!"ނާޒިލް ބުނެލިއެވެ.

"ހިނގާ ކޮފީއެއް ބޯން ޓެރެސްއަށް..." މާކިން ބުނެލިއެވެ.

(ނުނިމޭ)